މިއަދު ދިވެހިރާއްޖޭގައި "މިނިވަން ފިކުރު"ގެ ގޮތުގައި ބަޔަކު ނަން ދީގެން އުޅޭ ލާދީނިއްޔަތުގެ އަހުލުވެރި ޖާހިލުން އިސްލާމް ދީނަށް ތައުހީނުކޮށް ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ﷲގެ ވޮޑިގެންވުމަށް އިންކާރުކޮށް ނެރެފައިވާ ޖާހިލު "ރިޕޯޓު" ގައި އިސްރާއާއި މިޢުރާޖަކީ ފުލޯކެއް ކަމަށް ވިސްނައިދޭން މަސައްކަތްކޮށްފައިވެއެވެ. މި ކަމުން ސާބިތުވާ ހަގީގަތަކީ މި ރިޕޯޓު ނެރުނު ބަޔަކީ ހިތުގެ ލޯ ކަނުވެފައިވާ ޖާހިލުންކަމެވެ.
އަޅުގަނޑު މިހެން މި ދަންނަވަނީ ސާބިތުކަމާއެކީގައެވެ. އާދޭހެވެ! ތިމާއަށް ނޭނގޭ ކޮންމެ ކަމަކީ، ތިމާގެ ޢިލްމު ނުފޯރާ ކޮންމެ ކަމަކީ ނާހަގީގީ ފުލޯކެއް ކަމަށް، އެއީ ނުވާކަމެއް ކަމަށް ވަކާލާތުކުރުމަކީ ޖާހިލިއްޔަތުގެ އިންތިހާއެވެ. މީހަކު ޢިލްމު އުނގޭނޭން މަސައްކަތް ކުރާނީ އެންމެ ފުރަތަމަ އޭނާއަށް ނޭނގޭކަމަށް ގަބޫލުކުރެވިގެންނެވެ. އެންމެ ފުރަތަމަ ދަސްކުރާން ޖެހޭނީ ތިމާއަށް ނޭނގޭކަމެވެ. މިކަން ނޭނގި ނުވަތަ ދަސްނުކޮށް އޭނާއަށް އެއްޗެއް ދަސްކުރާކަށް ނޫޅެވޭނެއެވެ.
ޢިލްމު އުނގެނޭ މީހާއަށް އެންމެ ފުރަތަމަ ދަސްވާނެ ކަމަކީ ނޭނގޭކަމެވެ. އިންސާނާއަށް ހޯދިފައިވާ ޢިލްމުގެ މިންވަރުގެ މަދުކަމެވެ. އޭގެބަދަލުގައި ނޭނގޭ މީހަކަށް ނޭނގޭކަން ވެސް ނޭނގޭނެއެވެ. ނަފުސާނީ ޢިލްމުގެ ތިއަރީއެއްގައި ވާ ގޮތުން "އުނގެނިފައިވާ މީހަކަށް އެނގޭ މިންވަރަށް ވުރެ، ޖާހިލަކަށް އެނގޭ މިންވަރު ބޮޑުކަމަށް އެ ޖާހިލު މީހާގެ އަމިއްލަ ނަފުސަށް ގަބޫލުކުރެވޭނެ އެވެ." "ޔުނިވަރުސިޓީ އޮފް މިޝިގަން"ގެ ނަފުސާނީ ޢިލްމުވެރިއެއް ކަމުގައިވާ ޑޭވިޑް ޑަނިންގ މި ހަގީގަތް ހާމަކޮށްފައިވެއެވެ.
އިންސާނާ އުނގެނުނު ވަރަކަށް އޭނާއަށް ދަސްވާނީ ތިމާއަށް ނޭނގޭ މިންވަރެވެ. ދަސްކުރާންޖެހޭ އެއްޗިއްސާއި ކަންކަމުގެ ގިނަކަމެވެ. އާދޭހެވެ! ކުރީން އެނގިފައިނުވާ ކަންކަން ދަސްވާނީ އިތުރަށް ދަސްކޮށްގެންނެވެ. އިތުރު ހޯދުންތައް ހޯދައިގެންނެވެ.
