
ހަލަވެލި ރިސޯޓުން ފުރައިގެން ކ.ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ "ރޭވަ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
މިއަދު ގާތްގަނޑަކަށް 09:00 ހާއިރު މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރމަނުންގެ ޓީމަކާއެކު ކޯސްޓްގާޑް ލޯންޗް ވެލާނާ ވަނީ އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި ރޯވެފައިވަނީ ދޯނީގެ އިންޖީނު ރޫމުގައެވެ. އަދި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުން އެދޯނީގައި ހުރި ފަޔަރ އެސްޓިންގުއިޝަަރ ފުޅި ބޭނުންކޮށްގެންނެވެ.
މިހާދިސާގައި ދޯނީގެ އިންޖީނު ރޫމާ ދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ދޯންޏަކީ ހަލަވެލި ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެކެވެ.
ރޭވަ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދޯނީގެ އިންޖީނު ރޫމުގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި ފަޔަރމަނުންގެ ޓީމުން ވަނީ ހަރަކާތްތެރިވެފައެވެ.