މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް- 19 ރާއްޖޭގައި ވެސް ވަނީ ފެތުރެން ފަށައިފައެވެ. ރާއްޖޭގައި މިހާތަނަށް މިބައްޔަށް 13 މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. މިތާނަށް ޕޮސިޓިވް ވެފައި ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ. 13 މީހުން ޕޮސިޓިވްވި ނަމަވެސް ރާއްޖޭގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މިބަލި ފެތުރެން ފަށައިފައެއް ނުވެއެވެ. އަދި އެއްވެސް ދިވެއްސަކު މިބައްޔަށް ޕޮސިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް ކޮންމެސް ގޮތަކުން ބަލިހުރިމީހަކާ ދިމާވެ ޢަލާމާތްތައް ފެނުމުގެ ސަބަބުން ބަލި ހުރިތޯ ކަށަވަރު ކުރުމަށް ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރޭގައި ދިވެހިންވެސް ހިމެނެއެވެ.
ރާއްޖެ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި:
ކޮވިޑް 19 އާ ގުޅިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކުރައްވައިފައެވެ. އާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނުނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތައް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިޢުލާން ކޮށްފައެވެ. ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާންކުރީ މިމަހު 12 ވީ ބްރާސްފަތި ދުވަހުއެވެ.
އާއްމުޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޑިރެކްޓަރ ޖެނަރަލް އޮފް ޕްބަލިކް ހެލްތަށް އެޅޭނެ ފިޔަވަޅުތަކެއް ވަނީ ބަޔާންކޮށްފައެވެ. އެފަދަ ބައެއް ފިޔަވަޅުތައް މީހާރު ރާއްޖޭގައި ވެސް ވަނީ އަޅައިފައި ކަން ފާހަގަ ކުރެވެއެވެ.
ރިސޯޓް ތަކަށް އަރައިފޭބުން ދެ ހަފަތާއަށް މަނާ ކުރުން:
ކުރިއަށް އޮތް ހަފާތާ ތަކަކީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭނެ ދުވަސް ތަކެއް ކަމަށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ އެހެން ވިދާޅުވެފައި ވަނީ މިބަލި ތަޖްރިބާ ކުރަމުންދާ އެހެން ޤައުތަކުން ތަޖްރިބާ އަށް ރިޢާޔަތް ކޮށެވެ. ކުރިންވެސް ސަރުކާރުން ވިދާޅުވީ މިބާލީގެ އެންމެ ނުރައްކާ ޙާލަތައް ވެސް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޑިރެކްޓަރ ޖެނަރަލް އޮފް ޕްބަލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ދެ ހަފާތާއަށް ވަނީ ރާއްޖޭގެ ހުރިހާ ރިސޯރޓްތަކަށް އަރައި ފޭބުން މަނާ ކުރައްވައިފައެވެ. މިކަން މަނާ ކޮށްފައިވަނީ އިއްޔެ ހަވީރު ހަޔަކުން ފެށިގެންނެވެ. ހަމަ އެއާއެކު މާލެ ސަރަޙައްދުގެ ގެސްޓް ހައުސް ތަކާއި ސިޓީ ހޮޓާތައް ވެސް ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ފަތުރުވެރިން ޗެކިން ކުރުން މަނާކޮށްފައިވަނީ ރޭގެ ބާރައިން ފެށިގެން ދެ ހަފާތާގެ މުއްދަތަށެވެ. މިތަންތަން ފަތުރުވެރިންނަށް ދެހަފްތާ ވަންދެން ނުވަދެވުނަސް އެތަނުގައި ތިބި މީހުން ތިބެން ކަނޑައެޅިފައިވާ މުއްދަތައް އެތަންތަނުގައި ތިބެވޭނެއެވެ.
