މާލެ މާާލޭ މީހުންނަށޭ އަޅުގަނޑު ބުނަނީ ވަކި ބަައެއްގެ ހައްގެއް އުނި ކުރާކަށް ނޫން: ސަރަނގު އާދަމް މަނިކު

މާލެ މާލޭ މީހުންނަށޭ ވިދާާޅުވަނީ އެއްގޮތަކަށްވެސް އެހެން ބައެއްގެ ހައްގެއް އުނިކުރުމުގެ ބޭނުންފުޅުގައި ނޫން ކަމަށް މާލޭ މޭޔަރު ކަމަށް ކުރިމަތި ލައްވައިފައިވާ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ. އާފަތިހަށް މައުލުމަތު ދެއްވަމުން އާދަމް މަނިކު ވިދާޅުވީ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކޮންމެ ބޭފުޅަކުމެ އެންމެ ބާރަށް ދައްކަވާން ވާނޭ ވާހަކަފުޅަކީ މާލޭގެ ވާހަކައެވެ. "އަޅުގަނޑު އެހެން ރަށެއްގެ މަގާމަކަށް ކުރިމަތިލީނަމަ ދައްކާނީ އެ ރަށެއްގެ ވާހަކަ. އެޔެއްނޫންތޯ  ކެމްޕޭނުގައި މަސައްކަތް ކުރަން ޖެހޭ ގޮތަކީ؟ މާލޭގެ މަގާމަކަށް ކުރިމަތިލާފައި މުޅި ރާއްޖޭގެ ވާހަކަ ނޫނީ އެހެން ރަށެއްގެ ވާހަކަ ދައްކަނީ ކީއްކުރަންތޯ؟]

އާދަމް މަނިކު ވިދާޅުވާ ގޮތުގައި މާލެއަށް ކޮށްދޭނޭ ކަންތައްތަކުގެ ވާހަކަ އެންމެނަށް އެނގޭ ގޮތަށް ސާފުކޮށް ލިޔުއްވައިގެން ނުކުންނެވި ހަަމައެކަނި ބޭފުޅަކީ އޭނާއެވެ. "އަޅުގަނޑު މިހިރީ ކުރާނޭ ހުރިހައި ކަމަކާއި އެކަންކަން ކުރާނޭ ގޮތް ލިޔެ އާއްމު ކޮށްފައި. މިޔަކުން އުފެދޭނޭ އިތުރު ސުވާލެއް ނޯންނާނެ. މާލޭ މީހުންގެ ހާާލަތު ވަރަށް ދެރަ. ކުދި ގޮޅިތަކުގައި އެތައް އާއިލާއެއް އެބަ ދިރިއުޅޭ. އެހެން އޮތް ހާލަތެއްގައި މާލޭ މީހުންނަށް މާލޭގައި އިސްކަން ދިނުމުގެ ވާހަކައަކީ ރަނގަޅު ވާހަކައެއް. ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކަނީ މާލޭ މީހުން. އެހެންވީމާ ޓެކްސް ފައިސާގެ ބޮޑު ފައިދާއެއް މާލޭ މީހުންނަށް ނުކުރަންވީ ސަބަބެއް ނެތް."

އާދަމް މަނިކު މާލޭ މީހުންނަށް ކޮށް ދެއްވާނޭ ކަންތައްތަކުގެ ތެރޭގައި މާލޭގެ ކޮންމެ އަވަށެއްގައި ހެލްތު ސެންޓަރެއް ގާއިމުކޮށް ދެއްވުން ހިމެނެއެވެ. "މިހާރު މި އޮންނަ ގޮތުން ހުމެއް އަޔަސް، ކެއްސައިލިޔަސް ދާން މި ޖެހެނީ އައިޖީއެމްއެޗަށް. އެތާނގެ ކިޔޫ އެހައި ބޮޑު. އެހެންވީމާ ކުދިކުދި ކަންތައްތަކާއިގެން ރައްޔިތުން ދާނޭ އަވަށު ސިއްހީ މަރުކަޒުތަކެއް ހުންނާން އެބަ ޖެހޭ. އެއީ ރައްޔިތުންނަށް ލިބޭނޭ ވަރަށް ބޮޑު ފަސޭހައެއް. އަދި އައިޖީއެމްއެޗަށް ލިބިގެން ދާނޭ ވަރަށް ބޮޑު ލުޔަކަށްވެސް ވާނެ." އާދަމް މަނިކު ވިދާޅުވިއެވެ.

މީގެ އިތުރަށް މުސްކުޅިން ބަލަހައްޓާނޭ ތަންތަން (އީލް އޭޖް ހޯމް) ގާއިމު ކުރުމާއި މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތް ވާނޭ މަގު ފަހި ކޮށް ދެއްވުމަށްޓަައިި ރިހެިބިލިޓޭޝަންގެ މަސައްކަތް ފުޅާ ކުރެއްވުން އާދަމް މަނިކުގެ މެނިފެސްޓޯގައި ވަނީ ހިމަނުއްވައިފައެވެ.

