
ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ އަތްޕުޅުން އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި ހޯއްދަވަން ސިވިލް ކޯޓުގައި ދަޢުވާކުރައްވައިފިއެވެ.
ދައުލަތުގެ ފަރާތުން މިދަޢުވާ ކުރެއްވީ ދައުލަތުގެ އެޓަރނީ ޖެނެރަލްއެވެ. އެޓަރނީ ޖެނެރަލް އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ފައިސާއަކީ ޖިހާދު ނާއިބު ރައީސަކަށް ހުންނެވި ދުވަސްވަރު އެމަނިކުފާނު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން ހަމަޖައްސަވައި ދެއްވި "ރެހެންދި 3" ގެ ދެ ފުލެޓުގައި، ރިޔާސީ ދައުރަށްފަހު ވެސް ޤާނޫނީ ޙައިސިއްޔަތެއް ނެތި އެމަނިކުފާނު ދިރިއުޅުއްވާފައިވާ ބަދަލުގެ ގޮތުގައި ހޯއްދަވަން ބޭނުންފުޅަވާ ފައިސާ ކަމަށެވެ.
ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެމަނިކުފާނަށް އެންގެވި ކަމަށާއި އެހެންނަމަވެސް އެތަން ހުސްނުކޮށް، ޤާނޫނީ ހައިޞިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އެމަނިކުފާނު އެތަން ބޭނުން ކުރެއްވި ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ. އެމަނިކުފާނު އެތަން ދޫކުރެއްވީ މިއަހަރު ފެބުރުއަރީ 17 ގައި ކަމަށް ވެސް އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދު ޤާނޫނީ ހައިޞިއްޔަތެއްނެތި ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްޤު ދައުލަތަށް ލިބިގެންވާކަމަށް އޭޖީ އޮފީހުން ދެކެވަޑައިގަންނަވައެވެ. އެހެންކަމުން އެކަން އެގޮތަށް "ކަނޑައަޅައިދީ، ނުޙައްޤު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ވާނީ ދަޢުވާ ހުށަހަޅާފައެވެ." އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.