ރައީސު އަޝްރަފު ޣަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާކަން ރަސްމީކޮށް އިއުލާންކޮށްފި

އަފްޣާނިސްތާނުގައި ފާއިތުވި އަހަރު ސެޕްޓެންބަރު މަހު 28 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސު ޑރ. އަޝްރަފު ޣަނީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާކަން އެގަައުމުގެ އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަން (އައިއީސީ) އިން އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން މިިއަދު ހާމަކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުގައި ރައީސު އަޝްރަފު ޣަނީ ވަނީ 592،923 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުގެ %50.64 އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޑރ. ޢަބްދުﷲ ޢަބްދުﷲ އަށް ލިބިވަޑައިގަތީ 720841 ވޯޓެވެ. ނުވަތަ ވޯޓުގެ %39.52 އެވެ. ޑރ. ޢަބްދުﷲ ޢަބްދުﷲ އަކީ އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވްއެވެ.

ހަރުކަށި އަމަލުތަކާއި ހަމަލާތަކުގެ ބިރު އޮތުމުން މަދު ބަޔަކު ވޯޓުލީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރަން ހަމަޖެހިފައި އޮތީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އައިއިސީގެ މެންބަރުން ޓެކްނިކަލް މައްސަލަތަކެއް ކަމަށް ދެކެވަޑައިގަތް މައްސަލަތަކައީ، ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތާއި، ކެންޑިޑޭޓުންގެ ޝަކުވާތަކުގެ ސަބަބުން އިންތިޚާބުގެ ނަތީޖާ އެތައް މަހަކަށް ލަސްވެގެން ދިޔައީއެވެ.

އައިއީސީގެ ރައީސާ ޙައްވާ ޢަލަމް ނޫރިސްތާނީ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 9.6 މިލިއަން މީހުންގެ ތެރެއިން އިންތިޚާބުގައި ވޯޓުލާފައި ވަނީ އެންމެ 1.8 މިލިއަން މީހުންނެވެ. އެއީ %20 އަށްވުރެވެސް ދަށް އަދަދެކެވެ.

2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު ރައީސު އަޝްރަފު ޣަނީއާއި، ޢަބްދުﷲ ޢަބްދުﷲއާއި ދެބޭފުޅުންވެސް އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން އިއުލާންކުރެއްވުމާ ގުޅިގެން ދެބޭފުޅުން ގެންދެވީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި މަސައްކަތްޕުޅުކުރައްވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފައި މިވަނީ، ޠާލިބާން ޖަމާއަތާއި އެމެރިކާ ސަރުކާރު ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް އައިސްފައިވާކަން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ (ދިފާއީ ވަޒީރު) މާކް އެސްޕާ އިއުލާންކުރެއްވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މި އެއްބަސްވުމުގެ ސަބަބުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް މަގުފަހިވެގެން ދާނެއެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތް ޑރ. އަޝްރަފު ޣަނީ އަކީ ޢިލްމުލްއާޘާރު (އެންތުރޮޕޮލޮޖީ) ގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން، އެމެރިކާގެ ޔުނިވަސިޓީތަކުގެ ކިޔަވައިދެއްވުމަށް ފަހު، ވޯލްޑް ބޭންކްގައިވެެސް މަސައްކަތްޕުޅުކުރައްވާފައިވާ ބޭފުޅެކެވެ.

19 މޭ 1949 ގައި އަފްޣާނިސްތާނުގެ ލޯގާރް ޕްރޮވިންސަށް އުފަންވެވަަޑައިގަތް ޣަނީގެ އަންހެން ބޭފުޅަކާއި، ފިރިހެން ބޭފުޅަކު ތިއްބަވާއިރު ދެ ބޭފުޅުންނަކީ ވެސް އެމެރިކާގެ ރައްޔިތުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.