އެންމެ ކުރު ސޫރަތް
މާތް ﷲ މުޙައްމަދު ނަބިއްޔާގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރްއާނުގެ ސޫރަތްތަކަށް ބަލާއިރު " العَصْرُ " އާއި " النَصْرُ " އާއި " الكَوْثَرُ " އަކީ އެންމެ ކުރު ތިން ސޫރަތެވެ. މިއިން ކޮންމެ ސޫރަތެއްގައި ވެސް އޮތީ ތިން އާޔަތެވެ. މި ތިން ސޫރަތުގެ ބަސްތަކަށާއި ލަފްޡުތަކަށާއި އަކުރުތަކުގެ ޢަދަދަށް ބަލާއިރު އަކުރުތައް އެންމެ މަދީ އަލްކަވްޘަރު ސޫރަތުގައެވެ. އެހެންކަމުން އެއީ ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތެވެ.
ސޫރަތް
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾ فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾ إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣﴾
ސޫރަތުގެ މާނަ
- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (ކަވްޘަރު ) ކަލޭގެފާނަށް ދެއްވީމެވެ.
- ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރްބާން ކުރައްވާށެވެ!
- ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.
ބާވައިލެއްވި ތަން
ތަފްސީރު ޢިލްމުވެރީންގެ ގިނަބޭކަލުން ވިދާޅުވާ ގޮތުގައި މިއީ މައްކާގައި ބާވައިލެއްވި ސޫރަތެކެވެ.މި ސޫރަތް ބާވައިލެއްވުނު ހާދިސާއަށް ބަލާއިރު ބުރަވެވެން އޮތީ މި ރައުޔަށެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ބާވައިލެއްވުނު ސޫރަތްތަކުގެ ތަރްތީބަށް ބަލާއިރު އަލްކަވްޘަރު ސޫރަތް ބާވައިލައްވައިފައި ވަނީ 15ވަނައަށެވެ. އެއީ އަލްތަކާޘުރު ސޫރަތުގެ ކުރިން ، އަލްޢާދިޔާތު ސޫރަތުގެ ފަހުންނެވެ.
ބާވައިލެއްވި ސަބަބު
އަލްވާޙިދީފަދަ ގިނަ މުފައްސިރުންނާއި މުޙައްދިޘުން ވިދާޅުވާ ގޮތުގައި މި ސޫރަތް ބާވައިލެއްވީ މުޝްރިކުންގެ ބޮޑެއް ކަމުގައިވާ އަލްޢާޞު ބިން ވާއިލާ ( އަލްމަސްޖިދުލްޙަރާމަށް ވަންނަނިކޮށް ) ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ( އަލްމަސްޖިދުލް ޙަރާމުން ނުކުމެވަޑައިގަންނަވަނިކޮށް) ބައްދަލުވިހިނދު އޭނާ ރަސޫލާއާ ދިމާއަށް ބުނި ބަހަކާ ވިދިގެންނެވެ.އެ ވަގުތު މުޝްރިކުންގެ ބަޔަކު ގެފުޅުތެރޭގައި ތިއްބެވެ. އެބައިމީހުން ޢާޞާ ދިމާއަށް ބުންނެވެ. ތިބާ ދެންމެ " ވާހަކަ ދެއްކީ ކާކާ ހެއްޔެވެ؟ އެހިނދު އެކަލޭގެ ބުންޏެވެ. " الأَبْتَرُ " އާއެވެ. އޭނާގެ ގަސްތަކީ ރަސޫލާއާއެވެ. ޢަރަބިބަހުގައި އަބްތަރަކީ ފިރިހެން ދަރިއެއް ނެތް މީހާއެވެ.އެއިރު ރަސޫލާއަށް ލިބިވަޑައިގެންނެވި ފިރިހެން ދަރިކަލުން ޢަބްދު ﷲ ގެފާނު އަވަހާރަވިތާ މާ ގިނަ ދުވަހެއް ނުވެއެވެ.މިކަމާ ވިދިގެން މާތް ﷲ މި ސޫރަތް ބާވައިލެއްވިއެވެ.
އެހެން ރިވާޔަތެއް ބުނާގޮތުގައި މި ސޫރަތް ބާވައިލެއްވި ސަބަބަކީ ގެފުޅު ތެރޭގައި މުޝްރިކުން ރަސޫލާއާ ބެހޭގޮތުން ވާހަކަދައްކަން ތިއްބާ ޢަލްޢާޞު ގޮސް ބުންޏެވެ. ތިޔަބައިމީހުން އެކަލޭގެފާނު ދޫކޮށްލާށެވެ. އެކަލޭގެފާނަކީ ފިރިހެން ދަރިކަލަކު ނެތް ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ މަތިން ހަނދާންނެތިދާނެތެވެ.
