
ޣާޒީ ސްކޫލުގައި ހިމަބިހިގެ ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ 33 ކުދީން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 23 ޖެނުއަރީ ވީ ބުދަ ދުވަހު ހިމަބިއްސަށް ޕޮޒިޓިވް ވި ދެ މީހުންގެ ތެރެއިން އެެއްފަރާތަކީ ޣާޒީ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެއް ކަމަށެވެ. އަދި އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ދަރިވަރުންނަށް ވެކްސިން ޑޯޒް ފުރިހަމަކޮށްފައިނުވާ ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވުނުތާ ދެ އަހަރު ފަހުން ހިމަބިހި ހެޖިފައިވާ ފަރާތެއް ފުރަތަމަ ފެނިފައިވަނީ މި ޖަނަވަރީ މަހުގެ ކުރީ ކޮޅުއެވެ. އެއީ ކުޑަ ކުއްޖެކެވެ. އެ ކުއްޖާއަކީ ހިމަބިހީގެ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިނުވާ ކުއްޖެކެވެ. އޭގެ ފަހުން ހިމަބިހި ޖެހިފައިވާ އިތުރު ފަތާތްތައް ފެނުމާއެކު އެޗްޕީއޭ އިން ދަނީ ވެކްސިން ޑޯޒް ފުރިހަމަކޮސްފައި ނުވާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެއާއެކު ހިމަބިއްސަށް ޓެސްޓުކުރުމާއި މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.