ފޯމު ހުށަހަޅަން ދިޔަ މީހަކު ވަނީ މުވައްޒަފުންނަ މަރުގެ އިންޒާރު ދީފައި: އީސީ

އީސީގެ ނާއިބު ރައީސް އަހުމަދު އަކުރަމް: ފޮޓޯ އީސީ

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން ދިޔަ އާއްމުންގެ މީހަކުވަނީ އެތަނުގެ މުވައްޒަފުންނަށް މަރުގެ އިންޒާރުވެސް ދީފައި ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީގެ ނާއިބުރައީސް އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ އެމައްސަލަ މިއަދު މެންދުރުވަނީ ފުލުހުންނަށް ހުށަހަޅުއްވާފައި ކަމަށެވެ. "ފޯމު ހުށަހަޅަން ދިޔަމީހަކުވަނީ އޭނާގެ ފޯމު ރިޖެކްޓް ވެއްޖެއްޔާ މަރާލާނެ ކަމަށާއި އެތާގައި (އިލެކްޝަންސް ކޮމިޝަނުގައި) ނުތިބެވޭނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރު ދީފައި. އެހެންވެ މިއަދު މެންދުރު ވާނީ އެމައްސަލަ ފުލުހަށް ހުށަހަޅާފައި،" އަކުރަމް ވިދާޅުވިއެވެ.

އިލެކްޝަންސްކޮމިޝަން (އީސީ) އިން މިއަދު ވިދާޅުވެފައިވަނީ އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅަންދާ ބައެއް އާއްމުން އެތަނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާ ކަމަށް ވިދާޅުވެފައެވެ. އިންތިޚާބެއް ފަށަން މިހާ ގާތްވެފައިވަނިކޮށް އެކަމުގައި އުޅޭ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ އިންޒާރުދީ ބިރުދައްކާ މީހުންނާ ދެކޮޅަށް ޤާނޫނީ ގޮތުން އެޅެން އޮތް އެންމެބޮޑު ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އެޕްރީލް 4 ގައެވެ. އެޕްލިކޭޝަން ހުށަހަޅަން ދީފައިވާ މުއްދަތު މި މަހު 20 ގައި ހަމަވާނެއެވެ. ޕާޓީތަކުން ގެންދަވަނީ އިންތިޚާބަށް ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.