
ދެހާސް އަށާރަވަނަ އަހަރުގެ އޮޑިޓުރިޕޯޓުގައި ބުނެފައިވާ ފަދައިން އައިލެންޑުއޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ދޭންޖެހޭ 6 މިލިއަން ރުފިޔާ އެކުންފުނިން ބަރާބަރަށް މިހާރު ދައްކަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވީ އެފައިސާގެ ތެރެއިން މިހާތަނަށް ނުދައްކައިހުރީ ފެބުރުއަރީމަހު ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އައިލޭންޑުއޭވިއޭޝަންގެ އައުމު މެނޭޖުމެންޓާއި އެމިނިސްޓްރީއާ ދެމެދުވަނީ އެފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވެފައި ކަމަށެވެ.
"އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން އިސްލާމިކް މިނިސްޓްރީއަށް ދައްކަންޖެހޭ 6 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ އާމެނޭޖްމަންޓުން މިނިސްޓްރީއާއި އެކު ވާހަކަ ދައްކައިގެން އެއްބަސްވެވިފައިވާ ގޮތައް ބަރާބަރައްދަނީ މިހާރު ދައްކަމުން. އެގޮތުން މިހާރު ނުދެއްކި ވަނީ މި ފެބްރުއަރީ މަހު ދައްކަން ޖެހޭ 1 މިލިއަން ރުފިޔާ އެކަނި،" އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މިއީ ދާރުލްއީމާން އިމާރާތުގެ 6 ވަނަ ފަންގިފިލާ އައިލެންޑުއޭވިއޭޝަނުން ކުއްޔަށް ހިފުމަށްފަހު ދައްކަންޖެހޭ ފައިސާ އެވެ. އެ އިމާރާތުގެ 6 ވަނަ ފަންގިފިލާ ކުއްޔަށް ދީފައިވަނީ ވަނީ 2016 ވަނައަހަރު ނޮވެމްބަރު 16 ގައެވެ. އެ އެއްބަސްވުމުގައި ބުނެފައިވަނީ ކުލީގެ ގޮތުގައި ދައްކަންޖެހެނީ އަށް މިލިއަން ރުފިޔާ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން ދުވަސްތެރޭގައި މިސްކިތު ފަންޑަށް ހަ މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެ އެއްބަސްވުމުގައި ބުނެފައިވެއެވެ. ބާކީ ދެ މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން އެއް މަސްތެރޭގައި ދައްކާގޮތަށް ވެސް ވަނީ އެއްބަސްވެފައެވެ.