ކޮވިޑް-19 ދުނިޔޭގެ ޤައުމުތަކަށް ފެތުރެން ފެށުމާއެކު ރާއްޖެއިން ވެސް ވަނީ ބޮޑަށް ބަލި ފެތުރެމުންދާ ޤައުމުތަކުގެ މީހުން ރާއްޖެއަށް އެތެރެވުން ވެސް މަނާކޮށްފަ އެވެ. އެގޮތުން އިއްޔެ ވަނީ މިހާރު އެންމެ ބޮޑަށް މިބަލި ފެތުރެމުންދާ ޔޫރަޕްގެ ބައެއް ޤައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ އިތުރުން، ފްރާންސް އަދި ޖާމަނީގެ ބައެއް ސިޓީތަކުން މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ. ކުރިން ވަނީ ޗައިނާ އާއި އިރާނާއި ބަންގްލަދޭޝް އަދި އިޓަލީ އާއި ދެކުނު ކޮރެއާގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން މަނާކޮށްފަ އެވެ.
ތަޢުލީމީ ނިޒާމުގެ ޙަރަކާތްތައްވެސް ހުއްޓުމަކަށް:
ކޮވިޑް- 19 އާ ގުޅިގެން ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙަރަކާތްތައްވެސް މިވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ރާއްޖެއިން މިބައްޔަށް މީހަކު ޕޮސިޓިވް ވެފައިވަނީ ސްކްލޫތައް މިޑްޓާރމް ބަރޭކަށް ބަންދު ވެފައި ވަނިކޮށެވެ. އެހެންކަމުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަޖްރިބާ ކާރުންގެ ލަފަޔާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން އިތުރު ހަފަތާއަކަށް ބަންދު ކުރުމަށް ސަރުކާރުން ނިންމެވިއެވެ. ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ކޮލްޖުތަކާއި ޔުނިވާސިޓީތަކާއި ތަޢުލީމުދޭ އިންސްޓިއުޓްތައް ވެސް ދެހަފްތާގެ މުއްދަތަށް ވަނީ ބަންދުކުރަން އަންގައިފަ އެވެ. މަތީ ތަޢުލީމުދޭ ތަންތަނުގެ ކިޔެވުން ބަންދުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޑިރެކްޓަރ ޖެނަރަލް އޮފް ޕްބަލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އެހެންކަމުން ސްކޫލުތައްވެސް ހުޅުވޭނީ ކުއްލި ނުރައްކަލުގެ ޙާލަތު އާއްމު ހާލަތަކަ ބަދަލުވުމުނަ ކަމަށް ބެލެވެއެވެ.
ބައްޔަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމަށް އެތައްސަތޭކަ ޖާގައެއް އިތުރުކުރުން:
ކޮވިޑް 19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެ މުހިންމު ކަމަކަމަށް ކުރެވެނީ ބައްޔަށް ޝައްކު ކުރެވޭ މީހުނާއި ބަލި ޖެހިފައިވާ މީހުން އެކަހެރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ސަރުކާރުން ހާމަކުރައްވައިފައިވާ ގޮތުގައި ކޮވިޑް19 ށް ޝައްކުރެވޭ މީހުން އެކަހެރި ކުރުމަށް 641 ފެސިލިޓީއެއް ރޭގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުގައި ވަނީ ޤާއިމް ކުރައްވައިފައެވެ. މީގެ އިތުރުން ވިލިވަރުގައި އިތުރު 100 ފެސިލިޓީ ތަރައްގީ ކޮށް ވެލިދޫ ރިސޯޓުގައި އައިސޮލޭޝަން ފެސިލީޓީތަކެއް ހެދުމަށްވަނީ ނިންމައިފައެވެ. ހުޅުލޭ އައިލެންޑް ހޮޓަލާ ވާހަކަ ދައްކަދައްކައިގެން އެތަންވެސް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުކުރެވިދާނެތޯ ބަލަމުންދާކަމަށް ސާރުކާރުން ރޭ ވަނީ ވިދާޅުވެފައެވެ.
ޝައްކުކުރެވޭ މީހުންނާއި ބައްޔަށް ޕޮސޮޓިވްވާ މީހުން އެކަހެރި ކކުރެވޭނެ އިންތިޒާމުގެ އިތުރުން ޓެސްޓްކުރުމުގެ ވަޞީލަތްތައްވެސް ސަރުކާރުން ވަނީ އިތުރުކޮށްފައެވެ. ކޮވިޑް-19 ޓެސްޓް ކުރުމަށް އިތުރު ފަސްހާސް ސްކްރީން ކިޓް ގެނެސްފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ. އޭގެ އިތުރުން އެއްހާސް ކޮންފޮމޭޓްރީ ކިޓް ވެސް ވަނީ ގެނެސްފައެވެ.
