ކުރީގެ ރައީސް ޔާމީންގެ ފުލުހަށް ހާޒިރުކުރީ އިތުރު ދެ މައްސަލައަކާ ގުޅިގެން ބަޔާން ނަގަން: ޕޮލިސް

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބުރާސްފަތި ދުވަހު  ފުލުސް އޮފީހަށް  ހާޒިރު ކުރީ މަނީލޯންޑަރިންގެ އިތުރު ދެ ތުމަތެއްގެ ބަޔާން ނެގުމަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން  ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވާގޮތުގައި ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގިފައިވަނީ، ފުލުހުން މިހާރު ތަހުޤީގު ކުރަމުންދާ މަނީ ލޯންޑަރިންގެ ދެމައްސަލައަކާއި ގުޅިގެން ކަމަށެވެ. ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމާ ގުޅިގެން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ވިދާޅުވީ އެމަނިކުފާނާއި ސުވާލު ކުރެވުނީ މިހާރުވެސް އެމަނިކުފާނު މައްޗަށް ތުހުމަތު ކުރެވި ޝަރީއަތުގެ އިސްތިއުނާފު މަރުހަލާގައިވާ މަނީ ލޯންޑަރިން މައްސަލަ އާއި ގުޅިގެން ކަމަށެވެ. ނަމަވެސް ފުލުހުން މިކަން ދޮގު ކުރެއެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، ރައީސް ޔާމީނާ ސުވާލު ކުރެވިފައިވަނީ މައިގަނޑު ދެމައްސަލަ އަކާއި ގުޅިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ މައްސަލަ އަކީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ފައިސާ ޚިޔާނާތްތެރިވި މައްސަލައެކެވެ. ދެވަނަ މައްސަލަ އަކީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެކެވެ. މީގެ ތެރެއިން އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނެނީ  ރަށްތައް ކުއްޔަށް ދޫކޮށް އިކުޒިޝަން ކޯސްޓުގެ ގޮތުގައި ލިބުނު 77 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރ ކުރި މައްސަލައާއި، ދައުލަތުގެ ކުންފުނި ތަކުން ޑޮލަރު ގަނެ ވިއްކުމުގެ ނަމުގައި 220 މިލިއަން ރުފިޔާ ހޯދައި އެޔަށް ޚިޔާނާތްތެރިވި މައްސަލަ އާއި، އެމްއެމްޕީއާރުސީ މެދުވެރިވެގެން، ކޮރަޕްޝަން ހިމެނޭގޮތަށް އަމިއްލަ ފަރާތްތަކަށާއި ކުންފުނި ތަކަށް ލޯނުގެ ގޮތުގައި އެއްމިލިއަން ނުވަލައްކަ ރުފިޔާ ދޫކޮށް އެޔަށް ޚިޔާނާތްތެރިވެ އެފައިސާ ލޯންޑަރ ކުރިމައްސަލައެވެ.

ދެވަނައަށް ތަހުގީގަށް ބަޔާން ނެގިކަމަށް ފުލުހުން ވިދާޅުވާ މައްސަލައަކީ، އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެއް ލައްކަ އަށާރަހާސް ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް މެދުވެރިކޮށް އެފައިސާ ލޯންޑަރ ކޮށްފައިވާ މައްސަލަ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ މީގެ ތެރެއިން ފުރަތަމަ މައްސަލައަކީ މީގެ ކުރީންވެސް ސުވާލު ކުރެވިފައިވާ މައްސަލައެއް ކަމަށެވެ. މައްސަލަތަކުގައި ފުލުހަށް ހާޒިރުވާ ވަކީލުން ފުލުހުން ކުރާ ތަހުޤީގުތައިކާއި ގުޅިގެން ހިންގޭ އިޖުރާއައަތްތައް ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދައްކައި، ފުލުހުންނާއި މެދު ނުބައި ތަސައްވަރެއް އުފެއްދުމަށް މަސައްކަތް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޔާމީން މިހާރު ޖަލުގައި ހުކުމް ތަންފީޒުކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ. މިކުށް ސާބިތުވުމާއެކު ފަސް އަހަރު ޖަލުހުކުމަކާއި އެކު 77 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.