ރާއްޖޭގައި ވޯކްޝޮޕްތައް ހިންގަން ބޭރުގެ ޖަމާއަތަކަށް ހުއްދަ ދީފައެއް ނުވާނެ: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި އިސްލާމްދީނާ ބެހޭ މަޢުލޫމާތު ދީ ނުވަތަ ދިނާ ގުޅޭ ވޯކްޝޮޕްތަކެއް ހިންގުމުގެ ހުއްދަ ބޭރުގެ އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިރޭ ވިދާޅުވީ "އެކަހަލަ (ދީނީ ވޯކްޝޮޕް ބޭއްވުމުގެ) އެއްވެސް ހުއްދައެއް މިނިސްޓްރީގެ ފަރާތުން ދީފައެއްނެތް،" ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބޭރުގެ ޖަމާއަތަކުން ވޯކްޝޮޕްތަކެއް ބާއްވަމުންދާ ކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ހުށަހަޅަމުން ގެންދާ ކަމަށެވެ. އެހެންވެ އެކަން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެކަން ބެއްލެވުމަށްފަހު އަދި ރަސްމީކޮށް އެއްވެސް މަޢުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ވޯކްޝޮޕްތައް ރާއްޖޭގައި ބާއްވަމުން ގެންދަނީ އިނގިރޭސިވިލާތުގެ ކުއިލިއަމް ފައުންޑޭޝަން ނަމަކަށް ކިޔާ ޖަމިއްޔާއަކުންނެވެ. އެއީ ކޮންބައެއް ކަމެއްނޭނގި އެޖަމިއްޔާއިން ހިންގާ ޙަރަކާތްތަކުގައި ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަމިއްޔާގެ މަގުސަދަކީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ވެސް ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރުމެވެ. އެގޮތުން އެކަން ކުރުމަށްޓަކައި ދިވެހީންނަށް ވޯކްޝޮޕްތަކުގެ ނަމުގައި ޙަރަކާތްތައް ބާއްވައި ވިސްނުންހުރި ގޮތްދަނީ ބަލަމުންނެވެ. އަދި ނުސީދާކޮށް އެމީހުން ބޭނުންވާ ކަންކަން އެވޯކްޝޮޕް ތަކުގައިދަނީ ހުށަހަޅަމުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.