އަދީބުގެ ފަރާތުން ރައީސް ޔާމީނަށް ލިބުނު ގެއްލުމުގެ ޒިންމާ އަޅުގަނޑު ނަގަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި: ޢިމްރާން

ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ ފަރާތުން ރައީސް ޔާމީނަށް ލިބުނު ގެއްލުމުގެ ޒިންމާ މިހާރުގެ ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ރައީސް ޔާމީން އެގޮތަށް ވިދާޅުވިޔަސް އެކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަންޖެހޭ އެއްވެސް ސަބަބެއް ވިނިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ޙާލުކޮޅު ބައްލަވާލެއްވުމަށް އެންމެ ފަހުން ޖަލަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަ ފުޅުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެޒިޔާރަތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު އަޑުއައްސަވަން ކޮމިޝަނަރއޮފް ޕްރިޒަންސާއި އެމަނިކުފާނު ބައިގަޑިއިރު ވަންދެން ތިއްބެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭ ވަގުތުގެ ތެރެއިން 15 މިނިސްޓް ރައީސް ޔާމީން ހޭދަކުރެއްވީ އަދީބު ކުރައްވާފައީވާ ގޯސްކަތައްތަކުގެ ވާހަކަ ދެއްކެވުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަދީބުގެ ވާހަކަ ގާތްގަނޑަކަށް ފަނަރަ މިނިޓް ވަންދެން ދެއްކެވި. އަދީބު ކޮށްފައިހުރި ގޯސް ކަންތަކުގެ ވާހަކަ. ނިންމަވާލެއްވީމާ އަޅުގަނޑު ދެންނެވިން ރައީސް ޔާމީނޭ ރައީސް ޔާމީން ރައީސް ކަމުގައި ރައީސް އޮފީހުގައި އިންނަވަނިކޮށް އަޅުގަނޑު ރައީސް ޔާމީނާ ބައްދަލު ކޮށްފައި ނުދަންނަވަންތޯއޭ އަދީބު ތިޔަކަހަލަ ގޯސްކޮށް ކަންކަން ކުރައްވާ ވާހަކަ. އެދުވަހު އެފިޔަވަޅު ނޭޅުއްވިމައި ނޫންތޯއޭ މިހިސާބަށް ކަންކަން މިއައީ. އެހެންވީމާ ދެން އެކަމުގެ ޒިންމާ ވާންޖެހޭނީ ޢިމްރާންތޯ އަދީބުތޯ ރައީސް ޔާމީން ނިންމަވާށޭ،" މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސް ޔާމީން އެކަމުގެ ވަރަށްބޮޑު ބުލޭމެއް އަޅުގަނޑޫގެ ބޮލުގައި އެޅުވި، އަދީބު ކުރެއްވި ކަންކަމުން އެމަނިކުފާނަށް ލިބުނު ގެއްލުމުގެ ޒިންމާ އަޅުގަނޑު ނަގަންޖެހޭނެ ކަމަށް. އަޅުގަނޑު ހަމަގައިމުވެސް ވިސްނާ ވިސްނާ އަދީބު ކުރިކަންތައްކުން ރައީސް ޔާމީނަށް ލިބުނު ގެއްލުމުގެ ޒިންމާ އަޅުގަނޑު ނަގަންޖެހޭނެ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނޭ އަޅުގަނޑަށް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ރައީސް ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އޭނާ ޖަލަށް ލެއްވި ކަމަށެވެ. އަދި ޖަލަށްލާފައި ދެ ފޫޓުހަމަނުވާ ސިމެންތި އައްޓެއްގެ މަތީގައި ސަތޭކަ ދުވަސް ވަންދެން ބޭއްވި ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް "ރައީސް ޔާމީން ޖަލަށް ގެންދެވުމާއެކީގައި އަޅުގަނޑު ކަށަވަރުކުރިން ރައީސް ޔާމީން ފެންވަރަން ހޫނު ފެންލިބޭތޯ. އޮށޯވެ ވަޑައިގަންނަވާ ގޮދަޑިއަކީ އެކަށީގެންވާ ގޮދަޑިއެއްތޯ. މަޑުމަޑުން ކަންކަން ރަނގަޅު ކުރަމުން އައިސް މިހާރު އެހުރީ 36 އިންޗީގެ ޓީވީއެއް ބަހައްޓާފައި. މިހާރު ކޭބަލް ޓީވީ ލިބޭނެ. އަޅުގަނޑުގެ އަމިއްލަ ނަފުސަށް ހިތްހަމަޖެހުން އެބައޮތް. ވަރަށް ބައިވަރު ކޮމެންޓު އާދޭ ކީއްވެހޭ ދަތި ނުކުރަންވީ ބަދަލު ނުހިފަންވީ،" ޢިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ރައްޔިތަކަށް އަނިޔާކުރުމާއި ބަދަލު ހިފުން އެއީ ކުރައްވާނެ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.