އަޅުގަނޑުމެންގެ ދީން އިސްލާމްދީނަކީ މުޢާމަލާތުގެ ދީނެވެ.އެހެނީ އެ ދީނަކީ އިޖްތިމާޢީ ދީނެކެވެ.މީހުން އެކުގައި އުޅުމަށާއި އެކަހެރިވެގެން ނޫޅުމަށް ގޮވައިލާ ދީނެކެވެ. މިއީ ޙަޤީޤަތް ކަމުގައި ވިޔަސް މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޢިބާދާތާއި މުޢާމަލާތު ތަފާތު ކުރެއެވެ. ބައެއްމީހުން ހީކުރާގޮތުގައި މާތްﷲ ބައްލަވައިވޮޑިގަންނަވާނީ އެމީހުން ކުރާ ޢިބާދާތަށެވެ. އަޅުކަންތަކަށެވެ. މިހެންވެ ޢިބާދާތުގައި ފަރުވާ ބަހައްޓައެވެ. ރަނގަޅަށް އަދާކުރެވޭތޯ މަސައްކަތް ކުރެއެވެ. އަންގަވައިފައިވާ ގޮތަށް ފުރިހަމަކުރުމަށް ހިއްމަތް ކުރެއެވެ.
އެކަމަކު މުދަލާބެހޭ ކަންތައްތަކުގައި ނުވަތަ މުޢާމަލާތުތަކުގައި ﷲ ބައްލަވައިވޮޑިގަންނަވާނެކަން އޮންނަނީ ހަނދާންނެތިފައެވެ. ނުވަތަ ހަނދާނުން ކައްސައިލައިފައެވެ. އެކަންކަމުގައި ޝައިޠާނާ އޭނާގެ ޢަމަލުތައް ޒީނަތްތެރިކޮށްދޭތަން ފެނެއެވެ.އޭނާއަށް ވަރަށް ގިނަ ހެޔޮ ކަންތައް ކުރެވިއްޖެނަމަ ތަޞައްވުރުކޮށްދެއެވެ. އޭނާގެ މަސައްކަތުން ރަނގަޅު ނަތީޖާ ނުފެންނާތީ އެކަމާމެދު ޙައިރާންވެ ސުވާލު ކުރާތަން އާދެއެވެ. މިއީ ﷲގެ މި ބަސްފުޅާ ޚިލާފަށް މުދާ ހޯދުމަށް މަސައްކަތް ކުރެވުމުގެ ނަތީޖާއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. { وَلا تَأكُلوا أَموٰلَكُم بَينَكُم بِالبـٰطِلِ وَتُدلوا بِها إِلَى الحُكّامِ لِتَأكُلوا فَريقًا مِن أَموٰلِ النّاسِ بِالإِثمِ وَأَنتُم تَعلَمونَ [1] - މާނައީ : އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި باطل ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) حاكم ންނަށް ނުދޭށެވެ! }
ވީމާ ބަރަކާތަކީ ކޮބައިކަމާއި ބަރަކާތް ލެއްވުމުގެ ސަބަބުތަކަކީ ކޮބައިކަން އެނގެން އެބަޖެހެއެވެ. މި މަޒްމޫނުގައި ބަލައިލާނީ މި ދެ ނުކުތާއަށެވެ.
ބަރަކާތަކީ ކޮބާ؟
އައްރާޣިބުލްއަޞްފަހާނީ ވިދާޅުވާ ގޮތުގައި އިލާހީ ދަރުމަ އަބަދުވެސް އަންނާނީ މީހަކަށް އިޙްސާސު ނުކުރެވޭފަދަ ގޮތަކަށެވެ. އަދި ވިޔަކޮށް ޢަދަދުކުރަން ނޭގޭފަދަ ގޮތަކަށެވެ. މިހެންވެ އިޙްސާސްނުވާގޮތަށް އިތުރުވާ އިތުރުވުމަކީ ބަރަކާތެވެ.