"ސްކްރީން ކިޓުގެ މާނައަކީ ސްކްރީނިން ކިޓަކުން ޓެސްޓް ކުރީމަ އެނގޭ އެމީހާގެ ގައިގައި ކޮރޯނާގެ އެއްވެސް ވައިރަސްއެއްހުރިތޯ. ކޮންފޮމޭޓްރީ ކިޓްގެ ބޭނުމަކީ ކޮވިޑް-19 ތޯ ޔަގީންކުރުން،" އިތުރަށް ތަފްޝީލް ކޮށްދެވަމުން މި ބައްޔާގުޅިގެން ސަރުކާރުން މަޢުލޫމާތު ހާމަކުރުމަށް ކަނޑައަޅައިފައިވާ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވިއެވެ.
ދެވޭ ފަރުވާ ހަރުދަނާކުރުމަށް ކަމާބެހޭ މާހިރުން ހޯދުން:
ކޮވިޑް- 19 އާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް ޓެކްނިކަލް މަސައްކަތްކުރައްވާ ދަރުމަވެރިންގެ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެވެ. މިފަދަ ނުރައްކަލަކާ އެބައި މީހުން ކުރިމަތިލައި ބަލިޖެހިފައިވާ މީހުންނަށް ފަރުވާދީ އިތުރަށް ބަލި ޖެހިފައިވާ މީހުން ދެނެ ގަތުމުގެ މަސައްކަތް ކުރަމުން އެދަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައެވެ. މިބަލިން ރައްޔިތުން ރައްކާތެރި ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށާއި ފޮރުވުމެއް ނެތި މަޢުލޫމާތު ހާމަކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.
ކޮވިޑް -19 އާ ގުޅިގެން ބައިނަލް އަޤްވާމީ ޞިއްހީ މާހިރުންގެ ޓީމެއް ރާއްޖެ ގެންނަން ހަމަޖައްސަވައިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު އިއްޔެ ވަނީ އިޢުލާން ކުރައްވައިފައެވެ. ބައިނަލްއަޤްވީ ޞިއްޙީ މާހިރުންގެ ޓީމު ގެންނަނީ ޓޫރިޒަމް ޓްރަސްޓް ފަންޑުންޚަރަދުކޮށްގެންނެވެ. ޞިއްޙީ މާހިރުންގެ ޓީމް އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެކަމަށް މިނިސްޓަރ ޢަލީ ވަޙީދު ފާހަގަ ކުރެއްވިއެވެ. މިޓީމުގައި ކަމާބެހޭ ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް ކަމާ ގުޅުން ހުރި ޞިއްޙީ މާހިރުން ހިމެނޭނެކަމަށް ވިދާޅުވިއެވެ. މިއީ ކޮވިޑް -19 ގުޅިގެން ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން އެހީތެރިވުމުގެ ގޮތުން ގެންނަ ޞިއްހީ މާހިރުންގެ ޓީމެއް ކަމަށް މިނިސްޓަރ ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ. މިޓީމުގައި އެމެރިކާ އާއި އިނގިރޭސިވިލާތާއި އަދި އެފްރިކާގެ ސިއްހީ މާހިރުން ހިމެނޭނެކަމަށް ވިދާޅުވިއެވެ. އެއްމަސް ދުވަހަކަށް އެ ޞިއްހީ މާހިރުންގެ ޓީމުން ރާއްޖޭގައި މަސައްކަތް ކުރައްވާނެކަމަށް ވެސް މިނިސްޓަރ ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ދެކޭގޮތުގައި ކުރިއަށް އޮތް ހަފަތާތަކަކީ މިކަމުގައި އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކަށް ވެގެންދާނީ." ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.
އިންޑިއާގެ މެޑިކަލް ޓީމެއް ވެސް މިހާރު ރާއްޖޭގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. އޭގެ ތެރޭގައިމ ހޭނައްތާ ޑޮކްޓަރުންނާއި، އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންނާއި، ނަރުހުން ވެސް ހިމެނެއެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ ބޭހުގެ އެހީތެރިކަންވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ. ތިންމަސް ދުވަހަށް ބޭނުންވާ ބޭސް ރާއްޖެއަށް ފޯރުކޮށް ދެއްވާނެކަމުގެ ޔަޤީންކަން އިންޑިޔާ ސަރުކާރުން ވަނީ ދީފައެވެ.
