ހެވީވެހިކަލް ދުއްވަން ދަސްކޮށްގެން އެސްޓީއޯއަށް ޚިދުމަތް ކުރުމުގެ ފުރުސަތެއް

ހެވީވެހިކަލް ދުއްވަން ދަސްކޮށްގެން އެސްޓީއޯއަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބޭ ތަމްރީން ޕްރޮގްރާމެއް ފަށަން އެސްޓީއޯއިން ނިންމަވައިފިއެވެ.

ހެވީވެހިކަލް ދުއްވަން ދަސްކޮށް ދިނުމަށް އެސްޓީއޯއިން ފެށުމަށް ހަމަޖައްސަވާފައިވަނީ ތިން ހަފްތާގެ ތަމްރީން ޕްރޮގްރާމެއް ކަމަށް އެކުންފުނީން ވިދާޅުވިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އެކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ޝޯޓު ލިސްޓު ކުރެވޭ މީހުންނެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެ ފުރިހަމަކުރާ މީހުންނަށް ސެޓުފިކެޓެއް ލިބޭނެއެވެ. ބައިވެރިންނަށް ލައިސަންސް ނަގައި ދިނުމުގެ ހުރިހާ ކަމެއް ކޮށްދެއްވާނީ އެސްޓީއޯއިން ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ތަމްރީން ފުރިހަމަކޮށް ނިންމައި ލައިސަންސް ލިބުމުން، އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތެއްގެ މަތީން އެކުންފުންޏަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ވަކި ޝަރުތަކެއް ފުރިހަމަވެފައިވާ މީހުންނަށެވެ. އެއީ އުމުރުން އަށާރަ އަހަރާއި ފަންސަތިރީސް އަހަރާ ދެމެދުގެ މީހަކަށްވުން، ސީ1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން، ގްރޭޑު 8 ނިންމާފައިވުން، މަދުވެގެން ދެއްހަރުގެ ދުވަހުގެ ދުއްވުމުގެ ތަޖުރިބާ ލިބިފައިވުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުން ފެބުރުއަރީ 18 ވަނަދުވަހު 2:00 ގެ ކުރީން އެޕްލިކޭޝަން ފޯމާއެކު ސެޓުފިކެޓުތަކުގެ ކޮޕީ ހުށަހެޅުއްވުމަށް އެސްޓީއޯއިން ވަނީ އެދިވަޑައިގެންފައެވެ. އެކުންފުނީގެ ވެބްސައިޓުންނާއި ކައުންޓާރުން ލިބޭނެ އެސްޓީއޯއިންވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.