ހައިކޯޓުން ބާތިލްކުރި ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްސަލަ ސްޕްރީމްކޯޓްގައި އިސްތިއުނާފްކުރަން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޙުޞައިން ޝަމީމް ނިންމަވައިފިއެވެ.
ޕީޖީ ޝަމީމް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހައިކޯޓްގެ ޙުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުޞޫލު ރަނގަޅުކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންކަމުން ޙުކުމުގެ އެބައި ސްޕަރީމްކޯޓަށް ހުށަހަޅަން ނިނަމެވިކަމަށެވެ. ހައިކޯޓްގެ ޙުކުމް ރަނގަޅު ނޫންކަމަށް ޤާނޫނުގެ އެކި މާއްދާތަކާ ޙަވާލާދެއްވައި ޕީޖީ ޝަމީމް ވަނީ ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި އިޖްރާތު ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 119 މާއްދާއާއި 131 މާއްދާއާއި 134 ވަނަ މާއްދާ ފާހަގަކޮށް މުޅި ޤާނޫނުއެކުގައި ކިޔާއިރުވެސް ހައިކޯޓުން ބާތިލްކުރި، ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްސަލައިގެ ސިއްރު ހެކިބަހުގެ އުޞޫލު ރަނގަޅުކަމަށް ފެނިވަޑައި ނުގަންނަވާކަމަށް ޕީޖީ ވަނީ ފާހަގަ ކުރައްވައިފައެވެ.
އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްފައިވަނީ، ހައިކޯޓުގެ ތިން ފަނޑީޔާރުންގެ ޢިއްތިފާގުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރު ޢަބްދުﷲ ސަޢީދު އުއްތަމަ ފަނޑިޔާރަކަށް ހުންނަވައިގެން 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށް، ފޯނު ދިނުމަށް އެދިފައެވެ. ނަމަވެސް ޢަބްދުﷲ ސަޢީދު ވިދާޅުވެފައިވަނީ އޭރު އޭނާގެ އަތުގައި ފޯނު ނެތް ކަމަށެވެ. މި މައްސަލައިގައި ދައުލަތުން ވަނީ އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ޢަބްދުﷲ ސަޢީދުގެ މައްޗަށްއުފުލައިފައެވެ. އެދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ މައްޗަށް ދެ ހުކުމެއް ކޮށްފައި އޮތުމުން، އިންސާފު ޤާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އިއްވި ހުކުމް ތަންފީޒު ކުރަން ފަށާފައި ވަނީ، މިދިޔަ މަހުގައެވެ.
މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމުގައި، ސައީދުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުން ސިއްރު ހެކިބަސް ނަގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި ފުލުހުން އެދިގެން ޢަބްދުﷲ ސަޢީދު ނުދީ ވަނީ ކޮން ފޯނެއްކަން ދައުލަތަށް ސާފުކޮށް ދެވިފައި ނުވާކަމަށާއި، އެފޯނުގައި ވަނީ ކޮން ހެކިތަކެއްކަން ވެސް ސާބިތުކޮށްދީފައި ނުވާކަން ހައިކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ފޯނެއް ގެއްލިގެން ނުވަތަ ނުދެވިގެން، ހަމައެކަނި އެސަބަބުގެ މައްޗަށްބަލައި އެދައުވާ ނުކުރެވޭނެ ކަމަށް ހައިކޯޓުން ދައުވާ ސާބިތު ކުރި ނިންމުމުގައި ވެއެވެ.