އެންމެ މުހިންމީ ފަރުދީ ޒިންމާ:
ކޮވިޑް -19 އަކީ އެކަކު ގައިން އަނެކެއްގެ ބަޔަށް ފެތުރޭ ބައްޔެއްކަމުން އެންމެ މުހިންމީ ފަރުދީ ޒިންމާކަމަށް ކަމާބެހޭ ޞިއްޙީ މާހިރުންވެސް ދަނީ ވިދާޅުވަމުންނެވެ. މީހުންން އެއްތަނަކަށް އެވެގެން ކުރެވޭ ހުރިހާ ކަމެއް ހެން މީހާރު ވަނީ ކަމާބެހޭ ފަރާތްތަކުން ހުއްޓުމަކަށް ގެނެސްފައެވެ. އެހެންކަމުން ބަލި ކޮންޓްރޯލް ކުރެވޭނީ އަމިއްލަ ފަރުދުން އުފުލަންޖެހޭ ޒިންމާ ރަނގަޅު ގޮތުގައު އުފުލައިގެނެވެ. ސާފްތާހިރު ކަމުގެ ގޮތުން ކަމާބެހޭ މާހިރުން ދެއްވާ އިރުޝާދުތައް އަޑުއަހައި އެގޮތަށް ޢަމަލުކޮށްގެނެވެ. ގިނައި ގިނައިން އަތް ދޮވުމެވެ. ކެއްސާ ކިބިހި އަޅާ އިރު ޓީޝޫ އެއްޗެތި ބޭނުންކުރުމުގެ ބަދަލުގައި ޑެބް ސްޓައިލަށް ކިނބިހި އެޅުމުވެ. ދިފާޢީ ނިޒާމު ވަރުގަދަ ވާނެ އުޞޫލުން ޢަމަލުތައް ބެހެއްޓުމެވެ. އަދި ބަލީގެ ޢަލާމާތެއް ފެންނަނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓް ކޮށް އަމިއްލަ އަށް ގޭގައި ވެސް އެކަހެރިވެ ހުރުމެވެ. މިހާރު ވެސް އަޅުގަނޑުމެން ގިނަ ބަޔަކު މިތިބީ ސެލްފް ކަރަންޓީން ވެފައެވެ. އެފަދަ މީހުންގެ ތެރޭގައި ގިނައީ ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި އަންހެނުންނެވެ. އެބައި މީހުން ސެލްފް ކަރަންޓީނުގައި ތިބީ ވަކި ފަރާތްކުން އަންގައިގެން އެކަން ޏެއް ނޫނެވެ. ބަލިޖެހިދާނެ ކަމުގެ ބިރަށެވެ. ނުވަތަ ރައްކާތެރި ވުމުގެ ގޮތުންނެވެ.
ރާއްޖެއަކީ ގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތްތެރިން އުޅޭ ތަނަކަށް ވެފައި ޚާއްޞަ ކޮށް މާލޭގައި އެބައި މީހުން ދިރިއުޅޭ ތަންތަނަކީ އާއްމު ދިރިއުޅުމުގައި ވެސް ޞިއްޙީ ގޮތުން އިންސާނުން ދިރިއުޅެންޖެހޭ ޙާލަތަށް ނުފެތޭ، ދަށް ޙާލުގައި ހުންނަ ތަންތަނަށް ވާއިރު އެފަދަ ތަންތަނުގައި ދިރިއުޅޭ މީހެއްގެ ގައިން ބަލި ފެނިއްޖެނަމަ ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ. އެހެން ކަމުން އެބައި މީހުންގެ ތެރޭގައި ބަލި ފެތުރިދާނެތީ އެކަމަށް ސާމާލުވެ އެބައި މީހުން ހޭލުންތެރި ކުރުމަކީ އެބައި މީހުން ގެންގުޅޭ ފަރާތްތަކުން މިދަނޑިވަޅުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެކަމެވެ. އަދި މިއީ ކަމާބެހޭ ފަރާތްތަކުން ވެސް އިތުރަށް މޮނިޓަރކޮށް ބަލަހަށްޓަންޖެހޭނެކަމެކެވެ.