ޕާކިސްތާނުގައި ރޭލަކާއި ބަހެއް އެކްސިޑެންޓްވެ 20 މީހުން މަރުވެއްޖެ

އެކްސިޑެންޓުވެފައިވާ ބަހުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ

ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ރޭލަކާއި ބަހެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 20 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ. ޒަޚަމްވި ބައެއް މީހުންގެ ހާލު ދެރަކަމުން މަރުވި މީހުންގެ އަދަދަ އިތުރުވުން އެކަށީގެންވާ ކަމަށް ޚަބަރުލިބެއެވެ.

ސުއްކުރް ޕޮލިސް ސްޓޭޝަންގެ އެސިސްޓެންޓް އިންސްޕެކްޓަރ ޖެނެރަލް (އޭއައިޖީ) ޑރ. ޖަމީލު އަޙްމަދު ވިދާޅުވިގޮތުގައި އެކްސިޓެންޑް ހިނގާފައި ވަނީ ސުއްކުރް ޑިސްޓްރިކްޓްގެ  ރޮހްރީ ރޭލްވޭ ސްޓޭޝަން ކައިރީގައެވެ. އެއީ ކަރާޗީއާ 500 ކިލޯމީޓާރު ދުރުގައި އޮންނަ ކަންދްރާ އަވަށުގެ ރޭލްވޭ ސްޓޭޝަނެކެވެ.

"މިއީ ވަރަށް ބިރުވެރި އެކްސިޑެންޓެއް. ބަސްވަނީ ތިން ބުރިވެފައި. ރޭލު ބަހުގައި ޖެހުނެލެއް ބާރުކަމުން ބަސްވަނީ 200 ވަރަކަށް ފޫޓު ދުރަށް ގޮސްފައި."

ބަހުގައި ޖެހިފައިވަނީ ރާވަލްޕިންޑީން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ އެކްސްޕްރެސް ރޭލެކެވެ.

"މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް. ސަރުކާރުގެ ހުރިހާ އިދާރީ މުވައްޒަފުންނާއި، ފުލުހުން މިހާރުވަނީ އެކްސިޑެންޓު ހިނގި ސަރަހައްދަށް ގޮސްފައި. އެއީ ބަލަހައްޓާ މީހަކު ނެތް ހުރަސްކުރާ ތަނެއް. ދުވާތަކެތި ރޭލްވޭ މަތިން ހުރަސް ކުރުން ހުއްޓުވާ އެއްވެސް އެއްޗެއް އެތަނުގައި ނެތް." ސުއްކުރްގެ ޕޮލިސް ކޮމިޝަނާ ޝަފީޤު އަޙްމަދު މަހެސާރް ވިދާޅުވިއެވެ.

އަމިއްލަ ޓީވީ ސްޓޭޝަނެއް ކަމުގައިވާ ޑޯން ޓީވީން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ބަހުގެ ތެރެއިން ޒަޚަމްވެފައިވާ މީޙުންނާއި، މަރުވެފައިވާ މީހުންގެ ހަށިތައް ނެރޭ މަންޒަރު ވަގުތުން ދައްކާފައެވެ.

ރޭލުގެ މިފަދަ ހާދިސާތައް ހިނގުމަކީ ޕާކިސްތާނުގައި އާއްމުކޮށް ހިނގާ ކަމެކެވެ. ފާއިތުވި އަހަރުވެސް ރަހީމް ޔާރް ޚާން ކައިރީގައި މީހުން އުފުލާ ރޭލަކާއި، މުދާ އުފުލާ ރޭލެއް ޖެހިގެން 23 މީހުން މަރުވެ 72 މީހުން ޒަޚަމްވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.