ތިންވަނަ ރައުޔެއް ބުނާގޮތުގައި އެއްދުވަހަކު އަލްޢާޞު ރަސޫލާ އިންނެވިތަނަކުން ލައިފައި ދަމުން ބުންޏެވެ. " މަށަކީ ކަލޭގެފާނުދެކެ ވަރަށް ރުޅިއަންނަ މީހަކީމުއެވެ. ކަލޭގެފާނުދެކެ ވަރަށް ފޫހިވާ މީހަކީމުއެވެ. " އެހިނދު މާތް ﷲ (إِنَّ شَانِئَكَ هُوَ الْأَبْتَرُ) ބާވައިލެއްވިއެވެ.
މި ބަސްފުޅުތަކުން އެނގޭގޮތުގައި މި ސޫރަތް ބާވައިލެއްވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މަލާމާތްކޮށް ފުރައްސާރަކޮށް ހެދުމުންނެވެ. އެމީހުންގެ ސަޤާފަތުގައި އެއިރު އޮތް ޖާހިލީ ވިސްނުން ބުނާގޮތުގައި ފިރިހެން ދަރިއަކު ނެޔް މީހާގެ ޛިކްރާއެއް ނުއޮންނާނެއެވެ.އެ ފަދަ މީހާއަށް " أبتر" ކިޔައެވެ. މިއީ މަލާމާތްކުރުމުގެ ގޮތުން ނޫނީ ނުބުނާނެ ބަހެކެވެ.
މި ގޮތަށް މަލާމާތްކުރުމުގެ ބޭނުމަކީ އެކަލޭގެފާނު ހިތްޕުޅުގައި ޖެއްސުމެވެ. އެކަލޭގެފާނު ނާއުއްމީދު ކުރުވުމެވެ. އެކަލޭގެފާނު މާޔޫސްކުރުމެވެ. ޢަރަބިކަރައިގައި އެ ދުވަސްވަރު އަޑު ގަދަވާނީ ފިރިހެން ދަރީން ގިނަވިވަރަކަށެވެ.
ކައުޘަރަކީ ކޮބާ
ކައުޘަރުގެ މާނައާ ބެހޭގޮތުން މުފައްސިރުންގެ 6 ބަހެއް ވެއެވެ. އެހެނަސް ﷲގެ ފޮތާމެދު ފުންކޮށް ވިސްނައިލުމުން އެނގޭ ޙަޤީޤަތަކީ މުޙައްމަދުގެފާނަށް މާތްﷲ ދެއްވި އެންމެ ބޮޑު ، އެންމެ ދީލަތި ، އެންމެ އަގު ބޮޑު ، ނިޢުމަތަކީ ކީރިތި ޤުރްއާން ކަމެވެ. އެއީ " އަލްކައުޘަރު " އެވެ. ކައުޘަރު މި ވަޒަނަށް އަންނަ ބަސްތަކުގައި މާތްކަމާއި ، މަތިވެރިކަމާއި ، ލޮބުވެތިކަން ހިމެނެއެވެ.
ކައުޘަރުގެ މާނަތަކުގެ ތެރޭގައި "ގިނަގުނަ " ވެއެވެ. އެ ބަސް އައިސްފައިވަނީ " ކަޘީރު " އިން ކަމަށް ވާތީއެވެ. ވީމާ ކައުޘަރަކީ އިންތިހާއަށް ގިނަވުމެވެ.
" ކައުޘަރު " ގެ މާނަތަކުގެ ތެރޭގައި " ދީލަތިކަން " ވެއެވެ. ރަސޫލާއަކީ ވަރަށް ދީލަތިފުޅު ބޭކަލެކެވެ.
" ކައުޘަރު " ގެ މާނަތަކުގައި " ގިނަގުނަ ހެޔޮކަން " ވެއެވެ.
" ކައުޘަރު " ގެ މާނަތަކުގައި " މީރު ބުއިން " ވެއެވެ.
