މުގާބިލާ - 42

(17 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"އަހަރެމެން މިތިބީ ކޮންމެ ދުވަހެއް ވަކީން ބީމާކޮށް (އިންޝުއަރކޮށް) ޔަގީންކަން ހޯދައިގެން. ވާރޭ ވެހިގެން މެޗެއް ނުކުޅެވޭ ގޮތް ވެއްޖެއްޔާ އަހަރެމެންނަށް ޓިކެޓް ފައިސާގެ ދެގުނަ ލިބޭނެ."

ފޯރޑް ހައިރާންވިއެވެ. "ތިޔައީ ކޮން ކޮން ކަހަލަ ކުންފުންޏަކުން ދޭ ބީމާއެއް؟ ކަލޭމެން ތިބޭނީ ވާރޭ ވެހޭތޯ ދުޢާކޮށްކޮށްތާ؟"

"މީގެ މޮޅު ކަމަކީ މެޗެއް ހުއްޓާލަން ނުޖެހުނަސް ވާރޭ ވެހިއްޖެއްޔާ އަހަރެމެންނަށް ފައިސާ ލިބޭ ގޮތަށް އޮތުން."

"ތިޔައީ ވަރަށް ރަނގަޅު ގޮތެއް. ހޫނު މޫސުން އަންނާންވާއިރަށް އަހަރެމެންނާ ތިޔަ ކުންފުންޏާ ގުޅުވާލަދީ."

"މައްސަލައެއް ނެތް."

މެޗު ނިމުނީމާ ގޯލްޑްސްމިތު ބުންޏެވެ. "މިއަދު އެހެން ކަމެއް ނެތިއްޔާ އަހަންނާ އެކީ މެންދުރު ކާން ދާންވީނު؟"

"ހިނގާ."

ދެ މީހުން ސްޓޭޑިއަމުން ނުކުތް ވަގުތު ފެނުނު މަންޒަރަކުން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. ވިމްބްލްޑަންއާއި ކައިރީގައި އޮތް ސަރަހައްދުގެ ވަކި ހިސާބެއް ފިޔަވައި މުޅި ލަންޑަނަށް ބޯކޮށް ވާރޭ ވެހެނީއެވެ.

"ވާރެއިން ސަލާމަތް ވެފައި މިވަނީ ކަލޭމެން އެކަނި ދޯ؟" ފޯރޑް ބުންޏެވެ.

"މިއީ ކަން އޮތް ގޮތް." ގޯލްޑްސްމިތު ފުން ނޭވައެއް ލިއެވެ. "އެމީހާއަކީ ބޮޑު ޖާދޫގަރެއްކަން މިހާރު އަހަންނަށް ޔަގީން ވެއްޖެ."

"ޖާދުގަރެކޭ؟" ފޯރޑް އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ތިޔަ ބުނަނީ ސިހުރުގެ ވާހަކަތަ؟"

"ބޭނުން ނަމެއް އެޔަށް ކިޔާ. އެއީ ޕާކިސްތާނު މީހެއް. މޫސުމާ ބެހޭ އިދާރާއިން ވާރޭ ނުވެހޭނޭ ކަމަށް ބުނެފައި އޮތަސް ފުރަތަމަ މެޗު ނުކުޅެވޭ ވަރަށް ބޯކޮށް ވާރޭ ވެހޭނެއޭ އޭނާ ބުނި. އެ ދުވަހު ހެނދުނު ހަތެއް ޖެހީއްސުރެ ރޭގަނޑު އެގާރަ ޖަހަންދެން ވާރޭ ވެހުނު. ފުރަތަމަ މެޗު ކުޅެވޭ ގޮތެއް ނުވި. އަހަރެމެން އޭނާޔާއެކު މުއާހަދާއެއް ކުރީ ދެވަނަ ދުވަސް ފެނަށް ދާން ފެށީމާ."

"އަހަންނަށް ތިޔަ ޖާދޫގަރުގެ ފޯނު ނަންބަރު ދީ."

"މައްސަލައެއް ނެތް."

* * *

ޝައިޠާނުންގެ ލަންޑަނު ގޮފީގެ ޖަލްސާއެއް ކުރިއަށް ދަނީއެވެ. "އަހަރެން މިހާރު ކަންބޮޑުވާން ފަށައިފި." ގޮފީގެ ވެރި ޝައިޠާނާ ބުންޏެވެ.

"އެކަމަކު މި ވަގުތު ހާލަތު މި އޮތީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައި ނޫންތޯ؟" މެންބަރަކު ބުނެލިއެވެ.

