
ލޯކަލްކައުންސިލް އިންތިޚާބުގައި ވޯޓުދިނުމަށް ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ބާވީސް ހާސް މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އެ ޢަދަދު މުޅިން ކަށަވަރުވާނީ މާދަމާ ކަމަށެވެ. ފޯމްތައް ރީޗެކްކުރުމާއި އަލުން ގުނުމާއި މިހުރިހާ ކަމެއް ކުރުމަށްފަހު ނޫނީ ސީދާ ޢަދަދު ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރީރަޖިސްޓްރޭޝަން ވުމަށް 53 ރިސޯޓެއް ހުޅުވާލުމުން ވެސް ކުރިއާ އަޅާބަލާއިރު ލިބުނު ތަރުހީބު ވަރަށްކުޑަ ކަމަށެވެ. އޭނާ ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފޮށިތަކުގެ ތެރެއިން ސީލިން ހަމަނުވާ ފޮށިތަކަށް ރަޖީސްޓްރީ ކުރި މީހުން އެހެންތަނަކަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު މާރިޗު 6 އިން 7 އަށް ހުޅުވާލާނެ ކަމަށެވެ. އަދި ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާރިޗު 10 އިން 11 އަށް ހުޅުވައިލާނެ ކަމަށް ވެސް އޭނާ ވިދާޅުވއެވެ. އެއަށްފަހު ފައިނަލް ވޯޓަރސް ލިސްޓް މާރިޗު 14 ގައި ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކަށް ސާމާނު ފޮނުވުމުގެ މަސައްކަތް ފަށާނީ މާރުޗު 27 ގައި ކަމަށެވެ.