މި ހުރިހާ ސިފަތަކެއް ވެސް ޤުރްއާނުގައި ވެއެވެ. އެހެނީ އެއިގެ ކަންޒުތަކަކަކީ އިންތިހާއަށް ގިނަ ، ހުސްވުމެއް ނެތް ޚަޒާނާތަކެކެވެ. އެ ކިޔަވާ މީހާއަށް ދެވޭ ސަވާބާއި ދަރުމަ އެހައިމެ ބޮޑެވެ. އެ ފޮތުގައިވާ ޙިކްމަތްތައް ގިނަގުނައެވެ.އެ ފޮތުގައި އައިސްފައިވާ ތަޝްރީޢުތައް އެހައިމެ މަތިވެރިވެފައި ޒަމާންތަކަށް ފައްސެވެ.އެއީ މީސްތަކުންނަށް އެއިން މާއްދީ އަދި ރޫޙާނީ ޝިފާ ލިބޭ މީރު ޝަރާބެކެވެ. އެއީ މީސްތަކުންނަށް ތެދުމަގާއި ހިދާޔަތު ލިބިދޭ މަތިވެރި ނޫރެކެވެ. އެއީ މީސްތަކުންނަށް ބާއްޖަވެރިކަން ގެނެސްދޭ ﷲގެ ދުސްތޫރެވެ.
ބައެއް ރިވާޔަތްތައް ބުނާގޮތުގައި " ކައުޘަރު " އަކީ މާތް ﷲ ރަސޫލާއަށް ސުވަރުގެއިން ދެއްވި ބޮޑު ކޯރެކެވެ. އެކަލޭގެފާނުގެ ޙައުޟަށް ފެން ލިބެނީ މި ކޯރުންނެވެ. މި ކޯރުގެ މާތްކަމާއި މަތިވެރިކަން ބަޔާންކޮށް ދެއްވުމަށް ޓަކައި ކީރިތި ޤުރްއާނުގެ ނަންފުޅުތަކުން ނަންފުޅަކުން އެ ކޯރަށް ނަންދެއްވުމަކީ ޙައިރާންވާން ޖެހޭ ކަމެއް ނޫނެވެ.އެއްވެސް ދެބަސްވުމެއް ނެތް ގޮތުގައި ކީރިތި ޤުރްއާނަށްވުރެ މަތިވެރި ނިޢުމަތެއް މާތް ﷲ ރަސޫލާއަކަށް ނުދެއްވައެވެ. މި ޤުރްއާން ރައްކައުތެރިކުރައްވައި ދަމަހައްޓަވާނެ ކަމަށް މާތް ﷲ ވަނީ ޖާމިނުވެވޮޑިގެންފައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ [1]- ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ."
އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި " ކައުޘަރު " ނަމަކަށް ކިޔާ ކޯރަކީ ރަސޫލާ r އަށް މާތް ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ.ކައުޘަރު ކޯރާ ހަމައަށް ދެވޭނީ ޤުރްއާނުގެ ކައުޘަރުންނެވެ.
ކީރިތި ޤުރްއާނަކީ މުޙައްމަދު ނަބިއްޔާއަށް މާތް ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތެވެ. އެންމެ ބޮޑު މުޢުޖިޒާތެވެ. މި ޤުރްއާނުގެ ސަބަބުން އެކަލޭގެފާނުގެ ޛިކްރާ މަތިވެރިވިއެވެ. މާތް ﷲ ވަޙީ ކުރައްވިއެވެ. " وَإِنَّهُ لَذِكْرٌ لَّكَ وَلِقَوْمِكَ [2]- އަދި ހަމަކަށަވަރުން، އެ قرآن އަކީ ކަލޭގެފާނަށާއި، ކަލޭގެފާނުގެ قوم ގެމީހުންނަށް ލިބުނު شرف އެކެވެ. "
މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި ރިސާލަތު އައިސްފައި ވަނީ މި ޤުރްއާނުގައެވެ. ﷲގެ އަމުރުފުޅަށް މުޙައްމަދު ނަބިއްޔާ މި ޤުރްއާން މީސްތަކުންނަށް ފޯރުކޮށްދެއްވިއެވެ. މި ޤުރްއާނުގެ ސަބަބުން އެކަލޭގެފާނުގެ ނަންފުޅު މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ.ޤިޔާމަތާ ޖެހެންދެން އެކަލޭގެފާނު ނަންފުޅު މުޅި މަޢުމޫރާގެ ކަންކޮޅުތަކުގައި ފެތުރެމުން ޢާޢްމުވަމުން އަންނާނެއެވެ.
