އިސްލާމީ ޝަރީޢަތް - ޢަދްލުވެރި ފަޟްލުވެރި ޝަރީޢަތެއް

ޢަދްލާއި ފަޟްލުގެ ތަފާތު

ޢަދްލަކީ: އަނިޔާއާއި ބޭއިންސާފުގެ އިދިކޮޅެވެ. އެއީ ތިބާގެ މައްޗަށް ވާޖިބުވާ ކަންތައްތައް އަދާކުރުމަށްފަހު ތިބާއަށް ޙައްޤުވާ އެއްޗެއް އުނި އިތުރު ކުރުމެއްނެތި ޙައްޤުގޮތުގައި ނެގުމެވެ.
ފަޟްލަކީ : އިޙްސާންތެރިކަމެވެ. ޢަދްލުވެރިކަން ފަހަނަޅައިގޮސް އެއަށްވުރެ ރަނގަޅަށް މާތްކޮށް ޢަމަލު ކުރުމެވެ.އެއީ ވާޖިބު ކަމެއްނޫނަސް އެއީ އެކަމަށް ދީން ޝައުޤުވެރިކުރުވާ މުސްތަޙައްބު ( ލޮބުވެތިކަން ބޮޑު ) ކަމެކެވެ.

އިސްލާމީ ޝަރީޢަތް ޝަރްޢުކުރައްވައިފައި ވަނީ ޢަދްލުވެރިކަމަށް ޓަކައެވެ. މި ޝަރީޢަތް ކޮންމެ ކަމެއް ވެސް ފަށަނީ ޢަދްލުވެރިކަމުންނެވެ. މި ޝަރީޢަތް އަނިޔާވެރި ނުވުމަށް ގޮވައިލައެވެ. އެކަމާ ދުރުހެލިވުމަށް ނަސޭޙަތްތެރިވެއެވެ. މި ޝަރީޢަތް ހިތްވަރުދެނީ ފަޟްލަށެވެ. މި ޝަރީޢަތް އެކަމަށް ހިތްވަރުދެއެވެ.

ކީރިތި ޤުރްއާން ބަޔާން ކުރާގޮތުގައި ބާއްޖަވެރީންނަކީ ސުވަރުގޭގެ އަހްލުވެރީންނެވެ. އެއީ ﷲގެ ވަލީވެރީންނެވެ.ނުވަތަ ބަލާބަލަހައްޓަވާ މީހުންނެވެ. އެއަށްފަހު ﷲގެ ވަލީވެރިން ދެ ބަޔަކަށް ބެއްސެވިއެވެ. އެއީ ﷲގެ ވަޖްހުފުޅު އަދައިގެން މަސައްކަތްކުރުމުން ﷲގެ ޙަޟްރަތާ ކުއްތަންކުރައްވައިފައިވާ މީހުންނެވެ.އެއީ (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.ފުރަތަމަ ދަރަޖަ ޙާޞިލު ކުރެވޭނީ ޢަދްލުވެރިކަމުންނެވެ. އެއީ ވާޖިބުތައް އަދާކޮށް ޙަރާން ކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވުމެވެ. ދެވަނަ ބަޔަކީ ފަޟްލުވެރިކަމުން މެނުވީ ޙާޞިލުނުކުރެވޭނެ އެއަށްވުރެ މަތީ ދަރަޖައެކެވެ. އެއީ ވާޖިބުތަކާއި މުސްޙައްބު ކަންތައްތައް އަދާކޮށްގެންނާއި ޙަރާން ކަންތައްތަކާއި މަކްރޫހަ ކަންތައްތަކާ ދުރުހެލިވެގެން މެނުވީ ޙާޞިލު ނުކުރެވޭނެ ދަރަޖައެކެވެ.

ޢަދްލަކީ ތެދުމަގުގައި ދެމިހުރުމެވެ. ފަޟްލަކީ އިތުރަށް ސަވާބު ހޯދުމުގެ މަގެވެ. " އާދާބުއް ނުފޫސި " ނަމަކަށް ކިޔާ ފޮތުގައި އަލްއިމާމުލް މުޙާސިބީ ވިދާޅުވިއެވެ. " އާޚިރަތުގެ މަގަކީ އެންމެ މަގެކެވެ.އެ މަގުގައި މީސްތަކުން ދެ ގިންތިއަކަށް ބެހިގެން ވެއެވެ. އެއީ ޢަދްލުވެރީންގެ ގިންތިއާއި، ފަޟްލުވެރީންގެ ގިންތިއެވެ. ޢަދްލުގެ ދެ ބާވަތެއް ވެއެވެ. އެއީ ތިބާއާ މީސްތަކުންނާ ދެމެދުގައި އޮންނަ ވަންހަނާ ކަމެއްނެތް ޢަދްލާއި، ތިބާއާ ﷲއާ ދެމެދުގައި އޮންނަ ވަންހަނާ ޢަދްލުވެރިކަމެވެ.

