ރަތް ނިޒާރުގެ ނަންފުޅަށް ނިސްބަތް ކުރައްވައިގެން ރައިވަރުކިޔުމުގެ މުބާރާތެއް ބާއްވަނީ

ރައިވަރު ކިޔުމުގައި ނަން މަޝްހޫރު ބޭފުޅެއް ކަމުގައިވި ރަތް ނިޒާރުގެ ނަންފުޅަށް ނިސްބަތް ކުރައްވައިގެން ރައިވަރު ކިޔުމުގެ މުބާރާތެއް ބާއްވަވަން ދިވެހިބަހުގެ އެކެޑަމީން ނިންމަވައިފިއެވެ.

އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފައި ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ފެބުއަރީ 13 އެވެ. މުބާރާތް ބާއްވަވަން ހަމަޖައްސަވައިފައި ވަނީ ފެބުރުއަރީ 22 ވަނަ ދުވަހުއެވެ.

އަޝްރަފް ވިދާޅުވީ މި މުބާރާތަކީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ މުބާރާތެއް ކަމަށެވެ. "އެހެންނަމަވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ބާރު އަޅަން އުމުރުން ދުވަސްވީ އަދި ރައިވަރުގެ ހަމަތަކާއި އޭގެ ހަގީގީ ރާގުގައި ރައިވަރު ކިޔަން ދަންނަ ވީހައި ވެސް ގިނަ މީހުން ބައިވެރިވާން،" އަޝްރަފް ވިދާޅުވިއެވެ.

މިއީ ރައިވަރު ކިޔުމުގެ ހަގީގީ ހަމަތަކާއި އޭގެ އަސްލު ރާގު ގެއްލިގެންދާތީ އެކަން އަލުން އަނބުރައި އިޔާދަކުރެއްވުމުގެ މަގުސަދުގައި ބާއްވަވާ މުބާރާތެކެވެ. އަޝްރަފު ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި މިހާރުވެސް ކޮންމެ ވެސް ވަރަކަށް ރައިވަރު ކިޔަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކުދިންނަށް ވެސް ރައިވަރުގެ އަސްލު ރާގަށް ނުކިޔޭކަން ވަރަށް ބޮޑަށް ފާހަގަކުރެއްވޭ  ކަމަށް އަޝްރަފް ވިދާޅުވިއެވެ. އެކަން ރަނގަޅު ކުރެވޭނީ ރައިވަރުގެ އަސްލު ރާގުގައި ކިޔަންދަންނަ މީހުންގެ ފުރިހަމަ އެހީތެރިކަން ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލްމަރުޙޫމް ރަތްނިޒާރަށް މި މުބާރާތް ޚާއްސަ ކުރެއްވީ އޭނާއަކީ ރައިވަރުގެ ހަމަތަކާ އެއްގޮތަށް އޭގެ ރާގުގައި ރައިވަރުކިޔައި އެކަން މީހުންނަށް ދަސްކޮށްދެއްވަން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކުޅަދާނަ ރައިވަރުކިޔުންތެރިޔަކަށް ވާތީ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.

މި މުބާރާތުން އެއްވަނަ ހާސިލް ކުރާ ފަރާތަކަށް ތިން ހާސް ރުފިޔާއާއި މިލްކުވާ ތަށްޓެއް ލިބޭނެއެވެ. ދެވަނައަށް ދެހާސް ރުފިޔާ ލިބޭނެއެވެ. ތިންވަނައަށް އެއް ހާސް ރުފިޔާ ލިބޭނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ. އޭގެ އިތުރުން އެކެޑަމީގެ ޚާއްޞަ އިނާމާއި ހެރިޓޭޖު މިނިސްޓްރީގެ އިނާމް ވެސް ލިބޭނެއެވެ. މީގެ އިތުރަށް ވަރަށް ޚާއްޞަ އިނާމުތަކެއް ވެސް ދެއްވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ. މިއީ މިފަދަ މުބާރާތެއް މި ގޮތަށް ހުޅުވައިލައްވައިގެން ކުރިޔަށް ގެންދަވާ ފުރަތަމަ ފަހަރެވެ. މުސްތަގުބަލުގައި މި މުބާރާތް ބާއްވަވާނީ ގައުމީ މުބާރާތެއްގެ ގޮތުގައި ކަމަށް ވެސް އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ތިބި ރައިވަރު ކިޔުންތެރިންނަށް އެކެޑަމީން ހުޅުވާލި ރަނުގެ ފުރުސަތެއް ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ. މި މުބާރާތް ބާއްވާނެ ތަނެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.