މާތް ﷲ މި ކަމަށް ޓަކައި އެކަލާނގެ ރަސޫލާއަށް އެންގެވީ އެކަލާނގެއަށް ނަމާދު ކުރެއްވުމަށެވެ. އެކަލާނގެ ވަޖްހުފުޅަށް ޓަކައި ޤުރްބާނީތަކާއި ނަޢަމުސޫފިތައް ކަތިލުއްވައި ފަޤީރުންނަށާއި މިސްކީނުންނަށް ކާންދެއްވައި ހެޔޮ ފޯރުކުރެއްވުމަށެވެ.
މާތް ﷲ މި ސޫރަތް ނިންމަވައިލެއްވީ ފާޅުވަމުން އަންނަ ޙަޤީޤަތަކުންނެވެ. އެއީ ކީރިތި ޤުރްއާނުގެ މުޢުޖިޒާތްތަކުން މުޢުޖިޒާތެކެވެ. އެކަލާނގެ ވަޙީބަސްފުޅުގެ މަފްހޫމަކީ " ކުރިމަގުގައި އަބްތަރު ވެގެންދާނީ ، ކަލޭގެފާނާ ދުޝްމަނުވާ ، ކަލޭގެފާނު ކޯފާއިސްކުރުވާ ، ކަލޭގެފާނަށް މަލާމާތްކުރާމީހުންނާއި ކަލޭގެފާނާ ދިމާއަށް އަބްތަރޭ ކިޔާމީހުންނެވެ. "
ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ އިންޒާރު ކިހާ ތެދުތޯއެވެ؟މައްކާގެ މުޝްރިކުންތައް ކޮބައިތޯއެވެ؟ އެމީހުންގެ ޛިކްރާއަށް ވަނީ ފަސްއެޅި ފޮރުވިފައެވެ. އެހެނަސް މުޙައްމަދުގެފާނުގެ ޛިކްރާ އަންނަނީ ދުވަހެއް ދުވަހަކަށް ފުޅައުވެ މަތިވެރިވަމުންނެވެ.
އެންމެ ގިނަ ބަޔެއްގެ ނަމަކީ " مُحَمَّدُ"
މިއަދު އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ބަސްފުޅުގެ ތެދުކަން އަޖައިބުވަނިވި ދަރަޖައަކަށް އަންނަނީ ފެންނަމުންނެވެ. ކުރީގެ ސައްތަތަކުގެ މީހުންނާއި ސާސްކަފުގެ މީހުން ނުދެކޭ ފަދަ ގޮތަކަށެވެ. " މުޙައްމަދު " ގެފާނުގެ ނަންފުޅު މިއަދު ފެތުރިފައިވަނީ ޙައިރާންވެ އަންތަރީސްވާހައި ބޮޑު މިންވަރަކަށެވެ.އެއްވެސް ޝައްކެއްނެތް ގޮތުގައި އިސްލާމީ ދުނިޔޭގައި އެންމެ ގިނައީ " މުޙައްމަދު " ކިޔާ މީހުންނެވެ. އެމީހުން މުޙައްމަދުގެފާނުދެކެ ލޯބިވާތީއެވެ. އެ ނަންފުޅުން ބަރަކާތް ޙާޞިލުކުރުމަށް ޓަކައެވެ. އެ ނަންފުޅުގެ މަތިވެރިކަމުންނެވެ.
މިއީ މުސްލިމުން ޙައިރާންވާނެ ކަމެއް ނޫނެވެ. އެހެނަސް އަޅުގަނޑުމެންވެސް ޙައިރާން ކުރުވި ކަމަކީ މުޅި ދުނިޔޭގައި އެންމެ ގިނަ ބަޔަކަށް " މުޙައްމަދު " ކިޔާތީއެވެ.
- 2000 ވަނަ އަހަރު ޝާއިޢުކުރެވުނު ކޮލަމްބިޔާ އެކުމާފާނުގެ 6ވަނަ އިޞްދާރު ބުނާގޮތުގައި ދުނިޔޭގައި މުޙައްމަދު ކިޔާ 150 މިލިޔަން ފިރިހެނުން އުޅެއެވެ.
- 2006 ވަނަ އަހަރުގެ ގިނެސް ބުކް ބުނާގޮތުގައި އިންސާނުންގެ ތެރޭގައި އެވްރެޖުކޮށް އެންމެ ގިނަބަޔަކަށް ކިޔައިފައިވަނީ " މުޙައްމަދު " އެވެ.
