
ހުޅުމާލޭގައި ތިން މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފިއެވެ.
ހަމަލާ ދީފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލީއާގެ މީހަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތިން މީހުންނަކީ ވެސް ފިރިހެނުންނެވެ. އެމީހުންނަށް ހަމަލާދިން ސަބަބަބެއް އަދި ސާފެއް ނުވެއެވެ.
މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ރެޑުބުލް ދަނޑު ކައިރީގައެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 8:10 އެހައިކަންހާއިރުއެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުންނަށް ހަމަލާދީފައިވަނީ ހެލްމެޓު އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އާންމުންގެ ބައެއްގެ އެހީގައި އެތިން މީހުން ވެސް މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. އެމީހުންނަށް ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ. މިމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަނިޔާވި ޗައިނާގެ ދެމީހުންގެ ތެރެއިން އެކަކީ ފަތުރުވެރިއެކެވެ. އަނެއް ދެމީހުންނަކީ ރާއްޖޭގައި މަސައްކަތްކުރާ ދެމީހުންނެވެ.