މީސްތަކުންގެ މައްޗަށް ލާޒިމު ވެގެން ވަނީ ޢަދްލުވެރިވުމެވެ. ފަޟްލުވެރިވުން ލާޒިމުވެގެން ނުވެއެވެ. ޢަދްލުވެރިކަމާއެކު ކެތްތެރިވުމާއި ވަރަޢުވެރިވުން ވާޖިބު ވެގެން ވެއެވެ. ފަޟްލުވެރިކަމާއެކު ޒާހިދުވުމާއި ﷲ ދެއްވިދެއްވުމަށް ރުހުމަކީ ވާޖިބު ކަންތައްތަކެއް ނޫނެވެ. ޢިންޞާފު އޮންނާނީ ޢަދްލުވެރިކަމާއެކުގައެވެ. އިޙްސާންކަން އޮންނާނީ ފަޟްލުވެރިކަމާއެކުގައެވެ. އިންސާނާގެ މައްޗަށް ޢަދްލު ދެނެގަތުން ވާޖިބުވެގެންވެއެވެ. އެހެނަސް އޭނާގެ މައްޗަށް ފަޟްލު ދެނެގަތުން ވާޖިބުވެގެން ނުވެއެވެ.

މި ވާހަކަކޮޅުން ޢަދްލާއި ފަޟްލަކީ ކޮން އެއްޗެއްކަން އެނގިއްޖެކަމަށް ހީކުރަމެވެ. ޢަދްލާއި ފަޟްލުގެ އަގާއި މަތިވެރިކަން ވެސް މި ވާހަކަކޮޅުން އެނގެއެވެ. މާތްﷲގެ މަތިވެރި ޝަރީޢަތަކީ ފުރިހަމަ ޝަރީޢަތެކެވެ. މި ޝަރީޢަތް ފުރިހަމަކޮށް ދެއްވައި އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ނިޢުމަތްތައް ފުރިހަމަކޮށް ދެއްވިކަން ﷲގެ ފޮތުން އެނގެއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. " ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا - މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

ޢަދްލާއި ފަޟްލުގެ ބައެއް މިސާލުތައް

1- އަލްބަޤަރާ ސޫރަތުގެ 280 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. [ وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ – މާނައީ : އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! ] މިއީ ވާޖިބު ޢަދްލެވެ. އެއީ އަތްމަތި ދަތި ދަރަނިވެރިޔާއަށް އޭނާގެ ދަރަނި އަދާކުރުމަށް ޓަކައި އިތުރު ވަގުތު ދިނުމެވެ. މި ވާޖިބު އަދާކުރުމުގައި ޙައްދުފަހަނަޅައިދާ މީހާއަށް ޢުޤޫބާތާއި އަދަބު ޙައްޤުވެގެން ވެއެވެ. މިހެންވެ އޭނާ ފާފަވެރިވާނެތެވެ. އެއަށްފަހު މާތް ﷲ ފަޟްލުވެރިކަމަށް އިޝާރަތް ކުރައްވައި ވަޙީ ކުރެއްވިއެވެ.[ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ - އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާނަމައެވެ. ] މިއީ ލޮބުވެތިވެގެނވާ ފަޟްލެވެ. މާތް ﷲ އެކަމަށް ގޮވައިލައްވައެވެ.އެ ގޮތަށް ޢަމަލު ކުރާ މީހާއަށް ﷲ ސަވާބު ދެއްވައެވެ. އޭނާގެ ދަރަޖަ އުފުއްލަވައެވެ. އެ ކަން ނުކޮށް ދޫކޮށްލައި މީހާގެ މައްޗަށް ފާފަވެރިކަމެއް ނެތެވެ.އެކަމަށް ޢުޤޫބަތެއް ވެސް ނެތެވެ.