- 2007 ވަނަ އަހަރު ބީބީސީ ބުނާގޮތުގައި 2007ވަނަ އަހަރު އިނގިރޭސިވިލާތުގައި އުފަންވި ކުދީންގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ކިޔައިފައިވާ ނަމަކީ " މުޙައްމަދު " އެވެ.
- ސްޕޭންގެ މަޝްހޫރު ދުވަހު ނޫހަކުން 2013 ވަނަ އަހަރު ޝާއިޢު ކުރި ރިޕޯޓެއް ބުނާގޮތުގައި ތަފާތު ފަންސާސް ޤައުމެއްގައި " މުޙައްމަދު " ކިޔާ 150 މިލިޔަން މީހުން އެބަ އުޅެއެވެ. ރަސޫލާގެ އެހެން ނަންފުޅުތައް ( މިސާލަކަށް އަޙްމަދު ނުވަތަ މަޙްމޫދު ނުވަތަ މުޞްޠަފާ ނުވަތަ މުޖްތަބާ ފަދަ ނަންތައް ހިމަނައިފިނަމަ ) ދުނިޔޭގައި 200 މިލިޔަން މީހުންނަށް ވުރެ ގިނަ ބަޔަކަށް ރަސޫލާގެ ނަންފުޅުން ނަންކިޔައިފައި ވެއެވެ.
- އިނގިރޭސިވިލާތުގެ އިންޑިޕެންޑެންޓް ދުވަހު ނޫސް 2013 ވަނަ އަހަރު ޝާއިޢުކުރި ރިޕޯޓެއް ބުނާގޮތުގައި އިނިގިރޭސިވިލާތުގެ ޢާއިލާތަކުގައި އެންމެ މަޤްބޫލު ނަމަކީ " މުޙައްމަދު " އެވެ.
- 2014ވަނަ އަހަރު އިނގިރޭސިވިލާތުގައި އެއްކުރެވުނު މަޢުލޫމާތުތަކެއްގެ ނަތީޖާ ބުނާގޮތުގައި އެ ޤައުމުގައި އެންމެ ގިނައިން ކިޔިފައިވާ 100 ނަމަށް ބަލާއިރު އެންމެ ގިނަ ބަޔަކަށް ކިޔައިފައި ވަނީ " މުޙައްމަދު " އެވެ.
- އިސްރާއީލުގެ ތަފާސްހިސާބާ ބެހޭ އޮފީހުން 2016ވަނަ އަހަރު ހާމަކުރި ތަފާސްހިސާބުތައް ބުނަގޮތުގައި އިސްރާއީލުގައި އެ އަހަރު އެންމެ ގިނަކުދިންނަށް ދެވިފައިވާ ނަމަކީ " މުޙައްމަދު " އެވެ.
މިއީ ޙަޤީޤަތެކެވެ. މީގެ މަދްލޫލަށް ދުރުމިންތަކެއް ލިބިގެންވާކަން ކަށަވަރެވެ. އެއީ މުޙައްމަދުގެފާނުގެ ޛިކްރާ މަތިވެރިވަމުން އަންނަކަމުގެ ޙަޤީޤަތެވެ. މި ކަމުގައި ޒަމާންތަކާއި އިންތައް ފަހަނަޅައިވާ ކަމެވެ. ކޮންމެ ދުވަހަކު ވެސް މި އަންނަނީ " ކަވްޘަރު " ގެ ޙަޤީޤަތް ފާޅުވަމުންނެވެ. ނަބިއްޔާގެ ޛިކްރާ އިތުރަށް ބިންވަޅުނެގި ފުންވަމުންނެވެ.
ބިޝާރަތަކީ ކޮބާ
މާތް ﷲ ރަސޫލާއަށް ދެއްވި ކަވްޘަރުގެ މާނަ އިތުރުވަމުން އަންނައިރު އަޅުގަނޑުމެން މުސްލިމުން އުފާކުރުން ހުއްޓެވެ. އޭގައި ބިޝާރަތެއް ނުވޭބާވައެވެ! އޭގައި އުފާވެރި ޚަބަރުތަކެއް ނުހިމެނޭ ބާވައެވެ! އެއިގައި ބިޝާރަތެއް ވެއެވެ. ހެވާއި އުއްމީދުގެ ބިޝާރަތެވެ. މުޙައްމަދުގެފާނުގެ އުއްމަތުގެ ދުޝްމަނުންނަށް އޮތް " އަބްތަރު" ގެ ބިޝާރަތެވެ.
[1] - الحجر : 9
[2] - الزخرف : 44