ތަފާތު ޚިޔާލުތަކަށް ފުރުސަތު ދޭންޖެހޭނެ: ފަޒުނާ

ކަމަކާމެދު ދެބަސްވުމުގެ ކުރީން އެކި މީހުންގެ ޚިޔާލާއި ވިސްނުން ތަފާތުވާނެކަން ދެނެހުރެ، އެފަދަ ޚިޔާލުތަކަށް މަރުޙަބާ ކިޔައި ފުރުޞަތު ދޭންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އޭޝިއާ ފައުންޑޭޝަންގެ "ލެޓްސް ރީޑް" ޕްރޮގްރާމްގެ ދަށުން ހިންގާ ތަރުޖަމާކުރުމާއިބެހޭ މަސައްކަތު ބައްދަލުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި މިއަދު ހެނދުނުއެވެ. އެކަމަނާ ވިދާޅުވީ މުސައްނިފުންނާއި ލިޔުންތެރީންގެ ފޮތްތަކާއި ލިޔުންތަކުން އެމީހުން ދޭހަކޮށްދޭން މަސައްކަތްކުރާ މާނަ އެންމެ ފުރިހަމައަށް މޭރުންވާނީ، އެ ފޮތެއްގައި ނުވަތަ ލިޔުމެއްގައި ލިޔެފައިވާ އެއްޗަކާއިމެދު ފުންކޮށް ވިސްނައި ފިކުރުކޮށްގެން ކަމަށެވެ.

އެކަމަނާ ވިދާޅުވީ ތަފާތު ޚިޔާލުތަކަށް ފުރުސަތު ދިނުންފަދަ ސިފަތައް ހުރިހާ ކުދީންނަށް ދަސްކޮށްދީ، އަށަގެންނެވުމަށް މުދައްރިސުންނާއި ބެލެނިވެރީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހުރިހާ ކުދީންނަކީ ވެސް، ކިޔުންތެރިކަމަށް ލޯބިކުރާ އަދި ލިޔުންތެރީންނާއި އަދީބުންގެ ލިޔުންތަކުން ދޭހަކޮށްދޭން ބޭނުންވާ މާނައާއިމެދު ފުންކޮށް ވިސްނައި ފިކުރުކުރާ ކުދިބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ބޭރު ބަސްތަކުން ލިޔެފައި ހުންނަ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއް މެދުވެރިކޮށް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މީހުންނާއި ކުދީންނާއި، ގައުމުން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.

މި ޕްރޮގްރާމަކީ އޭޝިއާ ފައުންޑޭޝަނާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއި، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ދިވެހި ބަހުގެ އެކެޑަމީއާއި ގައުމީ ކުތުބުޚާނާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.