
މާލެއާއި، ވިލިގިއްޔާއި، ތިލަފުށްޓާއި ގުޅީފަޅު ބްރިޖުގެ މަސައްކަތް މިއަހަރު ސެޕްޓެމްބަރު ހިސާބުގައި ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މިހެން ވިދާޅުވީ ގްރޭޓަރމާލެ ކަނެކްޓިވިޓީ ބުރިޖުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މެރިންޖިއޯ ފިޒިކަލް ސާވޭގެ މަސައްކަތް ބަޔަކާ ޙަވާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އަކުރަމް ވިދާޅުވީ މި ބްރިޖު އެޅުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށެވެ. އެ މަސައްކަތްކުރާނީ ވެސް އިންޑިއާ ކުންފުންޏަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުން ބުރިޖު އަޅައިދޭން އެއްބަސްވެފައިވިޔަސް އޭގެ އަގު އަދި ފައިނަލް ނުވާކަމަށް އަކުރަމް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސެވުމަށްޓަކައި މިހާރުވެސް އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.
ބްރިޖު ސާވޭގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެދަލޭންޑު ކުންފުންޏަކާއެވެ. ފުގްރޯ ކުންފުންޏާ އެމަސައްކަތް ހަވާލުކުރީ ފަނަރަ މިލިއަން ޑޮލަރަށެވެ. މި ސާވޭގެ މަސައްކަތް މިމަހު ފަނަރަ ވަނަ ދުވަހު ފަށައި ޖުލައި ހަތެއްގައި ނިމޭނެ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ. އެ ކުންފުނިން ބްރިޖް އަޅާ ސަރަހައްދުގެ ކަނޑުގެ އަޑީގެ އިތުރުން އެއްގަނުގެ ބިންގަނޑާ ބެހޭ ސާވޭއެއް ކުރާނެއެވެ.