2- ﷲ ތަޢާލާ އައްނިސާ ސޫރަތުގެ 92ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. [ وَمَنْ قَتَلَ مُؤْمِناً خَطَأً فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ وَدِيَةٌ مُسَلَّمَةٌ إِلَى أَهْلِهِ- އަދި، ކުށަކުން އޮޅިގެން مؤمن އަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށްހުރީ، مؤمن އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ.] މިއީ ވާޖިބު ޢަދްލުގެ މިންވަރެވެ. ޤާތިލަށް މި ކަމުން ދުރުހެލިވެގަތުމެއް ނެތެވެ. އެހެނަސް ﷲ ސުބްޙާނަހޫ އިރްޝާދު ދެއްވާފައި ވަނީ ފަޟްލަށެވެ. ލޭގެ ވަލީވެރިންނަށް އަންގަވާފައި ވަނީ [إِلَّا أَنْ يَصَّدَّقُوا - އެއީ، އެއުރެން (މާފުކުރުމަކުން) އެއިން صدقات ކުރިއްޔާ މެނުވީއެވެ. ] މިއީ މުސްތަޙައްބު ފަޟްލެވެ. އެކަމަށް ﷲ ގޮވައިލައްވައެވެ.

3- ޖިނާޔާތުގެ ކުށްތަކާ ބެހޭގޮތުން އޮތް ޢަދްލުވެރިކަން ބަޔާން ކުރައްވާ ، މާތް ﷲ އަލްމާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. [وَالْجُرُوحَ قِصَاصٌ - زخم ތަކަކީ قصاص ހުރި ކަމެކެވެ. ] މިއީ ޢަދްލުވެރި ކަމެވެ. އެއްވެސް މުއުމިނަކަށް މި ކަމާ ދުރުހެލިވުން ހުއްދަވެގެން ނުވެއެވެ. އެހެނެއްކަމަކު ﷲ  އިރްޝާދު ދެއްވަނީ އެންމެ ރަނގަޅު ފަޟްލުވަންތަ ގޮތަށެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.[فَمَنْ تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ - ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. ] މިއީ އެންމެ އިތުރު ގޮތެވެ. ﷲ ގޮވައިލައްވަނީ އަދި ﷲ ޝައުޤުވެރި ކުރައްވަނީ މި ގޮތަށެވެ.

4- އަޙްވާލުއްޝަޚްޞިއްޔާއާ ( ނުވަތަ ޢާޢިލާޢާ ) ބެހޭ ކަންކަމުގައި ވެސް އޮތީ މި ގޮތެވެ. ޢަދްލުވެރިކަމާއި ފަޟްލުވެރިކަމެވެ. ވަރިކުރާ މީހާއާ ބެހޭގޮތުން ޢަދްލުވެރި ގޮތް ބޔާންކޮށްދެއްވައި އަރަހުށި މާތް ﷲ އަލްބަޤަރާ ސޫރަތުގެ 237ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. [وَإِنْ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ - އަދި، ތިޔަބައިމީހުން އެކަނބަލުންނަށް، ރަނެއް ކަނޑައަޅާފައިވާ حال، އެކަނބަލުންނާއެކު ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ފަހެ، ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެކަނބަލުންނަށް) ދިނުންހުށްޓެވެ. ] މިއީ ޢަދްލެވެ. މި ބަސްފުޅާ ވިދިގެން ﷲ ތަޢާލާ އިރްޝާދު ދެއްވަނީ ފަޟްލުވެރި އިޙްސާންތެރި ގޮތަށެވެ.އެކަލާނގެ ވަޙީ ކުރެއްވިއެވެ.[ إِلَّا أَنْ يَعْفُونَ أَوْ يَعْفُوَ الَّذِي بِيَدِهِ عُقْدَةُ النِّكَاحِ وَأَنْ تَعْفُوا أَقْرَبُ لِلتَّقْوَى -(އެއީ) އެކަނބަލުން عفو ކުރުމުން މެނުވީއެވެ. ނުވަތަ، ކާވެނީގެ ގޮށް އެމީހެއްގެ އަތުގައިވާ މީހާ عفو ކުރުމުން މެނުވީއެވެ. تقوى ވެރިކަމާ އެންމެގާތްގޮތަކީ، ތިޔަބައިމީހުން عفو ކުރުމެވެ. ]