އިސްރާއާއި މިޢުރާޖުގެ ހަގީގަތަށް ބަލާއިރު އިސްރާ އަކީ ކައުސާހިބާ (صلى الله عليه وسلم) ގެ ރޭގަނޑުގެ މުޢުޖިޒާތީ ދަތުރުފުޅެވެ. މައްކާގެ ޙަރަމުން ބައިތުލް މަޤްދިސަށް ކުޑަ ހިނދުކޮޅެއްގައި ކުރެއްވި ދަތުރުފުޅެވެ. ﷲގެ ކުޅަދުންވަންތަކަމުން އިންތިޒާމުކޮށްދެއްވި އާދަޔާ ޚިލާފު މަތިވެރި މުޤައްދަސް ދަތުރުފުޅެކެވެ. މިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވެވެއެވެ. "سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ البَصِيرُ" ("އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން، އަލްމަސްޖިދުލްއަޤުޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ.") (سورة الإسراء:01)
ޤުރުއާނުގައިވާ މި ޙަޤީޤަތް ދޮގު ކުރެވެން ނެތީ، ޤުރުއާނުގައިވާ ޙަޤީޤަތްތައް ސައެންސްގެ އަލީގައި ހޯދިފައިވާ ހުރިހާ ހޯދުންތަކަކުން ސާބިތުކުރެވިފައިވާތީއެވެ. އެއީ ﷲ ގެ ކަލާމުފުޅުކަން ސާބިތުވާޓީއެވެ. ސައެންސްވެރީން ނުހަނު ބުރަ މަސައްކަތުން މިޒަމާނުގައި ހޯދައިފައިވާ އެތައް ހޯދުމެއް، ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްދެއްވައިފައެވެ. މާމުއިގެ ފައިދާއާއި، ފިންގަރޕްރިންޓްއާއި އިޙުސާސްކޮށްދޭ ގުނަވަނަކީ ހަން ކަމާއި، ކޯރާއި ކަނޑުގެ ވަކިވުމާއި ދުނިޔެ އުފެދުނު ގޮތާއި މި ފަދަ އެތައް ސަތޭކަ ހޯދުންތަކެއް ސައެންސްގެ އަލީގައި މާ ފަހުން ހޯދުނު އިރު، މި ހުރިހައި ހަގީގަތެއް މީގެ ސާދަ ސަތޭކަ އެތައް އަހަރެއްގެ ކުރީން ކީތިރި ޤުރުއާނުގައި ބަޔާންކުރައްވައިފައި އޮތުމުން ކީރިތި ޤުރުއާނަކީ ޙައްޤު ތެދުކަން، އެ ފަދަ ހޯދުންތައް ހޯދި ސައެންސްވެރީންނަށް ގަބޫލުކުރާން މަޖުބޫރުވިއެވެ. އަދި ޤުރުއާނުގައި ބަޔާންކުރައްވައިފައިވާ އެއް ވެސް ކަމެއް ސައެންސުން ދޮގުކުރެވިފައެއް ނެތެވެ. ޤުރުއާނާ އެއް ފަދަ ޤުރުއާނެއް ނުވަތަ ޤުރުއާނުގައި ވާފަދަ ދިހަ އާޔަތް ނުވަތަ އެފަދަ އެންމެ އާޔަތެއް ހަދާން ޤުރުއާނުގައި ގޮންޖައްސަވައިފައިވާއިރު އިންސާނުންނާއި ޖިންނަށް އެކަންތައް ކުރާން ވަނީ ނުކުޅެދިފައެވެ. ޤުރުއާނުގައި މިވެނި ކަމެއް މުސްތަޤުބަލުގައި ވާނެކަމަށް ބަޔާންކުރެއްވި ހުރިހާ ކަމެއް ވަނީ ބަޔާންކުރެއްވި ގޮތަށް ހިނގައިފައެވެ. އެހެންކަމުން ޤުރުއާނުގެ ސާބިތުކަން ޢަޤުލީ ދަލީލުން ވަނީ ސާބިތުވެފައެވެ. ޤުރުއާނަކީ ޙައްޤު ތެދުކަމާއި އިންސާނެއްގެ ބަހެއް ނޫންކަމާއި ބާރުގަދަ މަތިވެރިވަންތަ ކަލެއްގެ ބާވައިލެއްވުމެއްކަން ވަނީ ޢަޤުލީ ދަލީލުންނާއި ޢިލްމީ ހޯދުންތަކުން ސާބިތުވެފައެވެ. އެހެންކަމުން އިސްރާއާއި މިޢުރާޖާ ބެހޭ ގޮތުން ޤުރުއާނުގައި އަންގަވައިފައިވާ އެންގެވުމުން އިސްރާއާއި މިޢުރާޖު ސާބިތުވެއެވެ. އަދި އޭރު