މާލޭގެ ތޮއްޖެހުން ހައްލު ކުރެއްވުމަށްޓަކައި ދުއްވާ އެއްޗެހި އިތުރު ކުރެވޭނޭ ވަކި މިންގަނޑެއް ކަނޑައަޅައި ޕާކު ކުރުމަށް ހައްލުތަކެއް ހޯއްދަވައި ދެއްވުމަކީވެސް އާދަމް މަނިކުގެ އެއް ވަޢުދެވެ. "މާލެއިން ބިން ގަނެގެން ޕާކު ކުރާނޭ ތަންތަން ހެދުމަކީ އަޅުގަނޑުގެ ވިސްނުމެއް. ތޮއް ޖެހޭ ސަރަހައްދުތައް ނުލާހިކު ރީތިކޮށް އެނގެން އެބަހުރި. އެ ސަރައްދުތަކުން ބިން ނުގަނެވޭންވީ ސަބަބެއްވެސް ނެތް. މިސާލަކަށް އަމީނިއްޔާ ސްކޫލް ސަރަހައްދުން ހަނި ގޯޅިތައް އެހެރަ ދިމަދިމާއިން ބަދަލު ދީފައި ގަނެވޭނޭ ތަންތަން ހުންނާނެ. އެފަދަ ބިންތައް ގަނެ ޕާކު ކުރާ ތަންތަން ހެދީމާ މަގުމަތި ހުސް ވާނެ. އެއީ ނުކުރެވޭ ވަރުގެ ކަންކަމެއް ނޫން. ބޭނުންވަނީ އިޚްލާސްތެރި ހެޔޮ ވިސްނުމެއް."

އާދަމް މަނިކު ސިޓީ ކައުންސލުގައި މީގެ ކުރީން ހުންނެވި ދުވަސްވަރު މާލޭގައި މީހުން ރަޖިސްޓަރީ ވާން އޮންނަ ދަފުތަރު ބަންދު ކުރެއްވިއެވެ. މިހާރުވެސް އޭނާގެ ވިސްނުންފުޅު ހުރީ އެ ދަފުތަރު ބަންދު ކުރެއްވުމަށް ފަހު ދަފުތަރުގައި މިހާރު ޖެހިފައިވާ މީސްމީހުންނަށް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވާށެވެ. "ތިން ކޮޓަރީގެ ފުލެޓެއް މަހަކު ހަތް ހާސް ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަށް ލިބޭ ގޮތަށް އަޅުގަނޑު ހަދާނަން. އެއީ ނުވަ ސަތޭކަ އަކަފޫޓުގެ ތަންތަން. މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ކުލި މިހިރީ އަތް ނުފޯރާ ހިސާބަށް އަރާފައި. އެކަމުގެ އެއް ހައްލަކީ ބޯހިޔާވަހިކަން ބޭނުން ވެގެން އުޅޭ މީހުންގެ އަދަށްވުރެ ގެދޮރު އިތުރު ކުރުން. އެހެންވީމާ އަޅުގަނޑުގެ މޭޔަރުކަމުގެ ދަށުގައި ޑިމާންޑާ އެއްވަރަށް ސަޕްލައި ގިނަ ކުރާނަން." އާދަމް މަނިކު ވިދާޅުވިއެވެ. "ސިނަމާލެ ފުލެޓުތައް ތަޅާލައި އެތާނގައި ދިރިއުޅޭ މީހުންނަށް ވަގުތި ހިޔާ ހަަމަޖައްސައިދޭނަން. އެ ފުލެޓްތައް ހުރި ތާނގައި އާ ފުލެޓު އަޅާފައި އެމީހުންނަށް ހިލޭ ލިބޭނޭ މަގު ފަހިކޮށްދޭނަން ."

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަށްޓަކައި އާދަމް މަނިކު  އަޅުއްވާނޭ ބައެއް ފިޔަވަޅުތައް އާފަތިހަށް ވިދާޅުވެ ދެއްވިއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ބިދޭސީ މަސައްކަތު މީހުން ތިލަފުށްޓައް ނުވަތަ ގުޅިފަޅަށް ބަދަލު ކުރެއްވުމެވެ. މީގެ އިތުރަށް ބިދޭސިން ކުރާ ވަގު ވިޔަފާރި ހުއްޓުވުމާއި ގަވާއިދާ ޚިލާފަށް މާލޭގައި އުޅޭ ބިދޭސީން ރަށަށް ފޮނުވައިލުމުގައި  ސަރުކާރަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.

ލޯކަލް މާރުކޭޓާއިދަތުރުވެރިންގެ މާރުކޭޓު ޒަމާނީ ފެންވަރަށް ހަދައި ނިންމުމަކީވެސް އާދަމްމަނިކުގެ އެއް ވައުދެވެ. މާލޭގައި ޕަބްލިކް ޓްރާންސްޕޯޓު ވަރުގަދަ ކުރެއްވުމުގެ ގޮތުން ބަސް އިތުރުކުރެއްވުމާއި ހުޅު މާލޭގައި އިތުރު ސްކޫލް އަޅުއްވައި ސްކޫލް ކުދިން އުފުލާ ބަސް ތައާރަފު ކުރެއްވުންވެސް އާދަމް މަނިކުގެ ވައުދުގެ ތެރޭގައި ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.