
ގއ. ކަނޑުހުޅުދޫގެ ވަކިފަރުދަކު ކުރިކަމެއްގެ ސަބަބުން އެރަށުގެ އެންމެން ބަދުނާމުކުރެވިގެން ނުވާނެ ކަމަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ވަކިފަރުދެއްގެ ސަބަބުން ދިމާވި ކަމަކުން މުޅި ކަނޑުހުޅުދޫގެ ހުރިހާ ރައްޔިތުން ބަދުނާމު ކުރެވިގެން ނުވާނެ،" ކަމަށެވެ. އޭނާ މިގެން ވިދާޅުވީ ދެ އަހަރު ނުވާ އަންހެން ތުއްތު އަންހެން ކުއްޖަކު އޭނާގެ ކާފަ ރޭޕު ކުރި މައްސަލައެއްގައި މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ވަގުތެއްގައެވެ.
ތުއްތު ކުއްޖާ ރޭޕުކުރި މައްސަލައިގެ ތުހުމަތުގައި ކުއްޖާގެ ކާފައާއި، މުނިކާފަގެ އިތުރުން ކުއްޖާގެ ބައްޕަވެސް ވަނީ ބަންދުކޮށް ދޫނިދުއަށް ގެންގޮސްފައެވެ. މި ކަމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ ކާފައަށެވެ. މުނި ކާފަ ބަންދުކުރީ އޭނާއަކީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ކަމުގެ ރެކޯޑު އޮންނަ މީހަކަށް ވާތީއެވެ. ބައްޕަ ބަންދުކުރީ އިހުމާލުވުމުގެ މައްސަލައިގައެވެ.
ޖަމީލް ވިދާޅުވެފައިވަނީ ކަނޑުހުޅުދޫ ގައި އިލްމު ވެރިންނާއި، ލޯޔަރުންނާއި، ކުޅުންތެރިންނާއި، ދުވުން ތެރިންނާއި، ފެތުންތެރިން ވެސް އުފެދިފައި ވާކަމަށެވެ. އެމީހުންނަކީ ގައުމު ފަޚުރުވެރިވާ ފަދަ ދަރިން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.