ދުނިޔޭގައި ތިބި މުޝްރިކުންގެ ތަޖުރިބާއިންނާއި އެ މީހުންގެ ތަޙުޤީޤުތަކުން ވެސް އެއީ ތެދުކަން ވަނީ ސާބިތުވެފައެވެ. މައްކާގެ ވިޔަފާރި ގާފިލާތަކާ ބެހޭ ގޮތުން ކުރިމަތި ކުރެއްވި ސުވާލުތަކާއި މަސްދިދުލްއަޤުޞާ ސިފަކޮށްދޭން ކައު ސާހިބާ(صلى الله عليه وسلم) އަށް ދެންނެވި ދެންނެވުންތަކަށް އެ މާތް ސާހިބާ(صلى الله عليه وسلم) ދެއްވި ސާބިތު ތެދު ޖަވާބުތަކުން އެއީ ތެދުކަން ވަނީ ސާބިތުވެފައެވެ. މި ކަންކަން މި ހެން ހުރުމާއެކު ވެސް ޙަސަދައާއި ތަޢައްޞުބުން ފުރިފައިވާ ބަޔަކު، އީމާންނުވި ނުވުމަކީ އެހެންކަމެކެވެ. އެއީ ވެސް ޢިބްރަތެކެވެ. އިމްތިޙާނެކެވެ.
ކީރިތި ޤުރުއާނުގައި މި ވާހަކަ ބަޔާންކުރައްވައިފައިވުމުގެ އިތުރަށް ކައު ސާހިބާގެ އެތައް ޙަދީޘްފުޅަކުން މިކަން ވަނީ އިތުރަށް އޮޅުންފިލުވައިދެއްވައިފައެވެ. ކައު ސާހިބާއަކީ އަމިއްލަފުޅު ރައުޔަށް އެއްވެސް އެއްޗެއް ހަދިޘްކުރައްވާނެ ބޭކަލެއް ނޫންކަމާއި އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކީ ވަޙީކަމަށް ﷲ ވަނީ އަންގަވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. " مَا ضَلَّ صَاحِبُكُمْ وَمَا غَوَى. وَمَا يَنطِقُ عَنِ الْهَوَى. إِنْ هُوَ إِلَّا وَحْيٌ يُوحَى. عَلَّمَهُ شَدِيدُ الْقُوَى. ذُو مِرَّةٍ فَاسْتَوَى. وَهُوَ بِالْأُفُقِ الْأَعْلَى" ("ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: މުޙައްމަދުގެފާނު) ޙައްޤުގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބާޠިލު އިޢުތިޤާދެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ. ބާރުގަދަ މަލާއިކަތަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ. (އެ މަލާއިކަތަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ މަލާއިކަތާ އެކަލޭގެފާނުގެ އަޞްލު ޞޫރައިގައި ޤާއިމުވެވެވަޑައިގެން ހުންނެވިއެވެ. (އެހިނދު) އެ މަލާއިކަތާ ވަނީ، އެންމެމަތީ އުދަރެހުގައެވެ.") (سورة النّجم:2~7)
އިސްރާގެ މި ޙަޤީޤަތް މިހެން ހުރިއިރު، މި ކަމަށް އިންކާރުކުރާނީ ވިސްނުން އުނި ޖާހިލުންނެވެ. "ނުދަންނަކަން ނުދަންނަ" ޖާހިލުންނެވެ. މުރައްކަބު ޖާހިލުންނެވެ. އެހެނީ ޢިލްމުގެ ތެރެއިން މާތް ﷲ ދުނިޔެއަށް ފޮނުއްވި ޒައްރާއެއްގެ މިންވަރުން މިހާތަނަށް ހޯދިފައިވާ ޢިލްމުގެ ތެރެއިން ޒައްރާއެއްގެ މިންވަރު ވެސް ނުލިބި ތިބި ބަޔަކު ހުރިހާ އެއްޗެއް އެނގޭ ކަމަށް ހީކޮށް ޢާލިމު ވަންތަ ޢަލީމުވަންތަ ޚަބީރު ވަންތަ މާތް ﷲގެ އެންވުންތަކާ ދެކޮޅަށް ވާހަކަދައްކާނީ ތަންދޮރު ނުދަންނަކަމުންނެވެ. ޖާހިލުކަމުންނެވެ. ނަފުސާނީ ނުކުޅެދުންތެރިކަމުންނެވެ. މި ފަދަ މީހުންނަށް ކައުންސެލިންގ ދޭން ޖެހެއެވެ.
