އެންމެ ދަށް އުޖޫރަ މިވަގުތު ކަނޑައަޅައިފިނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވާނީ ފުނޑުފުނޑު- ޝާޢިރާ

އެންމެ ދަށް އުޖޫރަ މިވަގުތު ކަނޑައަޅައިފިނަމަ އެސްއެމްއީ ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވާނީ ފުޑުފުޑުކަމަށް ވިޔަފާރިވެރިޔާ، ޝެރީ ސަލޫންގެ ވެރިޔާ ޝާޢިރާ ސަލީމް ވިދާޅުވެއްޖެ އެވެ.

ޝާއިރާ މިހެން ވިދާޅުވެފައި ވަނީ ވީޓީވީ އިން ރޭ ގެނެސްދިން ސިޔާސީ ސައްލާ ގައި އެންމެ ދަށް އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުން ކުރެވުނު ސައްލާގައި ވާހަކަ ދައްކަވަމުންނެވެ. ޝާއިރާ އިތުރަށް ތަފްޞީލްކޮށް ދެއްވަމުން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ ގާތްގަޑަކަށް 95 އިންސައްތައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކަމަށެވެ. އެފަދަ ފުޅާ ދާއިރާއެއްގައި އޮތް ވިޔަފާރީއަކަށް އަސަރުފޯރާގޮތަށް އެންމެ ދަށް އުޖޫރަ ކަނޑައެޅިގެން ގޮސްފިނަމަ މުޅި އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުން ކަނޑައަޅާ އެންމެ ދަށް އުޖޫރަ ރަށްރަށުގައި ހުންނަ ކުދިކުދި ގެސްޓް ހައުސްތަކުން ދޭނީ ކިހިނަކުންތޯ، ޝާއިރާ ވަނީ ސުވާލު އުފައްދަވައިފައެވެ. އެފަދަ މައްސަލަތައް ހުރުމާއިއެކު އެކަންކަމަށް ރިޢާޔަތްނުކޮށް އެންމެ ދަށް އުޖޫރަ ކަނޑައެޅިގެން ގޮސްފިނަމަ އެފަދަ ވިޔަފާރިތައް އެއްކޮށް ފުޑުފުޑު ވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ސަބަބުތަކަށް އަލިއަޅުވާލައްވައި ރާއްޖޭގެ އިޤްތިޞާދު އެންމެ ދަށް އުޖޫރައަކަށް އަދި ތައްޔާރުނުވާކަމަށް ޝާއިރާ ފާހަގަ ކުރެއްވިއެވެ.

