ރިނބުދޫ ސަގާފީ މަގު ރައީސް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދ. ކުޑަހުވަދޫ ސަގާފީ މަގު އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު އެމަގު އިފްތިތާހުކޮށްދެއްވީ އެރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރުއެވެ. އޭގެ އިތުރުން ރައީސް ވަނީ މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ކެންޕޭން "މަރިޔަންމާ" ވެސް އިފްތިތާޙްކޮށްދެއްވައިފައެވެ.

ސަޤާފީ މަގަކީ ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަޤާފަތް އަދި މަސައްކަތްތެރިކަމާއި ރަށާ ގުޅޭ "ފޯކުލޯ"ތައް  ދައްކުވައިދޭ މަގެކެވެ. މިމަގަކީ ރިނބުދޫގައި ލޯކަލް ޓްއަރިޒަމް ތަރައްޤީކުރުމަށް ކުރިޔަށްގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއްކަމަށް ކައުންސިލުން މައުލޫމާތުދެއްވިއެވެ.

އެ މަގުގައި ފެންނަންހުރި ކުރެހުންތަކަކީ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓީސްޓް ކޮމިއުނިޓީގެ ކުރެހުންތެރިން ކުރަހާފައިވާ ކުރެހުންތަކެކެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީގެ، ކުރެހުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖމްހޫރިއްޔާއެވެ.

މި ކުރެހުންތަކުގެ އިތުރުން މިއަދު އެމަގުގައި ކުރިޔަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާ ސަޤާފީ ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

"މިއަދު އިފްތިތާޙްކުރި މަރިޔަމްމާ ޕްރޮގްރާމަކީ އުފަންވެނި ޞިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭނެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މާބަނޑު އަންހެނުންނާ އެމީހުންގެ، ތުއްތު ދަރިންނާއި އެމީހުންގެ ފިރިންނަށް ޚާއްޞަކޮށްގެން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމާއި ތަފާތު ހަރަކާތްތައް ކުރިޔަށްގެންދެވޭނެއެވެ." މީގެ އިތުރުން މާބަނޑު އަންހެނުންނަށް މާލީގޮތުންނާއި އިތުރު ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް މި ޕްރޮގްރާމުގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.  މި ޕްރޮގްރާމު ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސުލްޖމްހޫރިއްޔާ ވަނީ، ބައިވެރިއަކަށް މޭވާ ވަށިގަނޑެއް ހަދިޔާ ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އެރުވިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ޙަފްލާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.