(16 ޖެނުއަރީ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އާދައިގެ މަތިން މަންމަގެ ގެއަށް ގޮސް މަރިޔަމްގެ އެނދުގައި އޮށޯވެލައިގެން ޒަނީން އޮތެވެ. ކުރިމަތީގައި ހުރި އެނދުގައި އިށީނދެގެން މަންމަ އިނެވެ. ޒަނީނާ ވާހަކަ ދައްކަމުން ފުނާއަޅާށެވެ. މަންމަ ފެންވަރައިގެން ނުކުތީ ދެންމެއެވެ. ކޮޓަރިއަށް އައީ ތުވާލި ހިފައިގެން ބޭރަށް ނުކުމެ ބޯ ހިއްކައިގެންނެވެ. އޭނާގެ ރަންކުލައިގެ ދިގު އިސްތަށިގަނޑު އޮތީ ކޮނޑުމައްޗާއި ފުރަގަހަށް ވިހުރާލާފައެވެ. މިއީ ޗާދަރު ނާޅާ ހުއްޓައި ޒަނީނަށް މަންމަ ފެނުނު ފުރަތަމަ ފަހަރެވެ. މަންމަގެ ރީތިކަން އޭނާއަށް ފާހަގަކުރެވުނެވެ.
"މަންމާ، މަންމަ ހާދަހާ ރީއްޗޭ." ބޭއިޚްތިޔާރުގައި ބުނެވުނެވެ.
"އަސްލުވެސްތަ؟" މަންމަ ހީނގަތެވެ.
"ހަގީގަތަށް ބުނާނަމަ އިނގިރޭސި އަންހެނުންނަކީ ރީތި ބައެއް ނޫން." ޒަނީން ބުންޏެވެ.
"ދަރިފުޅަށް އެނގެނީ ކިތައް އިނގިރޭސި އަންހެނުން؟"
ޒަނީން ހީނލިއެވެ.
"އަހަރެން ބޭނުން މަންމަ ކުރަހަން. މަންމަގެ ރީތިކަން ކަރުދާހަށް ނަގުލު ކުރަން." އޭނާ ބުންޏެވެ.
މަންމައަށް ބަލަން އޮތް އިރު އޭނާއަށް ކުރެވެނީ އެހެންކަހަލަ އިހުސާސެކެވެ. މަންމަގެ ލޮލަށް ބަލައިލުމުން މަންމަވެސް އިނީ އޭނާއަށް ބަލަންކަން ޒަނީނަށް އެނގުނެވެ.
"ތިކަހަލަ ސަމާސާއެއް މީހަކު ނުކުރާތާ ލައްކަ ޒަމާންވެއްޖެ." މަންމަ ބުނެލިއެވެ. "ދަރިފުޅު ގާތު ކަމަކު އެދެން ބޭނުން. ދަރިފުޅު ބޭނުމިއްޔާ..."
"މަންމަ ބުނި ކޮންމެ ކަމެއް ކޮށްދޭނަން..." ޒަނީން ބުނަން ބޭނުންވީ އެހެންނެވެ. ނަމަވެސް އެއްޗެއް ނުބުނެ ބަލަހައްޓައިގެން އޮތީއެެވެ. އެވަގުތު ޒަނީނަށް އެހެން ކަމެއްވެސް ފާހަގަކުރެވުނެވެ. އޭނާގެ ލޮލާއި މަންމަގެ ލޯ ވަރަށް އެއްގޮތެވެ. ޒަނީން މަންމަ ގާތު އެއްޗެއް އަހަން ބޭނުންވިއެވެ. އެކަމަކު މަންމަ ދޭނެ ޖަވާބެއް ނޭނގެއެވެ. އެހެން ނަމަވެސް ނާހައި ނޯވެވުނެވެ.