މި ދެންނެވި މުޤައްދަސު މުޢުޖިޒާތީ ދަތުރުފުޅުގެ ފުރަތަމަ ބައަކީ އިސްރާކަމަށް ވާއިރު އެ ދަތުރުފުޅުގެ އަނެއް ބަޔަކީ މިޢުރާޖެވެ. އެއީ އަލްމަސްޖިދުލްއަޤްޞާއިން މަލަކޫތީ ޢާލަމަށް ކުރެއްވި މަތިވެރި ދަތުރުފުޅެވެ. މި އުއްމަތަށް މާތް ﷲ ދެއްވި މަތިވެތި ހަދިޔާކަމުގައިވާ ފަސް ނަމާދު ފަރުޟުކުރެއްވީ މި ދަތުރުފުޅުގައެވެ. މިޢުރާޖުގެ ދަތުރުފުޅަކީ ވެސް ތެދުވެރި މުއުމިނުންނާއި މުނާފިޤުން ވަކިވެގެން ދިޔަ މަތިވެރި އިމްތިޙާނެކެވެ. މިޢުރާޖާ ބެހޭ ވާހަކައަށް ކީރި ޤުރުއާނުގައި ވެސް އިޝާރާތްކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَى. فَأَوْحَى إِلَى عَبْدِهِ مَا أَوْحَى. مَا كَذَبَ الْفُؤَادُ مَا رَأَى. أَفَتُمَارُونَهُ عَلَى مَا يَرَى. وَلَقَدْ رَآهُ نَزْلَةً أُخْرَى. عِندَ سِدْرَةِ الْمُنْتَهَى. عِندَهَا جَنَّةُ الْمَأْوَى. إِذْ يَغْشَى السِّدْرَةَ مَا يَغْشَى. مَا زَاغَ الْبَصَرُ وَمَا طَغَى. لَقَدْ رَأَى مِنْ آيَاتِ رَبِّهِ الْكُبْرَى" ("އެ އަރިސްވުންވީ، ދެ ޤައުސުގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ. ދެން (اللَّه) އެކަލާނގެ އަޅާއަށް ވަޙީކުރެއްވި އެއްޗެއް ވަޙީކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ ވަޙީބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ.) އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާ މެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) އެހެން ފަހަރަކު ވެސް
އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ސިދުރަތުލްމުންތަހާގެ ކައިރިންނެވެ. އެތާނގެ ކައިރީގައި ޖަންނަތުލްމައުވާ ވެއެވެ. (އެއީ މުއުމިނުތަކުންގެ ފުރާނަތަކުގެ މަރުކަޒެކެވެ.) ސިދުރަތުލްމުންތަހާ ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.") (:9~18)
މި ޙަޤީގަތް މިހެން ހުރި އިރު އިސްރާއާއި މިޢުރާޖާ މެދު ޝައްކު އުފެއްދުމަކީ މުސްލިމަކަށް ވެ ހުރެ ކުރެވޭނެ ކަމެއް ނޫނެވެ. މި ކަމަށް އިންކާރުކުރުމަކީ ޙައްޤަށް އިންކާރުކުރުމެވެ. ﷲގެ ވޮޑިގަތުމަށް އިންކާރުކުރުމެވެ. (ނަޢޫޛު ބިﷲ).