އަލްއަދަބުލް މުފްރަދުގައި މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން އައްއިމާމުލް ބުޚާރީ ރިވާކުރެއްވި ބަސްފުޅެއްގައި ވެއެވެ. " ބަކަރިއާއި ކުއްތާއާމެދު އަޖައިބުވެވަޑައިގަންނަވަމުއެވެ. އަހަރަކު އެތައް ބަކަރިއެއް ކަތިލެވެއެވެ.އަދި އެތައް ބަކަރިއެއް ހަދިޔާ ކުރެވެއެވެ. އެކަމަކުވެސް މަދެއް ނުވެއެވެ. ބަކަރިއާ ޚިލާފަށް ކުއްތާ ގިނައެއް ނުވެއެވެ. "
ކުރުކޮށް ދަންނަވާނަމަ ބަރަކާތުގެ ބަހަވީ މާނަތަކަކީ :-
- ބާއްޖަވެރިކަން
- ހެދި ބޮޑުވުން
- އިތުރުވުން
- ސާބިތުކަން
- ދާއިމީކަމާއި ދެމިގެންވުން
- ވާރޭއާއި ގަސް
- އިލާހީ ދަރުމަ
މުޢާމަލާތުގައި ބަރަކާތް
ބަރަކާތަކީ އީމާންކަމާ ގުޅިފައިވާ ކަމެކެވެ. އެއީ ޙަޔަތާ ގުޅިލާމެހިފައިވާ ކަމެކެވެ. އޭގެ ސަބަބުތައް ހިތުގެ އަޑިއަށް ފައިބައިފިނަމަ އެއިގައި މޭވާ އަޅައި މަތިވެރި ހެޔޮކަން ފަރިވެ ފައްކާ ވެދާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَو أَنَّ أَهلَ القُرىٰ ءامَنوا وَاتَّقَوا لَفَتَحنا عَلَيهِم بَرَكـٰتٍ مِنَ السَّماءِ وَالأَرضِ وَلـٰكِن كَذَّبوا فَأَخَذنـٰهُم بِما كانوا يَكسِبونَ [2]- ރަށްތަކުގެ أهل ވެރިން، إيمان ވެ تقوى ވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް بركات ގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ އެހެނެއްކަމަކު، އެއުރެން ދޮގުކުރޫއެވެ. ދެން، އެއުރެން ހޯދައި އުޅުނު عمل ތަކަށްޓަކައި، ތިމަންރަސްކަލާނގެ (ކޯފާގެ عذاب ން) އެއުރެން ހިއްޕެވީމެވެ. )
މުޢާމަލާތުތަކުގައި ބަރަކާތް ލެއްވުމަށް ސަބަބުތަކެއް ވެއެވެ. އޭގެތެރޭގައި :-
- ކަންތައް ކުރުމުގައި ބަރަކާތްތެރި ވަގުތުތަކަށް އިސްކަންދިނުމާއި ދަހިވެތިވުން: ޞަޚްރުލްޣާމިދީގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ r ދުޢާކުރައްވައި ވިދާޅުވިއެވެ. (اللَّهمَّ بارِكْ لأمَّتي في بُكورِها [3] - ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުއްމަތަށް ދުވަހުގެ ކުރީކޮޅުގައި ބަރަކާތް ލައްވާނދޭވެ! ) ރަސޫލާ ހަނގުރާމައަށް ޖަމާޢަތެއް ނުވަތަ ލަޝްކަރެއް ފޮނުއްވާއިރު ފޮނުއްވަނީ ދުވާލުގެ ކުރީކޮޅުގައެވެ. މި ޙަދީސް ރިވާކުރެއްވި ޞަޚްރަކީ ވިޔަފާރިވެރިއެކެވެ. އެކަލޭގެފާނުގެ ވިޔަފާރި ދަތުރުތައް ދުވަހުގެ ކުރީކޮޅުގައި ފެށުމަށް ވަރަށް ސަމާލުކަން ދެއްވިއެވެ. ފަހެ އެކަލޭގެފާނުގެ މުދާތައް ގިނަވެ މުއްސަނދި ބޭކަލެއް ކަމުގައި ވިއެވެ.
އިސްތިޚާރާ ކުރުން : އެއީ އެކަމުގައި ހެޔޮކަން އޮތްގޮތް އަންގަވައިދެއްވާތޯ ދެ ރަކްޢަތް ނަމާދެއްކޮށް އެކަމަށް ކަނޑައަޅުއްވައި ދަސްކޮށްދެއްވައިފައިވާ ޚާއްޞަ ދުޢާއިން ﷲއަށް ދަންނަވާ ދުޢާކުރުމެވެ. ދަތުރެއް ނުވަތަ ވިޔަފާރިއެއް ނުވަތަ މަޝްރޫޢެއް ފަށަން ބޭނުންވާއިރު އެކަން ފެށުމުގެ ކުރިން އިސްތިޚާރާ ނަމާދުކޮށް އެ ދުޢާކުރާހުށިކަމެވެ.އެކަމުގައި ހަޔޮކަން އޮތްނަމަ އެކަމުގައި ކުރިއަށް ދިޔުމަށް މަގުފަހިކޮށްދެއްވާނެތެވެ. އެކަމުގައި ހެވެއްނެތްނަމަ މާތްﷲ އޭނާގެ ހިތުން އެކަން ފިއްލަވާނެތެވެ.މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.