އެންމެ ދަށްއުޖޫރައަކަށް އެންމެ ބޮޑަށް ވަކާލާތުކޮށް މަސައްކަތް ކުރަމުންދާ ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް "ޓީމް" އަދި ލޭބަރ ޕާޓީގެ ސްޕޯރކްސް ޕާރސަން މަޢުރޫފު ޒާކިރު ވިދާޅުވީ މިނިވަން ވޭޖެއް ކަނޑައަޅަން މިހާރުވެސް މާ ލަސްވެފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އެނާ ވިދާޅުވީ 2008 ގައި ވުޖޫދުވި ވަޒިފާއާ ބެހޭޤާނޫނުންވެސް ދަށް އުޖޫރަ ކަނޑައެޅުމުގެ ފުރުޞަތު ދީފައި އޮތުމެވެ. އެހެންކަމުން އެންމެ ދަށް އުޖޫރަ ކަނޑައެޅުމަށް ވަކި ޤާނޫނެއް ކޮންމެހެން ބޭނުންނުވާކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މަޢުރޫފު ވިދާޅުވީ އެންމެ ދަށްއުޖޫރަ ކަނޑައެޅުމަކީ ޤާނޫނެއްގައި އެޢަދަދުޖަހައިފައި ބޭއްވުމަށްވުރެ ބޮޑަށް ޢަދަދަށް ފަސޭހައިން ބަދަލު ގެނެވޭނެ ގޮތަށް އޮންނަން ޖެހޭނެ އެއްޗެއް ކަމަށެވެ. ނަމަވެސް އެކަން ކުރާނެ އުޞޫލުތައް އެފަދަ ޤާނޫނެއްގައި ކަނޑައެޅުން މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އެންމެ ދަށް އުޖޫރައިގެ ގޮތުގައި އެކި ދާއިރާތަކަށް ތަފާތު ޢަދަދުތަކެއްވެސް ކަނޑައެޅިދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. ދަށް އުޖޫރަކަނޑައެޅުމުގައި ބައެއް ޤައުމުތަކުގައި އެގޮތަށް ޢަމަލުކޮށްފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ 95 އިންސައްތަ ޤައުމުގައި އެންމެ ދަށް އުޖޫރަ ކަނޑައެޅިފައިވާކަން ފާހަގަ ކުރައްވައި، ކޮސް ކަމަކަށްވާނަމަ އެހާ ގިނަ ޤައުމުތަކުން އެކަން އެގޮތަށް ކުރާނެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެންމެ ދަށްއުޖޫރަ ކަނޑައެޅުމުން ޖުމުލަ ގޮތެއްގައި މުޅި ޤައުމުގެ އިޤްތިޞާދަށް ކުރާނީ ހެޔޮ އަސަރުކަން ވެސް މަޢުރޫފު ފާހަގަ ކުރެއްވިއެވެ. އެންމެ ދަށް އުޖޫރަ ނުދެވޭވަރުގައި ވިޔަފާރި ކުރަން ނޫޅޭނީކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެންމެ ދަށްއުޖޫރައިގެ ގޮތުގައި ރިސޯރޓްތަކުގެ މުވައްޒަފުންނަށް 600 ޑޮލަރު ދެވިދާނެކަމަށް 2015 "ޓީމް" އިން ތައްޔާރުކުރި ޕެޓިޝަނެއްގައި ވަނީ ކަނޑައަޅައިފައެވެ. އެޢަދަދު އެންމެ ދަށް އުޖޫރައިގެ ގޮތުގައި ނުދެވޭނެ ރިސޯރޓެއް ރާއްޖޭގައި ނުހުންނާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އެންމެ ދަށް އުޖޫރައިގެ ސައްލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ ކުރީގެ މެމްބަރ އަޙްމަދު މުބީން ވިދާޅުވީ އެންމެ ދަށް އުޖޫރައިގެ ވާހަކަ ވެގެން ގޮސްފައިވަނީ ސިޔާސީ ބޭފުޅުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗަކަށެވެ. ސިޔާސީ މަންފާއެއް ހޯދަން ބޭނުންވުމުން އެވާހަކަތައް ދައްކާލެއް އިތުރުވެގެން ދާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މަޖިލީސް މެމްބަރަކަށް ހުންނެވިއިރުވެސް އެންމެ ދަށް އުޖޫރައިގެ މަޝްވަރާތަކެއްގައި ބައިވެރި ވަޑައިގެންނެވި ކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު އެކަމަށް ތައްޔާރު ނޫންކަން އޭރުވެސް ފާހަގަ ކުރެއްވިފައިވާކަމަށެވެ. އެންމެ ދަށް އުޖޫރައެއް ކަނޑައަޅަން ޖެހޭނީ ޤައުމީ ވިސްނުމަކުން ހުރިހާ ދާއިރާއަކާ ދޭތެރޭގައި ވިސްނުމަށްފަހުގައިކަން މުބީން ފާހަގަ ކުރެއްވިއެވެ. ފޮރިން އިންވެސްޓަރުން އިންވެސްޓް ކުރުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި މިނިމަމް ވޭޖާއި ޓެކްސްނިޒާމް ހިމެނޭނެކަމަށް އޭނާފާހަގަކުރެއްވިއެވެ. ވަޒިފާގެ ކަޅުބާޒާރަކަށް ފަހިވާގޮތަށް މިނިމަމް ވޭޖް ކަނޑައަޅައިގެން ނުވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެންމެ ދަށް އުޖޫރަ ކަނޑައެޅުމުގެ ބިލެއް މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ވަށްދައި މަސައްކަތް ފަށްޓަވައިފައެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރު ނިންމުމަށް ކަނޑައަޅައިފައި އެންމެ މުހިންމު އެއްމަސައްކަތަކީ ވެސް މިނިމަމް ވޭޖްގެ ބިލެވެ. މިނިމަމް ވޭޖަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

ރައީސް މަޢުމޫނުގެ ވެރިކަމުގައި ވަނީ ސަރުކާގެ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑައުޖޫރައެއް ރައީސް އޮފީހުގެ ސަރކިއުލާއިން ކަނޑައަޅުއްވައިފައެވެ. އޭރު ކަނޑައެޅުއްވި އެންމެ ދަށް މުސާރައިގެ ޢަދަދަކީ 2000 ރުފިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.