އިރުކޮޅަކަށް މަންމަ ހިމޭނުން އިނެވެ. ގާވެފައެވެ. އިރުކޮޅަކުން ތެދުވެގެން ގޮސް ޒަނީންގެ ދެ ލޮލުގައި ބޮސް ދިނެވެ. މަންމަގެ މޫނު ވިދާ ބަބުޅައެވެ.
***
މަރިޔަމް ހުރީ ވަރުގެ ކޮޅަށް ނަލަހެދިލައިގެން ބޭރަށް ދާން ތައްޔާރުވެގެންނެވެ. އޭނާއަށް މޫނު ބަލާ ލޯގަނޑުން ޒަނީން ވަދެގެން އައިތަން ފެނުނީ މޭކަޕް ކޮށް ނިމިގެން ތެދުވަން އުޅެނިކޮށެވެ. އޭނާ މަރިޔަމް ފެންނަކަމަށް ވެސް ނަހަދައި، އަދި ބޫޓު ވެސް ނުބާލައި، އެނދުގައި އޮށޯވެ ކަނާއަތުން ލޯ ފޮރުވިއެވެ. ޒަނީނަށް ވީ ގޮތެއް މަރިޔަމަކަށް ނޭނގުނެވެ. ހަމަ ރަނގަޅަށް ވެސް ޒަނީނަށް މަރިޔަމް ނުފެނުނީ ބާވައެވެ. ނުވަތަ ނުފެންނަ ކަމަށް ހަދަނީ ބާވައެވެ.
"ޒަނީން." މަރިޔަމް ޒަނީނަށް ގޮވައިލިއެވެ. ޒަނީން ކަހާތަން ހިރުވައިވެސް ނުލިއެވެ.
"ޒަނީން!" މަރިޔަމް ތަންކޮޅެއް ބާރަށް އޭނާއަށް ގޮވިއެވެ. އޭނާ އަޑު އިވޭކަމަކަށް ނަހަދައެވެ. ކަނާތުން ލޯ ފޮރުވައިގެން ހިރިވެސް ނުލައިި އޮތީއެވެ.
މަރިޔަމް ހާސްވިއެވެ. އޭނާ ތެދުވެގެން ގޮސް ޒަނީން ގާތު އިށީނދެ ލޯ މަތިން އަތް ނަގަން އުޅުނެވެ. ޒަނީން އަތް ނެގިޔަކަ ނުދިނެވެ.
"ކިހިނެއްވީ؟ ބަލިވެތަ؟" އޭނާ އެހިއެވެ.
"އަހަންނަކަށް ކަމެއް ނުވޭ." ފިސްވެފައިވާ އަޑަކުން ޒަނީން ބުންޏެވެ.
"ކީއްވެ ލޯ ފޮރުވައިގެން ތި އޮތީ؟ އަތް ނަގާބަލަ." އަތާއި ލޮލާއި ދޭތެރެއަށް އަތް ލައްވަމުން މަރިޔަމް އެހިއެވެ.
ޒަނީން ލޯމަތިން އަތް ނަގައި ލޯ ހުޅުވައިލިއެވެ. މަރިޔަމް ހައިރާންވިއެވެ. އޭނާގެ ލޯ ހުރީ ރަތްވެ، ދުޅަވެފައެވެ. ހީވަނީ ވަރަށް ގިނަ އިރު ރޮއެފައި ހުރި ހެންނެވެ.
"ޒަނީން، ކިހިނެއްވީ؟" މަރިޔަމް ވަރަށް ހާސްވެއްޖެއެވެ.
"އެއްވެސް ކަމެއް ނުވޭ." އޭނާ ބުނެލިއެވެ. ފުން ނޭވާއެއް ލާފައި އަނެއްކާ ދެ ލޯ މަރައިލިއެވެ.
"ރޮއެފަތަ ތި އައީ؟"
"ސާބަސް މަރިޔަމް. އަހަރެން ރޯންވީ ކީއްވެ؟" ލޯ މަރައިގެން އޮވެ ޖަވާބު ދިނެވެ.
