ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް ޢަމަލުކުރަން މާދަމާ ފަށަނީ

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް ޢަމަލުކުރަން މާދަމާ ފަށާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު މިޤާނޫނު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.

މިއީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމުގެ ގޮތުން ހެދި ޤާނޫނެކެވެ. "ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައްޔާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ."

ޖެންޑަރ މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭގެ އިތުރުން ކުޑަކުދިންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ޤައުމީ ނިޒާމެއް ޤާއިމުކޮށް، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ މިޤާނޫނުގެ މަޤުސަދެއް ކަމަށެވެ. އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓަރކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމަކީ މިޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ކުޑަކުދިންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން ފަދަ ކަންކަން ވެސް މިޤާނޫނުގެ މަޤުސަދުގެ ތެރޭގައި ހިމެނެއެވެ. " މި ނޫން ވެސް ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅައި، ޤާނޫނުގެ ދަށުން ޖިނާއީ ދަޢުވާކުރުން ނުވަތަ ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުއެޅުން ވެސް ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ." އެބަޔާނުގައި ވެއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 30 ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަހަތު ޙިމާޔަތްކުރުމަށް ޓަކައި ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް އުފައްދާނެއެވެ. އެތަން އުފައްދަވާނީ "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް"ގެ ނަމުގައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލް އުފެއްދުން ލާޒިމުކުރާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ނުވަދިހަ ދުވަހުގެ ތެރޭގައި އޮމްބަޑްސްޕަރސަން ޢައްޔަންކުރަން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހޭ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

"އެހެން ނަމަވެސް، މިނިސްޓްރީގެ މަޤްޞަދަކީ ބަޔާންކުރެވުނު ތާރީޚުތަކުގެ ކުރިން ޤާނޫނުގައިވާ ކަންކަން ހާސިލުކުރުމަށް މަސައްކަތްކޮށް، އެ ކަންކަން ވީ އެންމެ އަވަސް ފުރުޞަތެއްގައި ފުރިހަމަކުރުމެވެ." އެމިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.