"ތިޔައީ ހަމައެކަނި ވިމްބްލްޑަންގެ ވާރެޔާ ހަވާލުވީ ކަމަށް ހީކުރެވުނީމާ ޚިޔާލަށް އަންނަ ގޮތް. ވިސްނައިލަބަލަ. މިތަނުން ވިލާތައް ކަހަމުން، ދަމަމުން ގޮސް ލަންޑަނުން ބޭރު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. މިހާރަކު އެހައި ވަރަކަށް ވަސީލަތެއްވެސް ނެތް."

"މިތަނަށް އައި ޝައިޠާނުންތައް ކޮބާ؟"

"އެމީހުންގެ ތެރެއަށް އިތުރު މީހުން ލާފައި އެމެރިކާއަށް ފޮނުވައިފި. އެމެރިކާގައިވެސް ހަމަ މި މަސައްކަތް ކުރާން އޮތީ އަންގާފައި."

"އެހެންތަ؟ އެކަމަކު މިހާރު އެއް ކަމެއް ސާފުކޮށް އެނގިއްޖެ؟" މެންބަރަކު ބުނެލިއެވެ. "ވާރޭ ވެހޭ ގޮތް ހެދުމަށް ވުރެ ވާރޭ ނުވެހޭ ގޮތް ހެދުމަކީ މާ ފަސޭހަ ކަމެއް."

"ފަސޭހައީ އަހަރެމެންނަށް. އެމެރިކާއަށް ދިޔަ ލަޝްކަރު އެތިބަގެން ރޮއިނަގަނީ." ވެރި ޝައިޠާނާ ބުންޏެވެ. "އަހަރެމެންގެވެސް އެހެން މަސައްކަތްތައް މިއޮތީ ހުއްޓިފައި. ތާއަބަދު މި ތިބެނީ ވަރުބަލިވެ ލޮޑުވެފައި."

"ތެދެއް. ލައިގެންފައި މި އޮތީ ވަރަށް ބޮޑު މުސީބާތަކާ."

* * *

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ސުލައިމާން ވަރަށް ބޮޑު މީހަކަށް ވެއްޖެއެވެ. އޭނާ އުޅޭ ހިސާބުގައި އެންމެ މުހިއްމު އެންމެ މަޝްހޫރު އެކަކަށް ވެފައި ވަނީ އޭނާއެވެ. ޢަދްނާން ނެތުމާއެކު އޭނާއަށް މި ދުވަސްކޮޅު ވެފައި ވަނީ ބުރަ ދުވަސްކޮޅަކަށެވެ. އެކަމަކުވެސް އޭނާގެ އިޖުތިމާއީ ދިރިއުޅުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނޭ ވަގުތު ލިބެއެވެ.

ވަގުތުކޮޅެއް ހޯދައިގެން އޭނާ ރިޟްވާންގެ ޚަބަރު ބަލައިލާންވެސް ދިޔައެވެ. އޭނާ މިހާރު ހުރީ އެ މައްސަލައިގައި ޢަދްނާނާއެކު ބާޖުމަރައިގެންނެވެ. ޝައިޠާނާ ރިޟްވާންގެ ފަހަތުން އަޅައިގަނެގެން އުޅުން ހުއްޓާލައިފިކަން މިހާރު ޔަގީނެވެ. އެކަމަކު އޭނާ އިސްލާހެއް ނުވެއެވެ. ހަވީރުގެ ވަގުތުތަކާއި ރޭގަނޑުގެ ވަގުތުތައް ހޭދަކުރާ އައްޔާޝީ ގޮތްގަނޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު އޭނާޔާމެދު ޝައިޠާނާ އަޅާނޭ އިތުރު ފިޔަވަޅެއް ނެތްކަން އެނގެއެވެ. ޝައިޠާނީ ސިފަތައް އޭނާގެ ކިބައިގައި އަށަގެންފައި ވަނީ އިތުރަށް އޭނާ ނުބައި ކުރާން ފިޔަވަޅެއް އަޅާން ޖެހޭ ވަރަށްވުރެ މާ ބޮޑަށެވެ.

ހުސް ވަގުތުކޮޅެއް ލިބުނީމާ އޭނާއަށް ފަރްޒާނާގެ މަތީން ހަނދާން ކުރެވޭންވެސް ފަށައިފިއެވެ. ހަގީގަތުގައި އޭނާގެ ހަނދާނަކުން ފަރްޒާނާ ދުވަހަކުވެސް ފިލައިގެންނެއް ނުދެއެވެ. ކުރާން ޖެހުނު މަސައްކަތުގެ ގޮތުންނާއި ކުރެވުނު ހަނގުރާމައިގެ ބާވަތުން އެކަމާ މެދު ވިސްނާލާނޭ ވަގުތު ނުލިބި ދިޔައީއެވެ. އެކަމަކު މިހާރު ވަގުތު އެބައޮތެވެ.

