
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާމެދު ބޯޑުން ވަކިގޮތެއް ނިންމާފައިނުވާކަމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެކުފުނިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާމެދު އެކި ނޫސްތަކުގައި ހަބަރު އާންމުކޮށްފައިވާއިރު، ހުޅުމާލެއިން ބިން ވިއްކުމާމެދު މެދު އެކޯޕަރޭޝަނުގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާކަން އާންމު ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
ހުޅުމާލެއަކީ މާސްޓަރ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުންދާ ރަށަކަށްވާއިރު މި މާސްޓަރ ޕްލޭން ފަރުމާކޮށްފައިވަނީ އެކި ބޭނުންތަކަށް ހާއްސަކުރެވިގެންކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ރެސިޑެންޝަލް އާއި ކޮމާޝަލް އާއި އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް މާސްޓަރ ޕްލޭންގައި ޖާގަދީފައިވާކަމަށާއި އެންމެ ބޮޑު ހިއްސާއެއް ހާއްސަކޮށްފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއި އެކޯޕަރޭޝަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސޯޝަލް އަދި އެފޯޑަބަލް ހައުސިން ފޯރުކޮށްދިނުމަށް ތައާރަފްކުރެވޭ މަސްރޫތަކަށްކަމަށް އެޗްޑީސީން ނެރުނު ބަޔާނުގައި ވެއެވެ.
މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން ވެށިފަހި ޕްރޮގްރާމުގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ ފަރާތްތަކަށް މިއަހަރު ހުޅުމާލެއިން ގޯތި ދޫކުރެވޭނެކަމަށްވެސް އެބަޔާނުގައި ވެއެވެ. އަދި މިއަހަރުގެ ތެރޭގައި ހައްގުވެރި ފަރާތްތަކަށް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ.