މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް އަޒުލީން އަޙުމަދާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު އައްޑޫ ސިޓީ އަދި ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ކައުންސިލާއި ބައްދަލުކުރައްވާ އެސިޓީގައި ފޯރުކޮށްދެމުން ގެންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
އެގޮތުން އިއްޔެ މެންދުރު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުން އޮތީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އޮފީހުގައެވެ.
މިބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު މުޙައްމަދު ޞާދިޤު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތްތައް ޖުމްލަ ގޮތެއްގައި ބަލައިގަންނަ ކަން ފާހަގަކުރައްވިއެވެ. އަދި އައްޑޫ ސިޓީގައި ހިނގާ ޖިނާޢީ ކުށްތަކާއި ވަކިން ޚާއްސަ ގޮތެއްގައި މަސްތުވާތަކެތީގެ
މައްސަލަތަކާއި އަދި ޓްރެފިކް މައްސަލަތައް ހައްލުކުރެއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެން އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
މިބައްދަލުވުމުގައި ހޯމްމިނިސްޓަރ އަލްފާޟިލް އަޒުލީން އަޙުމަދު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީއަށާއި ވަކިން ޚާއްސަ ގޮތެއްގައި ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ވަޞީލަތްތައް އިތުރުކޮށް އައްޑޫގައި ފޯރުކޮށްދެމުންދާ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ވިދާޅުވީ އައްޑޫ ސިޓީގައި އެންމެ ބޮޑުވެފައިވާ ޖިނާޢީ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ފުލުހުން މަސައްކަތްކުރައްވާނެ ކަމަށާއި އެގޮތުން މިހާރުވެސް މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމުގެ ބޭނުމުގައި އައްޑޫގައި ކައިރި މުސްތަޤުބަލެއްގައި ފުލުހުންގެ ފާރަގެމަ ޔުނިޓެއް (ޑޯގް ސްކޮޑު) ޤާއިމްކުރައްވަން ނިންމަވާފައިވާކަމަށެވެ . އަދި އެހެނިހެން މައްސަލަތައް މަދުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ކޮމިޝަނަރ އޮފް ޕޮލިސް ހިއްސާކުރެއްވިއެވެ.
މީގެ އިތުރުންވެސް އައްޑޫ ސިޓީގައި މަސައްކަތްކުރައްވާ ފުލުހުން ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެއްވުމަށް ހިތްވަރު ދެއްވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުންވެސް ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއާއި އައްޑޫ ޕޮލިސްގެ އިސްވެރިންނާއި ފުލުހުންގެ އެހެނިހެން އިސް ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ އެހެނިހެން ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.