އާތިފް ޝަކޫރުގެ މައްޗަށް ދަޢުވާ ކޮށްފި

ކެރިގެން ކުރިމަތިލާނަން، ކުށެއް ނުކުރާކަން ސާބިތު ކޮށްދޭނަން: އާތިފް

ފޮޓޯ: އެމްބީއާރް

އެމްއެމްއޭގެ ކުރީގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ  އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނާއި ހިލާފުވި ކަމުގެ ދައުވާ ކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ ކަން ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ އޭނާއަށް  އާންގާފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެމްއެމްއޭއިން އޭރު އިހުމާލުވީ އާތިފް ޝަކޫރުގެ ސަބަބުން ކަމަށް މިމައްސަލައިގެ ތަހުގީގުގައި އޭސީސީން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. އޭސީސީން ނެރަފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ފައިނޭޝަންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ)ގެ ވެރިއަކަށް އާތިފް ހުންނެވި އިރު އެތަނަށް ލިބުނު އެސްޓީއާރުގައި މިކަމަށް ތުހުމަތު ކުރެވޭ ކަންކަން ހުރި އިރު، މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން އެކަން ތަހުޤީގީ އިދާރާއަކަށް އޭރު ހުށަހަޅާފައި ނުވާ ކަމަށެވެ.

އޭސީސީން ބުނީ، ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގައި އެފް.އައި.ޔޫއަށް ލިބިފައިވާ މައުލޫމާތެއް، މަނީ ލޯންޑްރިންގެ ހަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާއި ނުވަތަ ކުށްކޮށްގެން ހޯދާފައިވާ އެއްޗަކާ ގުޅުންހުރި ކަމަށް ޝައްކު ކުރެވޭނަމަ، އެކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަށް ނުވަތަ ތަހުގީގުކުރާ އިދާރާއަށް އެފްއައިޔޫ އިން ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ މިޤާނޫނާއި ހިލާފުވުމުގެ ދައުވާއެވެ. މިކަމާ ގުޅިގެން އާތިފް ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ އޭނާގެ މިކަމަށް ކެރިގެން ކުރިމަތިލާނެ ކަމަށެވެ. މީގެ ތެރެއިން އޭނާ ކުށެއް ނުކުރާކަން ސާބިތު ކޮށްދޭނެ ކަމަށެވެ. މީގެ ކުރިން މިމައްސަލައިގައި އޭނާ ވަނީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ބުނެފައެވެ. އޭނާ އޭރު ބުނެފައިވަނީ، އެމްއެމްޕީއާރުސީ މައްސަލަ އަކީ 2014 އިން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ދިގުދެމިގެން ދިޔަ މައްސަލައަކަށް ވީހިނދު އޭނާ އެފްއައިޔޫގެ ވެރިއަކަށް ހުންނެވީ 2014 އިން 2015 އަށް ކަމަށެވެ.

އޭސީސީން މިމައްސަލަ ތަހުޤީގު ކުރުމަށް ފަހު މިދިޔަ އަހަރު ފެބްރުއަރީ މަހު ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ނަމަވެސް އެއޮފީހުން ވަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރުމަށް ފުލުހުންނަށް ލަފާދީފައެވެ. އެހެން ކަމުން މިދިޔަ އަހަރު ފެބްރުއަރީ މަހު 21 ވަނަ ދުވަހު މިމައްސަލަ އޭސީސީން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.