ބައެއް ގައުމުތަކުގެ މުހާޖިރުން އެމެރިކާއަށް އެތެރެވުން މަނާ ކުރެއްވުމާ ގުޅިގެން މަލާ ޔޫސުފްޒައީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. މަލާލާ އަކީ ސުލްހައިގެ ރޮނގުން ނޮބެލް އިނާމު ހޯއްދަވައިފައިވާ ޒުވާން ބޭފުޅެކެވެ.
ޓްރަމްޕާ ދެކޮޅަށް މަލާ ނެރުއްވި ބަޔާނުގައި ވެއެވެ.
"ހަނގުރާމައިގެ އަނިޔާވެރިކަމުން ސަލާާމަތްވާން މަސައްކަތް ކުރާ ކުޑަކުދީންނާއި، މައިންނާއި، ބަފައިންނަށްޓަކައި ހުޅުވިފައި ހުރި ދޮރެއް ރައީސް ޓްރަމްޕް، ބަންދު ކުރައްވާތީ އަޅުގަނޑުގެ ހިތް ހަލާކު ވެއްޖެއެވެ. އެމެރިކާއިން ގާއިމުކޮށް ދަމަހައްޓަމުން އައި، މުހާޖިރުންނާއި، ހާލިުގައި ޖެހިގެން ވަޒަން ދޫކޮށް ބިކަ ހާލުގައި ދިރިއުޅޭ މީހުންނަށް މަރުހަބާ ކިޔުމުގެ ތާރީޚަށް އެމެރިކާ ފުރަގަސް ދޭތީ އަޅުގަނޑުގެ ހިތް ހަލާކު ވެއްޖެއެވެ. އެއީ މަނިކުފާނުގެ ގައުމު އާރާސްތު ކުރުމުގައި އެހީތެރިވެ ދިން މީހުންނެވެ. އެ މީހުންނަށް (އެމެރިކާއިން) ދޭ ހެއު ފުރުސަތުގެ ބަދަލުގައި ބުރަކޮށް މަސައްކަތް ކޮށްދޭން ތައްޔާރަށް ތިބި މީހުންނެވެ.
ހަ އަހަރުގެ ދިގު ހަނގުރާމައެއްގެ ސަބަބުން، އެ ކުދިންގެ އެއްވެސް ކުށެއް ނެތް ހާލުގައިވެސް، ބިކަވީ ކުދިން ހުނި ޖައްސަވައި، ނިކަމެތި ކުރެއްވީތީ އަޅުގަނޑުގެ ހިތް ހަލާކު ވެއްޖެއެވެ.
އަޅުގަނޑުގެ އެކުވެރި ޒައިނަބު ފަދަ ކުދިންނަށް ޖެހިފައިވާ ހާލު ފެނިފައި އަޅުގަނޑުގެ ހިތް ހަލާކު ވެއްޖެއެވެ. ތިން ގައުމެއްގައި އެފަދަ ކުދިން ހަނގުރާމައިގެ ސަބަބުން ވަޒަން ދޫކޮށް އެތިބަ ދަނީއެވެ. އެއީ ސޫމާލިޔާއާއި ޔަމަނާއި މިސުރުގައެވެ. ޒައިނަބު މި ނިކަމެތި ހާލަތާ ކުރިމަތިލީ އިރު އަދި އުމުރުން ސަތާރަ އަހަރުވެސް ނުފުރެއެވެ. އޭނާ އަށް އެމެރިކާގެ ވިސާ ލިބުނީ މީގެ ދެ އަހަރު ކުރީންނެވެ. އޭނާ އިނގިރޭސި ބަސް ދަސް ކުރިއެވެ ކިޔަވައިގެން ހައި ސްކޫލުން ފާސް ވިއެވެ. މިހާރު އޭނާ ކިޔަވަނީ ކޮލެޖުގައެވެ. ބޭނުންވަނީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނީ ވަކީލަކަށް ވާށެވެ.
ޒައިނަބާއި އޭނާގެ އަންހެން ކޮއްކޮޔާ ވަކިވާން ޖެހުނީ މިސުރުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ގައުމު ދޫކޮށްލާން ޖެހުނީމައެވެ. މިއަދު މި ވަނީ އޭނާގެ ކޮއްކޮ (އެމެރިކާއަށް ގެނެސް) އެކީގައި ދިރިއުޅުމުގެ އުއްމީދު ފަނޑު ވެފައެވެ.
މިއަދު މުޅި ދުނިޔޭގައި ހަމަނުޖެހުން އުފެދި، އަލިމަގެއް ފެންނާން ނެތް ހާލަތެއްގައި ދިރިއުޅޭން ޖެހިފައިވާ ދަނޑިވަޅެއްގައި، އަޅުގަނޑު ރައީސް ޓްރަމްޕް އަރިހުން މި އެދެނީ ދުނިޔޭގައި ދިފާޢެއް ނެތި ތިބި ކުޑަކުދިންނާއި ޢާއިލާތަކަށް ފުރަގަސް ނުދެއްވާށެވެ."