ކޮވިޑް-19 ގެ އާލާމާތްތަކެއް ފެނިގެން ޕެރަޑައިސް އައިލެންޑް ރިސޯޓުން 8 ދިވެއްސަކާއި 2 ބިދޭސީއެއްގެ ސާމްޕަލް ނަގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަންސް އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވީ އެ މީހުންގެ ސާމްޕަލްތައް ނެގުމަށްފަހު މިހާރު ގެންދަނީ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުސޫލުގެ ދަށުން އެ ދިހަ މީހުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންއަށް ލާފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން ޝެވަލް ބްލޮންކް ރަންދެލިން މިބައްޔަސް ޝައްކު ކުރެވޭ މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރަމުންދާތީ އެރަށްވެސް ވަނީ މޮނިޓަރިންއަށްލައިފައެވެ. އެޗުޕީއޭއިން ވިދާޅުވީ ފުރަވެރި އައިލެންޑް ރިސޯޓުން ނެގި ދެ ސާޕްޕަލް ވަނީ ނެގެޓިވްވެފައި ކަމަށެވެ. އެހެން އެރަށް މިހާރުވަނީ މިނިޓަރިން އިން ނަގައިފައެވެ. ސެނަހިޔާ ފުލޫކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި އެންމެން ވެސް ވަނީ ނެގެޓިވް ވެފައެވެ. މައި ސްކައި ޔޮޓުން ނެގި ދެ ސާމްޕަލް ވެސް ވަނީ ނެގެޓިވްވެފައެވެ. އަނަންތަރާ ކިހަވަށް ރިސޯޓުން ނެގި ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައެވެ. އެރަށްވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.
މިހާރު އަދަދު ތަކަށް ބަލާއިރު 517 ސާމްޕަލެއް ނަގައި 502 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށް މިއަދު ބޭއްވި ޕްރެސްގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާލުވިއެވެ. އަދި 15 ސާމްޕަލެއްގެ ނާތީޖާ އަދި ލިބިފައެއް ނުވެއެވެ. ޕޮޒިޓިވް ވީ މީހުންގެ އަދަދު އަދި ވެސް 13 އެވެ.
މި ޕްރެސް ކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ ރަޝިޔާއިން ކޮވިޑް-19 އަށް ޝައްކު ކުރެވުނު ތިން ދިވެހން މިހާރުވަނީ އިތުރު ފަސް ދުވަހަށް ކަރަންޓީނު ކޮށްފައި ކަމަށވެ. އެމީހުންގެ ހާލަތު ދިވެހި ސަރުކާރުން ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.