ޖާހިލުން ހައިރާންވާ އެއް ކަމަކީ މި ދަތުރުގެ އަވަސްމިނަށެވެ. ނަމަވެސް މިއަދު ޓީވީގެ ލައިވް ޕްރޮގްރާމްތަކާއި ފެކުހާއި މުއާޞަލާތުގެ ވަސީލަތްތައް އެކަނި ވިސްނައިލިޔަސް ޢިބްރަތެއް ލިބޭނެއެވެ. މި ދެންނެވި، ފަންނިއްޔާތުގެ ކުރިއެރުންތަކަކީ ﷲ ދެއްވި ޢިލްމުގެ ކުޑަ މިންވަރެއްގެ ތެރެއިން ކުޑަ މިންވަރެއް ޙާޞިލުކުރެވިފައިވާ އިންސާނުންގެ އުފެއްދުންތަކެވެ. އެހެންވީއިރު، ޢަލީމު ވަންތަ މާތް ﷲގެ ޢިލްމުފުޅާއި ކުޅަދުންވަންތަކަމާ އަޅައި ބަލާއިރު، އެއީ ދާދި ކުޑަކުޑަ ކަމެއްކަން ވިސްނައިވަޑައިގަންނަވާކަށް ދަތިފުޅެއް ނުވާނެއެވެ. އިހު ޒަމާނުގައި ޢަރަބީން ދަތުރުގެ ބާރުމިން ވަޒަންކުރަނީ ޖަމަލުގެ ދުވެލީގެ ބާރު މިނުންނެވެ. އެއީ ގަޑިއަކު ހައެއްކަ ކިލޯމީޓަރު ބާރު މިނުގައި ދަތުރުކުރާ އެއްޗެކެވެ. ނަމަވެސް މިއަދު އަޑަށްވުރެ، އައްޔަށްވުރެ ބާރަށް ދަތުރުކުރާ އުޅަނދު ފަހަރު އިންސާނުން އުފައްދައިފި ނޫންތޯއެވެ. ގަޑިއަކު ހަލައްކަ ކިލޯމީޓަރަށްވުރެ ބާރަށް ދަތުރުކުރާ ރޮކެޓް އުފައްދައިފައިވާކަން ތިޔަ ބޭފުޅުން ދެނެވަޑައިގަންނަވާނެއެވެ. މަޝްހޫރު ސައިންސްވެރިޔާ އެލްބަރޓް އައިންސްޓަންގެ ޖެނެރަލް ރިލޭޓިވިޓީ ތިއަރީގައިވާ ގޮތުން ދުނިޔޭގެ ތަރަހައިގެ ތެރޭގައި ވަގުތު މިންކުރާ ގޮތާއި ކާއިނާތުގެ އެހެން ހިސާބުތަކުގައި ވަގުތު މިންކުރެވޭގޮތް އެތައް ގުނައެއް ތަފާތުވެއެވެ. މި ތިއަރީއަށް އެކަނި ވިސްނައިލިޔަސް ދުނިޔޭގެ ނިސްބަތުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދިގު ދަތުރެއް ކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ.
