
ކެރީނާ ނަމަކަށްކިޔާ ޑައިވިން ދޯންޏެއް ފުވައްމުލަކު ނެރު އެތެރެފަޅިއަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ދޯނި އެރުމުން ސަދަން އޭރިއާގެ ކޯސްޓުގާޑު ސިފައިން މިހާރުވަނީ ހަރަކާތްތެރިވާން ފަށައިފައި ކަމަށެވެ. އެގޮތުން އޭގައިހުރި ޑައިވިން ސާމާނު ނެގުމަށް ސިފައިން ގެންދަނީ އެހީތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:20 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅވިއެވެ. އެމްއެންޑީއެފް ކޯސްޓުގާޑުން މިއަދުވަނީ ފަސް މީހުންނާއެކު ދަތުރުކުރި ލޯންޗެއް ދިޔަވަމުންދާތީ އެއަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. ދިޔަވީ ތާޖު އެގްޒިޓިކާ ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރުކުރި ތާޖުއެގްޒޮޓިކާ ކުއީން އެވެ. އެ ދޯންޏަށް އެހީތެރިވެފައިވަނީ ވިލިމާލޭގެ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.
މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 9:40 ގައި ކަމަށް ވެސް ސިފައިން ވިދާޅުވިއެވެ. މިއިން އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ލޯންޗުގައި ތިބި މީހުންވަނީ ވިލިމާލެއަށް ގެންގޮސްފައެވެ.