މިނިވަން މުޢައްސާސާތަކާ ބެހޭ ކޮމެޓީގައި ޖަވާބުދާރީ ވުމުގެ ފުރުޞަތަށް ސީއެސްސީ އިން އެދިއްޖެ

މިނިވަން މުޢައްސާސާތަކާ ބެހޭ ކޮމެޓީގައި ޖަވާބުދާރީ ވުމުގެ ފުރުޞަތަށް ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން އެދިއްޖެއެވެ. މިކަން ހާމަކޮށްފައި ވަނީ އެކޮމޮޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ 10 ފެބުރުއަރީގައި ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒިރުން ފާޅުކުރެއްވި ކަންބޮޑުވުން ތަކަށް ޖަވާބުދާރީ ވުމަށް އެކޮމިޝަނުން ބޭނުންވާ ކަމަށެވެ. އެކަމުގެ ޙަޤީޤަތް ދެނެގަތުމަށް ބޭނުންވާތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ޖަވާބުދާރީވުމުގެ ފުރުޞަތަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަރިހުގައި އެދިފައިވާނެކަމަށް އެކޮމިޝަންގެ ބަޔާނުގައި ވެއެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް ދެނެގަތުމަށާއި އެކަންކަމާ ގުޅިގެން ކޮމިޝަނަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ވުޒާރާތަކުގެ ވަޒީރުންނާ ބައްދަލުކުރުމަށް ކޮމިޝަނުން  ބޭނުންވާތީ، ވަޒީރުންގެ އަރިހުގައި އެކަމަށް އެދިފައިވާކަމަށް ވެސް ސީއެސްސީގެ ބަޔާނުގައި ވެއެވެ.

 މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ސީއެސްސީގެ ރައީސާއި ނާއިބްރައީސާއި އިތުރު ދެމެމްބަރުން ހާޒިރުކޮށް ވަޒީރުންނާއެކު ބޭއްވި ބައްދަލުވުމުގައީ އެކޮމިޝަންގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ވަނީ ހުށަހަޅައިފައެވެ. މި ބައްދަލުވުމަށް ފަހު ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި ނިންމައިފައިވަނީ ސީއެސްސީގެ ރައީސް ޑރ. ޢަލީ ޝަމީމްގެ އިތުރުން، ނައިބު ރައީސް ޝަހީދު މުޙައްމަދާއި ކޮމިޝަންގެ މެމްބަރ ޒަކަރިއްޔާ މުޙައްމަދު އަދި އިބްރާހީމް ޝަހީޤު ވަކިކުރުމަށް ކޮމިޓީއަށް ފެންނަ ކަމަށެވެ. ނަމަވެސް އެމައްސަލަ އަދި މަޖިލީހުގެ ތަޅުމަކަށް ނުފޮނުވައެވެ.

ސީއެސްސީ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެކޮމިޝަނަށް މަތިކޮށްފައިވާ ޤާނޫނީ މަސްޢޫލިއްޔަތުތައް ޤާނޫނުއަސާސީއާއި ޤާނޫނުން ކަނޑައަޅައިފައިވާ މިންތަކާއި އިންތަކާއި ހުދޫދުތަކުގެ ތެރޭގައިކަމަށް ވެސް ނޫސްބަޔާނުގައި ވަނީ ފާހަގަކުރައްވައިފައެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މާހައުލު އޮތްގޮތުން މުވައްޒަފުންގެ ސްލޫކީ މިންގަނޑު ހިފެހެއްޓުމަށާއި ދެމެހެއްޓުމަށް ގިނަ ގޮންޖެހުންތަކެއް  އެކޮމިޝަނަށް ކުރިމަތިވެފައިވާކަމަށް ސީއެސްސީގެ ނޫސްބަޔާނުގައި އިތުރަށް ފާހަގަ ކުރައްވައިފައިވެއެވެ. އަދި ރާއްޖޭގެ މާލީ ޙާލަތު އޮތްގޮތުން އެކަށީގެންވާ މިންވަރަށް އިދާރާތަކަށް މުވައްޒަފުން ހޯދައި ނުދެވުމާއި، މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު އެކަށީގެންނުވާކަން ސީއެސްގެ ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"ދިވެހި ސިވިލްސާރވިސްގެ މުވައްސަފުންނަށް ޤާނޫނުން ލިބިދީފައިވާ ޙައްޤުތައް ކަށަވަރުކުރުމާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އަވަސް އަދި ހަލުއިގޮތެއްގައި ދެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސިވިލްސާރވިސްގެ އިދާރާތަކަށާއި ވަޒީރުންނަށް ދޭންޖެހޭ އެއްބާރުލުންކޮމިޝަނުން އަބަދުވެސް ދަނީ ދެމުންނެވެ." ސީއެސްސީގެ ނޫސްބަޔާނުގައި ފާހަގަކުރައްވައިފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.