މިއަހަރުގެ ފުރަތަމަ ޔޫތުލީޑަރ ފޯރަމް ވެލިދޫގައި ފަށައިފި

މިއަހަރުގެ ފުރަތަމަ ޔޫތުލީޑަރސް ނެޓްވޯކް ފޯރަމް ނ. ވެލިދޫގައި އިއްޔެ ފަށައިފިއެވެ. މި ފޯރަމް ޚާއްސަކޮށްފައިވަނީ ނ. އަތޮޅުގެ ޒުވާނުންނަށެވެ.

މި ފޯރަމުގައި އެއަތޮޅު 12 ރަށަކުނ 80 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައި ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ. މި ޙަރަކާތް ކުރިއަށްދަނީ ނ.އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މިފަހަރުގެ ފޯރަމްގައި މައިގަނޑު 5 ސެޝަނެއް ހިމެނެއެވެ. އޭގެ އިތުރުން ޔޫތު ލީޑަރސް ނެޓްވޯކް ތަޢާރަފްކުރުމާއި، ޕަބްލިކް އެންގޭޖްމަންޓް އެކްޓިވިޓީ ހިމެނޭ ކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ފޯރަމްގައި ހިމެނޭ ސެޝަންތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚާއްޞަ ސެޝަނަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޝަނަކާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ސެޝަނަކާއި، ހޯމް މިނިސްޓްރީގެ ސެޝަނެއްގެ އިތުރުން ބަހާއި، ތާރީޚާއި، ޘަޤާފަތަށް ޚާއްޞަ ސެޝަނެއް ހިމެނެއެވެ.

ފޯރަމް ކުރިއަށްގެންދަނީ "ހަރުދަނާ ޒުވާނުން- މުޖުތަމަޢުގެ ކުރިއެރުން " މިޝިޢާރުގެ ދަށުންނެވެ. މިފޯރަމް ނިމޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. މިއީ ޔޫތު ލީޑަރސް ނެޓްވޯކުން ކުރިއަށްގެންދާ މިފަދަ 5 ވަނަ ފޯރަމެވެ. މިދިޔަ އަހަރު ވަނީ 4 ޞަރަހައްދެއްގައި ފޯރަމް ބާއްވާފައެވެ. މިފޯރަމްގެ ބޭނުމަކީ ޒުވާން ޤާބިލް ލީޑަރުން އުފެއްދުމެވެ.

މި ފޯރަމް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙައްމަދު މާހިރު އީސާއެވެ. ފޯރަމް ޝަރަފްވެރި ކޮށްދެއްވައި މާހިރު ދެއްކެވި ވާހަކައިގައި ވިދާޅުވީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ދަށުން ތަރުބިއްޔަތުވެ ޒުވާނުން ކުރިއަށް ނިކުންނަންޖެހޭކަމަށެވެ. ދިވެހިންނަކީ ދަތި ހާލުގައިވެސް ނުގުޑާ ހިތްވަރާއެކު އެތަދިތަކާ ކުރިމަތިލާ ބައެއްކަން ކަމަށް ވެސް ވިދާޅުވިއެވެ. މިއަދު ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އެހިތްވަރާއި އަޒުމް ޒުވާނުން ދައްކަން ޖެހޭކަމަށް ވެސް ސްޓޭޓު މިނިސްޓަރ ވިދާޅުވިއެވެ. އިސްލާމީ އުޞޫލުތަކުގައި ތިބެ، ލީޑަރުންނަށް ވުމަށް ވެސް ސްޓޭޓް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއާއި ދުނިޔެއިން ލީޑަރުންގެ މިސާލު ނަންގަވާ ޒުވާނުން ރަނގަޅު ލީޑަރުންނަށް ވުމަށް ހިތްވަރުދެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.