ފަރްޒާނާ ދެކެ އޭނާއަށް ލޯބި ވެވިއްޖެއެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. އޭނާގެ ދިރިއުޅުމުގައި މިހައި ތަނަކަށް ފަރްޒާނާ ފަދަ އަންހެން ކުއްޖަކު ނުދެކެއެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ. އޭނާއަކީ އަންހެން ކުދިން ނުލިބިގެން އުޅޭ މީހެއް ނޫނެވެ. ބަލައިލީ ކޮންމެ ދިމާއަކުން އޭނާ ބޭނުން ވަރަކަށް އަންހެން ކުދިން ލިބެއެވެ. އެކަމަކު އޭނާގެ ދިރިއުޅުމަށް މިހައި ތަނަށް އައި އެއްވެސް ކުއްޖަކީ ރަނގަޅު ކުއްޖެއް ނޫނެވެ. އޭނާ އެހެރީ އެތައް ކުދިންނެއްގެ ދިރިއުޅުން ބަރުބާދު ކޮށްފައެވެ. އޭގެ ތެރޭގައި ރަނގަޅު ބައެއް ކުދިންވެސް ހިމެނެއެވެ. ރަނގަޅު ކުދިން ކަމުގައި ވިޔަސް އިސްތިއުމާލު ކޮށްފައި އެއްލައިލީއެވެ. އޭނާއަކީ މާރަނގަޅަށް އަންހެން ކުދިން ދަންނަ މީހެއް ކަމަށް ދައުވާ ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.

ފަރުޒާނާ ވެގެން ދިޔައީ އޭނާއަށް ކުރެވުނު ވަރަށް އާދަޔާ ޚިލާފު، ތަފާތު ތަޖުރިބާއަކަށެވެ. ރެކިސާގައި ނުވަތަ ކުލީ ކާރުގައި އޭނާޔާއެކު ތަންތަނަށް ދާން ތައްޔާރަށް ތިބޭ އަންހެން ކުދިންނާ ވަރަށް ގިނައިން ވަނީ ދިމާވެފައެވެ. ސަވާރީއަށް އެރުމަށް ފަހު ވާހަކަ ދައްކައިގެން ދާންވާތަން ކަނޑައެޅުމަކީވެސް އައު ކަމެއް ނޫނެވެ. ބައެއް ކުދިން ދަނީ ކޮންމެވެސް ރެސްޓޯރަންޓަކަށެވެ. ބައެއް ކުދިން ބައިސްކޯފުގެއަކަށެވެ. އަދި އެތައް ކުދިންނެއް ހޮޓަލެއްގެ ކޮޓަރިއަށް ދާންވެސް އެއްބަސްވިއެވެ. އެކަމަކު އޭނާގެ އެކުވެރިން ތިއްބައިވެސް އޭނާޔާއެކު ކާރަށް އަރާން އެއްބަސްވި ކުއްޖަކާ ފަރްޒާނާ ނޫނީ ދިމައެއް ނުވެއެވެ. ކާރަށް އަރައި ފޯނު ނަންބަރުވެސް ދިނީއެވެ. ދެން ގެއަށް އަންނާން ދައުވަތު ދިނީއެވެ. ބައްޕަ ނެތް ވާހަކައާއި މަންމައަކީ ނަރުހެއް ކަމަށް ބުނެފައި ގެ ހުހަށް އޮންނާނޭ ވަގުތުވެސް ބުނީއެވެ. މިހިރީ ހައްތަހައިވެސް އާދަޔާ ޚިލާފު ކަންތައްތަކެވެ.

