މާލެއާއި ނޯދަރން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ސީން އޮފް ކްރައިމް އޮފިސަރސް (ސޯކޯ)ގެ ޚިދުމަތް ދެމުންއަންނަ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ މުވައްޒަފުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސްއާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓު ގުޅިގެން ފަރުމާކުރި މި ޕްރޮގްރާމު ފައްޓަވައިދެއްވީ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.
މި ޕްރޮގްރާމު ފައްޓަވައިދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްކެވި ވާހަކަފުޅުގައި، މަސައްކަތާއި ގުޅުންހުރި ޢިލްމާއި ހުނަރު މުވައްޒަފުންނަށް ދިނުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން ވަރަށް ހާއްސަ އިސްކަމެއްދޭކަމެއްކަމަށާއި އެކަމަށް ގިނަގުނަ ހޭދައެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އެކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއިން ދެމުންއަންނަ ޚިދުމަތްތައް ހަލުވިވެ މުވައްޒަފުން މަސައްކަތް ކުރުމުގެ ރޫހު އިތުރުވެގެންދާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މި ޕްރޮގްރާމް ނިންމުމަށްފަހު، ނޯދަރން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ކޮންމެ އަތޮޅެއްގައި ފޮރެންސިކްގެ މުޅިން އައު ޚިދުމަތެއް ކަމުގައިވާ "ވެހިކަލް އެންޖިން އަދި ޗެސިސް ނަންބަރ ރިސްޓޯރޭޝަން"ގެ ޚިދުމަތް ދޭން ފެށިގެން ދާނެކަން ފާހަގަކުރެއްވިއެވެ. އަދި މިޚިދުމަތުގެ ސަބަބުން، ސައިކަލުފަދަ ވެހިކަލްތައް ވަގަށްނެގުމަށްފަހު އޭގައިވާ ނަންބަރު ފޮހެލުމަށްފަހު އެހެން ނަންބަރެެއް ޖަހައިގެން ވިއްކާ ސައިކަލުތަކުގެ ވެރިފަރާތް ދެނެގަތުން އަވަސްވެ އެފަދަ މައްސަލަތައް ކާމިޔާބު ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް، ސޯކޯއިންގެ ފަރާތުން އަތޮޅުތެރެއަށް ދެވޭނެކަމަށް ވިދާޅުވިއެވެ.
ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް އިސްކަންދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ދެބަޔަކަށް ބަހާލައިގެން ދެ ބުރަކަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 50 މުވައްޒަފަކު ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގައި މަސައްކަތްކުރާ ހުރިހާ ސީން އޮފް ކްރައިމް އޮފިސަރުން އެއް މިންގަނޑަކަށް މަސައްކަތްކުރުމަށްޓަކައި ބޭނުންވާ ހުނަރާއި ފަންނީ މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ ޕްރޮގްރާމުގެ ބައިވެރިންނަށް އުނގައިންނައިދެވޭނެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ފަންނީ ފުލުހުންނެވެ.
ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ އެކި ޑިޕާޓްމަންޓްތަކާއި ޔުނިޓް އަދި ލެބޯރޓަރީތަކުގެ ހެޑުން ބައިވެރިވެ ވަޑައިގެންނެވިއެވެ.