ކުޑަކުދީންނަށް ޖިންސީގޯނާކުރާ މީހުންގެ މައްސަލަތައް އަވަސްކޮށް އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައި މިއަދުވެސް މާލޭގައި މުޒާހަރާ ކޮށްފިއެވެ. މި މުޒާހަރާ ބާއްވައިފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މިއީ މާލޭގައި އުޅޭ ޒުވާނުންތަކެއް އިސް ނަގައިގެން ބޭއްވި މުޒާހަރާއެކެވެ.
ތަފާތު މެސެޖުތައް ލިޔެފައިވާ ޕޯސްޓަރު ތަކާއެކު ކުރިއަށް ގެންދިޔަ މުޒާހަރާގައި ވަނީ ސަރުކާރުކާރުގެ ކަމާ ބެހޭފަރާތްތަކަށް ސުވާލުތަކެއް ވެސް ކުރިމަތިކޮށްފައެވެ. އެގޮތުން އިބްތިހާލުގެ މައްސަލައަށްވީ ކިހިނެއްތޯއާއި، ދެ އަހަރު ނުވާ ތުއްތު ކުއްޖާއަށް ޖިންސީގޯނާ ކުރި މައްސަލައިގައި މިހާތަނަށް ކުރެވުނީ ކޮންކަމެއްތޯ ވެސް ސުވާލުކޮށްފައިވެއެވެ. އަދި އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވި މައްސަލަތަކަށްވީ ކިހިނެއްތޯ ވެސް ސުވާލު ކޮށްފައިވެއެވެ. މިސުވާލުތަކުގެ ޖަވާބު ރައްޔިތުން ބޭނުންވާ ކަމަށާއި މިކަންކަން ނުވަންޏާ އިސްތިއުފާ ދެއްވުމަށް ވެސް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނަށް ގޮވާލައިފައިވެއެވެ.
ރޭޕުކުރުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށާއި އެކަންކަން ހުއްޓުވައި ކުދިން ރައްކާތެރި ކޮށްދެއްވުމަށް ވެސް މުޒާހަރާއިގައި ގޮވާލައިފައިވެއެވެ. ކުދިން ހިމާޔަތް ކުރުމުގައި އެންމެން ގުޅިގެން އެމީހެއްގެ ޒިންމާ އެމީހަކު ފުރިހަމައަށް އަދާ ކުރުމަށް ވެސް މިމުޒާހަރާގައި ގޮވާލައިފައިވެއެވެ.