އާދޭހެވެ! އިސްރާއާއި މިޢުރާޖުގެ ހަނދާންތައް މިއަދު އަޅުގަނޑުމެން އާކުރާއިރު އެއީ ޤުރުއާނާއި ޙަދީސާއި ޢިލްމީ ގޮތުން ވެސް ސާބިތު ޙާދިސާއެކެވެ. އެއީ އިންކާރުކުރެވޭން ނެތް ހަޤީޤަތެކެވެ. މި މާތް ދަތުރުފުޅުގައި އިސްލާމީ އުއްމަތަށް މާތް ﷲ ފަރުޟުކުރެއްވި ފަސް ނަމާދަކީ ފަންސާސް ނަމާދުގެ ބަދަލުގައި އެ މިންވަރަށް ސަވާބު ލިބޭ ގޮތަށް މާތް ﷲ ދެއްވި މަތިވެރި ހަދިޔާއެއްކަން ހަނދާންކުރާންޖެހޭނެއެވެ. ﷲ އަށް ޙަމްދާއި ޝުކުރުކުރުމުގެ ގޮތުން ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ ބަރާބަރަށް ނަމާދުތައް އަދާކުރާންޖެހޭނެއެވެ. މި މަތިވެރި ހަދިޔާ ގެނެސްދެއްވި، އަދި ފަންސާސް ނަމާދު ފަސް ނަމާދަށް މަދުކުރައްވާން މަސައްކަތްކުރެއްވި ކައު ސާހިބާ (صلى الله عليه وسلم) އަށް ޞަލަވާތާއި ސަލާމާތް ލެއްވުން އެދި އަބަދާއި އަބަދު ދުޢާކުރާންޖެހޭނެއެވެ. ނަމާދަކީ މުއުމިނުންގެ މިޢުރާޖެވެ. ނަމާދަކީ ﷲއާ ކުއްތަންވާން މުއުމިނުންނަށް ދެއްވައިފައިވާ މަތިވެރި ފުރުޞަތެކެވެ.
އާދޭހެވެ! އެ މީހަކަށް ވިސްނޭނީ އެ މީހެއްގެ ފެންވަރުންނެވެ. މީގެ އެންމެ ނުރައްކާތެރިކަމަކީ ތިމާއަށް ނޭނގޭކަން ވެސް ނޭނގޭ މީހުންނަށް މި ކަންކަމާ މެދު ވިސްނާން ވެސް ނޭނގުމެވެ. ޢިލްމުގެ ފުރަތަމަ ފެށުމަކީ ތިމާއަށް ނޭނގޭކަން އެނގުމެވެ. އެހާތަނުން އުނގެނުމުގެ ޝައުޤު އުފެދޭނެއެވެ. ހަގީގަތުގައި އުނގެނުނު ވަރަކަށް ތިމާއަށް ނޭނގޭކަން ބޮޑަށް އެނގޭނެއެވެ. އެހެންކަމުން، ޢިލްމާއި ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި ޢާލިމު ވަންތަ، ޢަލީމުވަންތަ، ޤަދީރު ވަންތަ، ޤާދިރުވަންތަ ކުޅަދުންވަންތަ، ޚާލިޤުވަންތަ މާތް ﷲ ސުބްޙަނަހޫ ވަތަޢާލާ، އެލާނގެ ޚަލްޤުކުރެއްވި އެންމެ މާތް އިންސާނާއަށް ދެއްވި އިސްރާއާއި މިޢުރާޖުގެ މާތް މުޢުޖިޖާތީ ދަތުރުފުޅާ މެދު ޝައްކު އުފައްދާން މަސައްކަތްކުރާނީ އީމާންކަމުގެ ތަރަހައިގެ ތެރެއިން ބޭރުވެފައިވާ ޖާހިލުންކަމާ މެދަކު ކުޑަވެސް ޝައްކެއް ނެތެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން އިސްލާމް ދީނުގެ ހިދާޔަތުގައި ދެމި ތިބުމުގެ ތައުފީޤުދެއްވައި، ޢަޤީދާގައި ސާބިތުކަން ދެއްވުމެވެ. މަގު ފުރެދިފައިވާ މީހުންނަށް ހިދާޔަތުގެ އަލިކަމަށް އައުމުގެ ފުރުޞަތު މާތް ﷲ މިންވަރުކޮށްދެއްވުމެވެ. ކީރިތިވަންތަ މާތް ﷲ ! މި ލޮބުވެތި އިސްލާމީ ހިދާޔަތުގައި މިނިވަންކަން މަތީ އަބަދަށް ލަހައްޓަވާށިއެވެ!
(އާމީން)
އިންސާނާ އުނގެނުނު ވަރަކަށް އޭނާއަށް ދަސްވާނީ ތިމާއަށް ނޭނގޭ މިންވަރެވެ. ދަސްކުރާންޖެހޭ އެއްޗިއްސާއި ކަންކަމުގެ ގިނަކަމެވ.
Mikahala liyunthah thiyaagi kuraasheve.
Alhugan'dumen kiyaanamu eve
Shukuruveri vameve