( އަހަރެމެން ކަންބޮޑުވާ ހުރިހާ ކަމެއްގައި ރަނގަޅު މަގު ދައްކަވާ ދެއްވުމަށް އެދި ނަމާދުކުރުމަށް رَسُول اللَّه صَلى اللّه عليه وسلم އަހަރެމެންނަށް އިރުޝާދު ދެއްވިއެވެ. ކީރިތި ރަސޫލާ عليه الصّلاة والسّلام ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު ކަމެއްކުރަން އެދޭނަމަ މާތްﷲއަށް ދެރަކްޢަތް ނަމާދެއް ކުރާހުށި ކަމެވެ. އަދި އެއަށްފަހު މިދުޢާއިން މާތް ﷲއަށް ދަންނަވާށެވެ. اللَّهُمَّ إنِّي أسْتَخِيرُكَ بعِلْمِكَ وأَسْتَقْدِرُكَ بقُدْرَتِكَ، وأَسْأَلُكَ مِن فَضْلِكَ فإنَّكَ تَقْدِرُ ولا أقْدِرُ، وتَعْلَمُ ولا أعْلَمُ، وأَنْتَ عَلّامُ الغُيُوبِ، اللَّهُمَّ فإنْ كُنْتَ تَعْلَمُ هذا الأمْرَ – ކުރަން ބޭނުންވާ ކަމެއްގެ ނަންގަންނާށެވެ! - خَيْرًا لي في عاجِلِ أمْرِي وآجِلِهِ أوْ في دِينِي ومعاشِي وعاقِبَةِ أمْرِي - فاقْدُرْهُ لي ويَسِّرْهُ لِي، ثُمَّ بارِكْ لي فِيهِ، اللَّهُمَّ وإنْ كُنْتَ تَعْلَمُ أنَّه شَرٌّ لي في دِينِي ومعاشِي وعاقِبَةِ أمْرِي - أوْ في عاجِلِ أمْرِي وآجِلِهِ - فاصْرِفْنِي عنْه، واقْدُرْ لي الخَيْرَ حَيْثُ كانَ ثُمَّ رَضِّنِي بهِ) [4] - މާނައީ : ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ދެނެވޮޑިގަތުން މެދުވެރިކޮށް އިބަރަސްކަލާނގެ ޙަޟްރަތުން ރަނގަޅުގޮތް މިއަޅާއަށް ޚިޔާރު ކޮށްދެއްވުމަށް އެދެމެވެ. އިބަ ރަސްކަލާނގެ ކުޅަދުންވަންތަކަމުން މިއަޅާއަށް ބާރު ދެއްވުމަށް އެދެމެވެ. އިބަ ރަސްކަލާނގެ މަތިވެރި ދަރުމައިން މިއަޅާއަށް ދެއްވުން އެދެމެވެ. ފަހެ، ހަމަކަށަވަރުން އިބަރަސްކަލާނގެ ކުޅަދުންވަންތައެވެ. މިއަޅާއަށް ކުޅަދާނަކަން ލިބިގެން ނުވެއެވެ. އިބަރަސްކަލާނގެ ދެނެވޮޑިގަންނަވަމުއެވެ. މިއަޅާއަށް އެނގިގެން ނުވެއެވެ. އިބަ ރަސްކަލާނގެއީ ޣައިބު އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިކަމަކީ (ބޭނުންވާ ކަމެއްގެ ވާހަކަ ދަންނަވާނީ) މިއަޅާގެ ދީނުގައްޔާއި ދިރިއުޅުމުގައްޔާއި ނިމުމުގައި ހެޔޮކަމެއް ކަމުގައި އިބަރަސްކަލާނގެ ދެނެވޮޑި ގަންނަވާނަމަ މިއަޅާއަށް އެކަން މިންވަރު ކޮށްދެއްވައި އެކަން ކުރެވޭނެ މަގު ލުއިކޮށް ދެއްވާނދޭވެ! އަދި މި ކަމަކީ މި އަޅާގެ ދީނުގައްޔާއި ދިރިއުޅުމުގައްޔާއި ނިމުމުގައި ނުރަނގަޅު ކަމެއް ކަމުގައިވާނަމަ ފަހެ އެކަން މިއަޅާގެ ކިބައިން ފިއްލަވައި މިއަޅާ އެކަމާދުރުހެލި ކުރައްވާނދޭވެ! އަދި މިއަޅާއަށް ހުރިހާ ކަމެއްގައިވެސް ހެޔޮގޮތް މިންވަރު ކުރައްވާ އެކަމާމެދު ރުހިގެންވާ މީހަކު ކަމުގައި މިއަޅާ ލައްވާނދޭވެ! " އިސްތިޚާރާ ނަމާދަކީ ދެ ރަކްޢަތުގެ ނަމާދެކެވެ. އެއީ ސުންނަތް ނަމާދެކެވެ. މި ނަމާދުގެ ފުރަތަމަ ރަކްޢަތުގައި އަލްޙަމްދަށްފަހު ކިޔަވާނީ قل يا أيها الكافرون ސޫރަތެވެ. ދެވަނަ ރަކްޢަތުގައި އަލްޙަމްދަށްފަހު ކިޔަވާނީ الإخلاص ސޫރަތެވެ. އިސްވެ ދިޔަ ދުޢާ ކިޔާނީ ނަމާދުކޮށް އަވަދިވެގެންނެވެ.
[1] - އަލްބަޤަރާ ސޫރަތް: 188
[2] - އަލްއަޢުރާފު : 96
[3] - أخرجه أبو يعلى (٥٤٠٦)، والطبراني (١٠/٢٥٧) و صحيح ابن حبان ( ٤٧٥٤ )
[4] - أخرجه البخاري (١١٦٢)، وأبو داود (١٥٣٨) واللفظ له، والترمذي (٤٨٠)، والنسائي (٣٢٥٣)، وابن ماجه (١٣٨٣)، وأحمد (١٤٧٠٧)