5- މަޒްލޫމުގެ ޙައްޤާއި ޢަދްލާ ބެހޭގޮތުން މާތްﷲ އައްނަޙްލު ސޫރަތުގެ 126ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. [وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُمْ بِهِ- އަދި ތިޔަބައިމީހުން، عقوبات ދޭނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوبات ދޭށެވެ!] މިއީ ޢަދާލަތުގެ އެންމެ ފުރިހަމަ ގޮތެވެ. އަނިޔާ ލިބުނު މީހާއަށް އޭނާއަށް ލިބުނު އަނިޔާގެ ބަދަލު ލިބިދިނުމެވެ. އުނި އިތުރު ކުރުމެއް ، ޙައްދުފަހަނަޅައި ދިޔުމެއް ނެތިއެވެ. މި ބަސްފުޅާ ވިދިގެން ﷲ  އިރްޝާދު ދެއްވަނީ އެކަމުގައި އޮތް އެންމެ ފަޟްލުވަންތަ ، އެންމެ މޮޅު އިތުރު ގޮތަށެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.[ وَلَئِنْ صَبَرْتُمْ لَهُوَ خَيْرٌ لِلصَّابِرِينَ - އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.] ﷲގެ ޙަޟްރަތުން ސަވާބަށް އެދި ލިބުނު އަނިޔާއަށް ކެތްތެރިވުމާއި ، އަނިޔާދިން ޡާލިމަށް މާފުކުރުން އިތުރުވެގެންވާ ކަން ﷲ އަންގަވައެވެ.

6- އައްޝޫރާ ސޫރަތުގެ 40ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِثْلُهَا - ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ] މިއީ ޢަދްލުވެރިކަމެވެ.މިބަސްފުޅާ ވިދިގެން ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިރްޝާދު ދެއްވަނީ ބަދަލުނުހިފުމަށެވެ. އެއަށްވުރެ ދީލަތިވުމަށެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. [فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللهِ - ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ.] މިއީ ފަޟްލެވެ. މާތް ﷲ މި އަންގަވަނީ ދުނިޔެއާއި އާޚިރަތުގައި ހެޔޮކަން ބޮޑީ ކެތްތެރިވެ ، މާފުކޮށް، ރުޅި ހިންދައިލައި، ޞުލްޙަވުމުގައެވެ. މިއީ މަތިވެރި އަޚްލާޤުގެ ތެރޭގައި ހިމެނޭ އެންމެ މާތް ސިފަތަކެވެ. އެކަމުގެ ސަބަބުން ﷲގެ ޙަޟްރަތުގައި އޭނާގެ ދަރަޖަ މަތިވެރިވެ ސަވާބު ގިނަވެ އިތުރުވެއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ދުޝްމަނު ވެސް އެންމެ ގާތް އެކުވެރިއަކަށް ބަދަލުވެދެއެވެ.

ޢަދްލުވެރިކަމަށާއި ފަޟްލުވަންތަކަމަށް ވަކިވަކިން ގޮވައިލާ ބަސްފުޅުތައް

އިސްވެ މި ބަޔާން ކުރީ އިސްލާމީ ޝަރީޢަތުގައި ޢަދްލާއި ފަޟްލު އެކުއެކުގައި އައިސްފައިވާ ބައެއް މިސާލުތަކެވެ. ކީރިތި ޤުރްއާނުގައި މި ފަދަ މިސާލުތައް ވަކިވަކިން ވެސް އެބަ ހުއްޓެވެ. މިސާލަކަށް މާތް ﷲ އަލްމާއިދާ ސޫރަތުގެ 8ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. " يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلهِ شُهَدَاءَ بِالْقِسْطِ وَلا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلَّا تَعْدِلُوا اعْدِلُوا هُوَ أَقْرَبُ لِلتَّقْوَى وَاتَّقُوا اللهَ إِنَّ اللهَ خَبِيرٌ بِمَا تَعْمَلُونَ - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]

އަނެއްބައި އާޔަތްތަކުގައި ގޮވައިލައްވާފައި ވަނީ ހަމައެކަނި ފަޟްލުވަންތަކަމަށެވެ. މިސާލަކަށް އަލްބަޤަރާ ސޫރަތުގެ 261ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. " مَّثَلُ ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّـهِ كَمَثَلِ حَبَّةٍ أَنۢبَتَتْ سَبْعَ سَنَابِلَ فِى كُلِّ سُنۢبُلَةٍ مِّا۟ئَةُ حَبَّةٍ وَٱللَّـهُ يُضَـٰعِفُ لِمَن يَشَآءُ وَٱللَّـهُ وَٰسِعٌ عَلِيمٌ - ﷲ ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. "

މިއިން އެނގެނީ އިސްލާމީ ޝަރީޢަތަކީ ޢަދްލުވެރިކަމާއި ފަޟްލުވެރިކަން ހިމެނޭ ދީނެއް ކަމެވެ. އެއީ ސަމާޙަތުގެ ދީން ކަމެވެ. އެއީ ބަދަލު ހިފުމަށް އިސްކަންދިނުމަށް ގޮވައިލާ ދީނެއް ނޫންކަމެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.