އެފަދަ ގޮތަކަށް ދައުވަތު ދީގެން ގެއަށް ގެންދިޔަ އަންހެން ކުދިންވެސް މަދެއް ނޫނެވެ. ކޮންމެ ފަހަރަކުވެސް ނުކުންނަނީ ހަމަ އެއް ނަތީޖާއެކެވެ. ތަފާތު ގޮތަކަށް ފެނުނީ ހަމައެކަނި ފަރްޒާނާއެވެ. ކޮންމެ ކުއްޖަކުވެސް ބުނަނީ ފުރަތަމަ ބަލައިލުމާއެކު ސުލައިމާނަށް ހިތް ދެވުނީކަމަށާއި ވަގުތުން ލޯބިވެވިއްޖެ ކަމުގައެވެ. ފަރްޒާނާވެސް ބުނީ އެހެންނެވެ. އެކަމަކު އޭނާގެ އަޑުގައި ތެދުވެރިކަމުގެ އަސަރު ހުއްޓެވެ. އެކަނި ގެއިން ބައްދަލު ކުރާ ސަބަބު ކޮންމެ ކުއްޖަކުވެސް ބުނެއެވެ. އެއީ އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމަށްޓަކައި އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. ކަންތައް ނިމޭއިރު އޮންނަނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެނގި ދަސްވެ ބާވެފައެވެ. ފަރްޒާނާވެސް ބުނީ އޭނާޔާ ވާހަކަ ދައްކާން ބޭނުން ކަމުގައެވެ. އޭނާގެ އަމިއްލަ ވާހަކަ ކިޔައިދޭށާއި ސުލާއިމާނާ ބެހޭ ހުރިހައި ކަމެއް އޮޅުންފިލުވާންވެސް ފަރްޒާނާ ބޭނުންވިއެވެ. މި ހުރިހައި ކަމެއް އެއްގޮތް ކަމުގައި ވިޔަސް އެހެން ކުދިން ނުބުނާ ވާހަކައެއް ފަރްޒާނާ ބުންޏެވެ. އެއީ ދެމީހުން އެކީގައި ދިރިއުޅޭނޭ ވާހަކައެވެ. އޭނާގެ ވާހަކައިގައި ހުރި ޔަގީން ކަމާއި އަމިއްލަ ނަފުސަށް ކުރާ އިތުބާރަކީ މި ދުނިޔެމަތީގެ ކަމަކާ ވައްތަރު ކަމެއް ނޫނެވެ.

ގެއަށް ގެންގޮސް ދެކެވުނު ވާހަކައިގެ ތެރޭގައި ދެންވެސް ފަރްޒާނާ އަމަލުކުރީ ހަމަ އެހެން ކުދިންވެސް އަމަލުކުރާ ކަހަލަ ގޮތަކަށެވެ. ސުލައިމާނުގެ ހަރަކާތްތަކާ ދެކޮޅު ހެދީއެވެ. އެހެން ކުދިންގެ ދެކޮޅު ހެދުމާއި ފަރްޒާނާގެ ދެކޮޅުހެދުމާ ވަރަށް ތަފާތެވެ. ފަރްޒާނާގެ ކިބައިން ފެނުނީ ތެދުވެރިކަމެވެ. ދެކޮޅު ހެދުމުގެ އިތުރަށް އެކަމާ ގުޅިގެން ރުއި ހަމައެކަނި ކުއްޖަކީވެސް އެއީއެވެ. ސުލައިމާނަކީ އަންހެން ކުއްޖެއްގެ ކުރިމަތީގައި ޚުދު ތިމާގެ ނުބައިކަމުގެ ވާހަކަ ދައްކައި ކުށްކުށަށް އިއުތިރާފުވީ މީހެއްވެސް ނޫނެވެ. އޭނާ އެކަހަލަ ކަމެއް ކުރީ ހަމައެކަނި ފަރްޒާނާގެ ކުރިމަތީގައެވެ. އެކަމަކު ފަރްޒާނާ އޭރުވެސް ބުނަމުން ދިޔައީ އޭނާއަކީ ރަނގަޅު މީހެއް ކަމުގައެވެ.

މި ޚިޔާލުތަކުގެ ތެރޭގައި ހުރެފައި އޭނާ ކުއްލިއަކަށް ސިހުނެވެ. މީގެ ކުރީން އޭނާއަށް ނުކުރެވޭ އިހުސާސެއް ކުރެވިއްޖެއެވެ. ވަރަށް ބޮޑު ހަގީގަތެއް އޭނާގެ ކުރިމައްޗަށް ފައުޅުވެއްޖެއެވެ. ގަސްތުގައި ނޫން ނަމަވެސް އޭނާއަށް އައި ހެޔޮ ބަދަލުތަކުގެ ފެށުމަކީ ފަރްޒާނާޔާ ބައްދަލުވުންކަން އިހުސާސް ކުރެވިއްޖެއެވެ. އޭނާ ނުބައި ކަންކަމާ ދުރަށް ދާން ފެށްޓީ އޭގެ ފަހުންނެވެ. އެ ޚިޔާލު ކުރެވުނީމާ އޭނާ ހައިރާންވިއެވެ. އަދި އުފާވެސް ވިއެވެ. އެ ދުވަހުގެ ފަހުން އޭނާ ދުވަހަކުވެސް ރާއެއް ނުބޮއެވެ. ކުރިއަށްވުރެ މާ ފަހި އެތައް ފުރުސަތެއް ލިބުމާއެކުވެސް އަންހެނަކާ ކައިރިއެއް ނުވެއެވެ. އަދިވެސް ނުހުއްޓައި ކުރިއަށް ގެންދާ ހަމައެކަނި ކަމަކީ ހަރާދުކިޔުމެވެ.