"ދެން ލޮލަށް ކިހިނެއްވީ. ދެ ލޯ ވެސް ތިހިރީ ރަތްވެ، ދުޅަވެފައި. ވީ ކަމެއް ބުނެބަލަ. ބަލީތަ؟ ފެކްޓަރީގެ ކަންތައް ރަނގަޅުތަ؟"
ޒަނީން ލޯ ހުޅުވިއެވެ. "އަހަންނަކަށް އެއްވެސް ކަމެއް ނުވޭ. ހުން އަންނަން އުޅެނީ ކަމަށްވެދާނެ. މާ ގޮތް ބޮޑު ކުރާނެ ކަމެއް ނެތް..." ޒަނީނުގެ އަޑުގައި ހުރީ ނުރުހުމުގެ އަސަރެވެ. އޭނާ އަނެއްކާވެސް ލޯ މަރައިލިއެވެ.
މަރިޔަމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ޑޮކްޓަރަށް ގޮސްފައި ގެއަށް އައިނަމަ." އޭނާ ބުންޏެވެ.
"ދިޔައިން."
"ކާން ހަދަން ބުނަންތަ؟"
"ބަނޑުހައެއް ނުވޭ."
"އެހެންވިޔަސް ކޮންމެވެސް އެއްޗެއް ކާންވާނެ."
"އަހަރެން ބާއްވަބަލަ. އިރުކޮޅަކަށް މިހެން އޮވެލަން ބޭނުން."
"ޒަނީން ލޯ ހުޅުވައިލިއެވެ. "ބޭރަށް ދާކަށް ނޫންތަ ތިއުޅެނީ؟" އޭނާ އެހިއެވެ.
"ކާން ދާން މިއުޅެނީ، ޒުއްރާނީގެ ގެއަށް. މިއަދު އަހަރެމެން.."
"އެހެންވެއްޖެއްޔާ ދޭ." ޒަނީން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ލަސްވެދާނެ..."
"ހަމަޖެހިލައިގެން ބޭރުގައި އުޅެވޭނީ އަހަރެން ދިއުމުގެ ކުރިން ޒަނީން އެއްޗެއް ކެއިއްޔާ."
"އަހަންނާ ދޭތެރޭ ވިސްނާނެ ކަމެއް ނެތް. ކުޑަކޮށް އަރާމު ކޮށްލާފައި ކާނީ." ޒަނީން އަނެއްކާވެސް ލޯ މެރިއެވެ.
"މިރޭ ވަރަށް މުހިއްމު ޒުއްރާނީގެ ގެއަށް ދާން. އެހެން ނޫން ނަމަ ޒަނީން އެކަނި ބާއްވާފައި ނުދާނަން." މަރިޔަމް ބުންޏެވެ.
"ތިކަން އެނގޭ." މިފަހަރު ޒަނީން ލޮލެއް ނުހުޅުވައެވެ. މަރިޔަމް އިރުކޮޅަކު ޒަނީން ގާތު އިށީނދެގެން އިނެވެ. އޭނާ ތެދުވި އިރު ލޮލުގައި އަޅައިގަތީ ޒަނީންގެ ސްވެޓަރުގައި ހުރި ރަންކުލައިގެ ދިގު އިސްތަށިތަކެވެ. މަރިޔަމް އަނެއްކާވެސް ޒަނީނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ޒަނީން އޮތީ އަދިވެސް ލޯ މަރައިލައިގެންނެވެ. މަރިޔަމް ސްވެޓަރުން އެ އިސްތަށިތައް ނެގިއެވެ. އެނދުގެ އަރިމަތީ ބޮކީގެ އަލި އެޅުމުން އެ އިސްތަށިތައް ދަޅަ އަޅައެވެ. މަރިޔަމަށް ހީވީ އޭނާގެ ދުނިޔެ ފުނޑުފުނޑު ވީ ހެންނެވެ.
