ސަރުކާރުގެ ނިންމުން ޓީއެމްއޭއިން ގަބޫނުކުރާނެ ކަމަށް ނުދެކެން: ޔައުގޫބު

ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމާބެހޭ ގޮތުން ސަރުކާރުން ނިންމެވި ނިންމެވުން ޓީއެމްއޭއިން ގާބޫލު ކުރައްވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ  މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޔަޢުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި މިރޭ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރުން މިހާރު ނިންމީ ދެއަހަރަށް ޓަރމިނަލް ޓީއެމްއޭއަށް ދިނުމަށް ކަމަށެވެ. ކުރިއަށްވުރެ އަގުހެޔޮކޮށް ދެއަހަރަށް ލިބުމަކީ ހިތްހަމަނުޖެހެންވީ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔަޢުޤޫބު ވިދާޅުވީ ޓީއެމްއޭ ބޭނުންކަމަށް ވާނަމަ އެތަން މާކެޓުރޭޓުން ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެއްކޮށް ވެސް އެތަން ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެތަން ކުއްޔަށް ދިނުމާބެހޭ ގޮތުން މާލިއްޔަތު ކޮމިޓީން މައުލޫމާތު އެއްކުރެއްވިއިރު ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވަރަށްގިނައިން އެމްއޭސީއެލްއަށް ވަޑައިގެންނެވި ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންނެވި ކަމަށް ވެސް ޔަޢުޤޫބު ވިދާޅުވިއެވެ. އެހެންނަމަވެސް މިނިސްޓަރ ކޮންމެދުވަހަކު ހެން ކުންފުންޏަކަށް ވަޑައިގެން ކުންފުނި  ހިންގެވުމާ ބެހޭ އިރުޝާދު ދެއްވަންޖެހިވަޑައިގަންނަވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ވަޑައިގެންނެވި ވަޑައިގެންނެވުމުގައި އެއްވެސް ކަމެއް ގޯސްކޮށް ހިންގާފައިވާ ކަމަށްވާނަމަ ކަމާބެހޭ ފަރާތްތަކުން އެކަންކަން ވަރަށް ރަނގަޅަށް ބައްލަވަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.