ހިންމަފުށިން މީހަކު ހައްޔަރުކޮށްފި

ކ. ހިންމަފުށީގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި އޭނާ އުޅެމުންދާ ގެއިންނެވެ.

ހިންމަފުށި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އޭނާ އުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްެޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި 8 ރަބަރު ޕެކެޓާއި 4 ސެލޯފިންކޮޅު ފެނިފައިވެއެވެ. މީގެއިތުރުންވެސް އެގެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ގިނަ ޢަދަދެއްގެ ހުސް ރަބަރު ޕެކެޓާއި ސެލޯފިންކޮޅުތަކެއް ފެނިފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.