ރާއްޖޭގެ ބައެއް ރަށްތައް ގިރަމުންދާ މައްސަލައާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުޞައިންރަޝީދު ކޮމެޓީއަށް ޙާޒިރުކޮށް ކަމާބެހެ އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުން ނިންމައިފިއެވެ.
އާންމުންނަށް ހުޅުވާލައްވައިގެން ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ކަމާބެހޭ އިދާރާތަކާއި އެންވަރަންމަންޓް މިނިސްޓަރ ޑޮކްޓަރ ޙުޞައިން ރަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައިވެފައެވެ. ބައެއް މެމްބަރުން ވިދާޅުވީ ރަށްތައް ގިރަމުންދާ މައްސަލައިގައި މަޢުލޫމާތު ހާމަކޮށް ކަންކަން އޮޅުން ފިލުވައި ދިނުމުގައި ކަމާބެހޭ އިދާރާތައް ފަހަތުފަޔަށް ބުރަވެފައިވާކަމަށެވެ.
ދަންވަރު ރަށްރަށަށް އުދައަރައި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ދިޔައިރު ވެސް ކަމާބެހޭ މިނިސްޓްރީތަކުން އެކަމަށް އިޖާބަ ދިނުން ލަސް ކަން އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު ފާހަގަކުރެއްވިއެވެ.
މަހިނބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓަރ މިދުވަސް އުޅުއްވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ކަމަށެވެ. އެ ދަތުރުތަކުގައި ގިރާ ސަރަހައްދުތައް ބައްލަވާ ލައްވާ އަދި ކުނިކޮށިތައް ވެސް ބައްލަވާ އުޅުއްވި ކަމަށެވެ. ރަށްގިރުމުގެ މައްސަލައިގައި މިނިސްޓްރީއަށް ކުރެވިފައިވާ މަސައްކަތްތަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލާގައި މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ބެލުމަށް މިނިސްޓަރ ކޮމެޓީއަށް ހާޒިރުކުރަން ކޮމެޓީއަށް ހުށަހެޅުއްވީ ވެސް މެމްބަރ ޠާރިޤެވެ.
މިނިސްޓަރ ކޮމެޓީ އަށް ޙާޒިރުކޮށް މަޢުލޫމާތު ސާފުކުރުމުގެ އިތުރުން ރަށްގިރުމުގެ މައްސަލައިގައި ތިންކަމެއް ކޮމެޓީން ވަނީ ނިންމަވައިފައެވެ. އެކަންކަމުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އާއި ކަމާ ބެހޭ މުއައްސަސާތަކުން އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތް ކޮމިޓީން ދިރާސާކުރުމާއި އާދަޔާ ހިލާފަށް ރަށްތައް ގިރަމުންދާ މައްސަލަ ދިރާސާކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމައުގެ ސަމާލު ކަމަށް އެ މައްސަލަ ގެންދިއުމެވެ.
ރަށްތައް ގިރުމުގެ މައްސަލައގައި ކޮމެޓީން ނިންމާ ނިންމުން ރިޕޯޓެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެކަމަށް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމް ވިދާޅުވިއެވެ.
ކޮމިޓީގެ މެންބަރުންގެ އިތުރުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރަށްތައް އާދަޔާ ޚިލާފަށް ގިރަމުންދާ މައްސަލައިގައި ވަރަށް ގިނަ ފަރާތްތަކުން، އެކަމާބެހޭ ފޮޓޯތަކާއި މަޢުލޫމާތު އެމަނިކުފާނާ ވެސް ޙިއްޞާ ކުރައްވައިފައިވާކަމަށެވެ. އެފަދަ ބައެއް ފޮޓޯތަކުގެ ޕްރެޒެންޓޭޝަނެއް ކޮމެޓީގައި އެމަނިކުފާނު ހުށަހަޅުއްވައި ދެއްވިއެވެ.
އިންސާނުންކުރާ ނޭދެވޭ ބައެއް އަމަލުތަކާއި ސަރުކާރުން ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރު ފޯރަމުންދިޔަ ނަމަވެސް މިފަހަކަށް އައިސް ރަށްރަށް ގިރަމުން ގޮސްފައި ވަނީ މޫސުމަށް އައި ބައެއް ބަދަލުތަކާ ގުޅިގެންކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ކޮމެޓީގެ މުގައްރިރު، ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތައް ވެސް ގިރަމުން ދާ ކަމަށެވެ. މީހުން އުޅޭ ރަށްތަކުގެ އިތުރުން ފަޅުރަށްތައް ވެސް ކިރައިގެން ގޮސްފައިވާކަން ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ހިމާޔަތް ކޮށްފައިވާ ފަޅުރަށްތައް ވެސް ކަންބޮޑުވާ މިންވަރަށް ގިރަމުންދާކަން ފާހަގަ ކުރެއްވިއެވެ. ތިމާވެށީގެ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ސަލީމް ވިދާޅުވީ މިހާރު ރަށްތައް ގިރަމުންދާ ގޮތަށް ދުވަހަކު ވެސް ރައްތައް ގިރަމުން ދިޔަތަން ދެކެވަޑައި ނުގަންނަވާ ކަމަށެވެ.