އެކަމަކު ދެވަނަ ސިކުންތުގައި ހިތަށް އެރިއެވެ. އޭނާ ނުބައި ކަންތައްތަކާ ދުރުގައި އުޅެނީ ވަގުތެއް ނުވާތީއެވެ. އޭނާގެ މަސައްކަތުގައި އަވަދިނެތި އުޅޭތީއެވެ. އަނެއްކޮޅުން ޝައިޠާނާއާ ކުރަމުން ގެންދާ ހަގުރާމައިގެ ސަބަބުން ފުރުސަތެއް ނުލިބެނީއެވެ. އެކަމަކު އެއީ ތެދެއް ހެއްޔެވެ؟ އައްޔާޝީ މީހަކަށް ވަގުތެއް ނުލިބި ހިނގައިދާނޭ ހެއްޔެވެ؟ ނުބައި ކަމެއް ކުރާން ބޭނުންވާ މީހަކަށް ވަގުތު ލިބޭނެއެވެ.

ގަޑިއެއްހައި އިރުވާންދެން ވިސްނައި ފިކުރު ކުރުމަށް ފަހު އޭނާ އަމިއްލައަށް ގަބޫލު ކުރާ ނަތީޖާއަކާ ހަމައަށް ދެވިއްޖެއެވެ. އޭނާއަކީ މިހާރުވެސް ވިޔާނުދާ މީހެކެވެ. ނުބައި މީހެކެވެ. އެކަމަކު މިހާރު އޭނާއަކީ އިހަށް ކަހަލަ މީހެއް ނޫނެވެ. އޭނާގެ އެންމެ ބޮޑު ނުބައި ކަމަކީ އޭނާއަކީ ހެޔޮލަފާ މީހަކަށް ނުވާ ކަމެވެ. ހެޔޮލަފާ މީހުންނަކީ ހެޔޮ އަމަލުކުރާ މީހުންނެވެ. ހަަމައެކަނި ނުބައި ކަމެއް ނުކުރާ މީހުންނެއް ނޫނެވެ.

އޭނާއަށް ހިނިތުންވެލެވުނެވެ. މިހާރު އޭނާއަށް ފަރްޒާނާޔާ އިންނާން އެދެވިދާނެއެވެ. ފަރްޒާނާ އިހަށްވެސް ހުރީ އޭނާގެ ހުރިހައި ނުބައި ސިފަޔަކާއެކުވެސް އޭނާޔާ އިންނާން ތައްޔާރަށެވެ.

(ނުނިމޭ)

7 ޚިޔާލު

  1. ކޮންމެ ދުވަހަކު ވާހަކަ މަތިއެރުވެނީ އެތައް ފަހަރަކު ވާހަކަ ސަފުހާއަށް ޒިޔާރަތް ކުރެވޭފަހުން.މާދަމާ ގެ ބަޔަށް އިންތިހާއަށް ޝައުގުވެރިވެފަ މިހިރީ.އެހެންވީމާ ދޭތެރެ ދޭތެރެއިން ވާހަކަ ހުރިތޯ ބެލޭނެ.ޚާއްސަކޮށް އިރުއޮސް ފުހުނީމާ.

  2. އެހާ އާއްމުނޫން ލަފުޒު ބޭނުން ކުރައްވާފައި އޭގެ މާނަ ގެނެސްދެއްވާކަން ވަރަށް ރަނގަޅު.މާދަމާގެ ބައި ތަންކޮޅެއް އަވަހަށް ކިޔާލަން ލިބިއްޖެނަމަ ވަރަށް ހިތްހަމަޖެހޭނެ.

  3. ނަޢީމްބޭބެގެ އެހެން ވާހަކަތަކެކޭ އެއްފަދައިން މިވާހަކަ ވެސް ވަރަށް ރީތި. .ސުލައިމާނު ގެ ބައި ވަރަށް ކަމުދޭ.

  4. ކޮންކަހަލަ ހިސާބަ ކުން ތި މެދުކަނޑާލީ.
    ވަރަށް އިންތިޒާރު ކުރެވުނު ފަހުން ފަރުޒާނާ ގެ ނަން އެއައީވެސް.
    ދެންވީ ގޮތް އިނގެން ހާދަ އިރެކޭދޯ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.