އިންތިޚާބު އޮބްޒާވް ކުރަން އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވް ކުރަން ނުވަތަ މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވީ މާރިޗު މަހު ދެވަނަ ދުވަހުގެ 3:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭ ކަމަށެވެ.

ފޯމު ހުށަހަޅާނީ ބައުޖަމާލުއްދީން ސްކޫލުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒަށާއި، ރަށު ކައުންސިލް އިދާރާ (ފޯކަލް ޕޮއިންޓް) ތަކަށާއި، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށާއި އަވަށު އޮފީސްތަކަށް ކަމަށް އީސީން ވިދާޅުވިއެވެ. އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލްގެ އިދާރާއަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޮބްޒާވަރަކަށް ނުވަތަ މޮނިޓަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގެ އިތުރުން، ހުށަހަޅާ މީހާގެ އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި، އޮބްޒާވަރުން ނުވަތަ މޮނިޓަރުންގެ އިގުރާރާއި، ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯއަކާއި، ނަންހުށަހަޅާ ފަރާތުގެ މައުލޫމާތު ހިމެނޭ ލިސްޓުގެ ސޮފްޓް ކޮޕީއެއް ކަމަށް ވެސް އީސީން ވިދާޅުވެފައިވެފައިވެއެވެ.

މި ދެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން ޝައުގުވެރިކަންހުރި ފަރާތްތަކުން މިހާރު ގެންދަވަނީ އެޕްލިކޭޝަން ފޯމް އީސީއަށް ހުށަހަޅުއްވަމުންނެވެ.

އިންތިޚާބަށް އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން ހުރިހާ ލިޔެކިޔުމެއް ހަމަތޯ ބަލަންޖެހޭނެއެވެ. އައިޑީކާޑު މުއްދަތު ހަމަވެފައިވޭތޯ ބަލަންޖެހޭނެއެވެ. އެޕްލިކޭޝަން ފޯމުގެ މައުލޫމާތު އައިޑީކާޑާ އެއްގޮތްތޯ ވެސް ބަލަންޖެހޭނެއެވެ. ދަރަންޏާއި ކުށުގެ ރެކޯޑު ސާފުކުރާ ފޯމުގެ ހުރިހާ ބައެއް ފުރިހަމަކުރެވުނުތޯ ވެސް ބަލަންޖެހެއެވެ. އަދި އީސީން ދީފައިވާ ފޯމެޓާ އެއްގޮތަށް 4 ފެބުރުވަރީ 2020 ގެ ފަހުން ސާފުކުރެވުނު ކުށުގެރެކޯޑެއްތޯ ވެސް ޔަގީންކުރަންޖެހޭނެ ކަމަށް އީސީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.