މާލޭސިޓީ މިސްކިތްތަކުގައި ދިމާވެފައިވާ މަރާމާތާއި، އާބާތުރަ ފިލުވުމުގެ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީއާއި މާލޭސިޓީ ކައުންސިލާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގެ ދަށުން މިމަސައްކަތަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. މިމަސައްކަތަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑުންނެވެ. އެ މަސައްކަތަށް އެފަންޑުން އެއް މިލިއަން ރުފިޔާ ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކުރުމަށް ރޭވިފައިވާ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް ވަކި އުސޫލެއްގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މޮނިޓަރ ކުރަމުން ގެންދަވާނެއެވެ.
މި އެއްބަސްވުމުގެ ދަށުން 3 މިސްކިތެއްގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އެއީ ހުޅުމާލެ މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ މިސްކިތުގެ ގުއްބުން ފެންފައިބާ މައްސަލަ ޙައްލުކުރުމާއި، މަސްޖިދުލް ފުރްޤާންގެ މަތީ ޝީޓް ( ޓެރަސް) ގައި ރެނދުލައި ހަލާކުވެފައިވާ މައްސަލައާއި އެކި ސަރަޙައްދުތަކުގައި ރާނާފައިވާ ފާރުތަކުގެ މައްސަލަ ޙައްލުން ކުރުން ހިމެނެއެވެ. އޭގެ އިތުރުން މަސްޖިދު ޝަހީދު ޢަލީގެ މަތީ ޝީޓް ( ޓެރަސް) ގައި ރެނދުލައި ހަލާކުވެފައިވާ މައްސަލަ ޙައްލު ކުރުމާއި އެމިސްކިތުގެ އެކި ސަރަޙައްދުތަކުގައި ރާނާފައިވާ ފާރުތަކުގެ މަރާމާތުގެ މައްސަލަތައް ޙައްލުކުރުން ހިމެނެއެވެ.
މި އެބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ގޮތުގައި ބައެއް މިސްކިތްތަކުގައި އެކި ކަހަލަ މައްސަލަތައް ދިމާވަމުންދާކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ. ރަމަޟާން މަހުގެ ކުރިން އެމައްސަލަތައް ޙައްލު ކުރެވިއްޖެނަމަ މިނިސްޓްރީއަށް އަންނަ ޝަކުވާތައް މަދުވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ވަރަށް ބޮޑެތި މަރާމާތު ކުރަންޖެހިފައިވާ މިސްކިތްތައްވެސް މާލެސިޓީގައި އެބަހުރި ކަމަށެވެ. އޭގެއިތުރުން ކޮންމެހެން މިހާރުން މިހާރަށް ޙައްލުކުރަންޖެހޭ މައްސަލަތައް ވެސް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.