
ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއަށް އައުމަށް ހަދަމުން ބުކިންތަކާއި ކެންސަލޭޝަންއާ ބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ޙިއްސާ ކޮށްދެއްވުމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިލްތިމާސް ކުރައްވައިފައެވެ.
ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ދެންމެ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި ހިންގާ ޓޫރިޒަމްގެ ހުރިހާ ވިޔަފަރިތަކުން އެކަން އެގޮތަށް ކޮށްދެއްވުމަށް ސަރުކާރުން އިލްތިމާސް ކުރައްވާ ކަމަށެވެ.
އެގޮތުން ރިސޯޓުތަކާއި، ސަފާރީތަކާއި، ހޮޓާތަކާއި، ގެސްޓު ހައުސްތަކާއި އަދި ވެސް އެފަދަ އެހެން ތަންތަނުން ވެސް އެމަޢުލޫމާތު ޙިއްސާ ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެމަޢުލޫމާތު ދުވަހުން ދުވަހަށް ޓޫރިޒަމް މިނިސްޓްރީއަށާއި، އެމްއެމްއޭއަށާއި، ފިނޭންސް މިނިސްޓްރީއަށާއި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުއްވުމަކީ މިހާލަތުގައި ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބައެއްތަންތަނުން އެ މައުލޫމާތު ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަތުވެދާނެ ލޮޅުންތަކަށް އެފަދަ މަޢުލޫމާތު ވަރަށް މުހިންމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.