***
އެރޭ ޒުއްރާނީގެ ގޭގައި ކާން އިންއިރު އޭނާގެ ސިކުނޑީގައި އެ ރަން އިސްތަށިތައް ނޫން އެހެން އެއްޗެއް ނެެތެވެ. ޒަނީން އުޅެނީ ބަލިވެ ކަމެއް ނުވަތަ ނުވަތަ ޒަނީން ރޮއެފައި ހުރި ކަމެއް، މިއިން އެއްވެސް ކަމެއް އޭނާގެ ސިކުނޑިއަކު މިހާރަކު ނެތެވެ. މިހައިތަނަކަށް ޒަނީނަށް ޝައްކުކުރާނެ އެއްވެސް ކަމެއް އޭނާއަކަށް ނުފެނެއެވެ. ތެދެކެވެ. މަރިޔަމާ އިނުމުގެ ކުރިން ޒަނީން އެތައް ކުދީންނަކާ ރައްޓެހިވިއެވެ. އެކަމަކު އެ އެންމެންގެ ތެރެއިން ވެސް އޭނާ ކިރިޔާވެސް ޝައުގުވެރިކަން ފާޅުކުރީ ސޯފިއާ އަށެވެ. އެކަމަކު ސޯފިއާ ވެސް މިހާރު އުޅެނީ މީހަކާ އިންނާށެވެ.
ޒަނީނަކީ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އޭނާގެ ޒާތީ ކަންކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. ޒަނީނާ މަރިޔަމްގެ ކާވެންޏަށް އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ގައިމުވެސް މަރިޔަމް ދެކެ ފޫހިވާހައި ދުވަހެއް ނުވެއެވެ. މަރިޔަމް ވެސް އަމިއްލަ މަސައްކަތުގައި މަޝްއޫލުވެ އުޅެން ފެށިފަހުން ޒަނީނަށް ވަގުތު ނުދެވެއެވެ. އެކަމަކު ޒަނީން އުޅޭނޫޅޭ ގޮތް އޭނާއަށް އެނގެއެވެ.
ހެނދުނު ޒަނީން އޮފީހަށް ދާން ނުކުންނަ އިރު މަރިޔަމް އޮންނަނީ ނިދާފައެވެ. މެނދުރު ކާ ގަޑިއަށް ޒަނީން ވަރަށް ގެއަށް ނާދެއެވެ. މަސައްކަތުން ނިމިގެން ހަވީރު އޭނާ ގެއަށް އަންނަ ވަގުތު މަރިޔަމް އުޅޭނީ ބޭރުގައެވެ. ނުވަތަ ބޭރަށް ދާން ތައްޔާރުވާނީއެވެ. މެންދަމު މަރިޔަމް ގެއަށް އަންނަ އިރު ޒަނީން އޮންނަނީ ނިދާފައެވެ. އިރު އޮއްސޭފަހުން ބޭރަށް ދަންޏާ ޒަނީން އަބަދުވެސް އޭނާ ދާ ތަނެއް މަރިޔަމް ގާތު ބުނެއެވެ. އެކަމަކު ކުއްލިއަކަށް ރަންކުލައިގެ ދިގު އިސްތަށިތަކެއް... "އޭގެ މާނައަކީ ކޮބާ؟" މަރިޔަމްގެ މުޅި ރޭ ޚަރާބު ވެއްޖެއެވެ. ޝައްކު ފިލުވައިލަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ޒަނީނަކީ އަންހެނުންނާ ސަމާސާކުރާ މީހެއް ނޫނެވެ. ކައި ނިމުނު އިރު އޭނާއަށް ޒަނީނުގެ މައުސޫމުކަން ކަށަވަރުވިއެވެ.
ކެއުމަށްފަހު މިއުޒިކް ޝޯއެއް އޮތެވެ. މަރިޔަމަށް ގެއަށް ދެވުނުއިރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. އޭނާ ގެއަށް ވަން އިރު އެ ފިނީގައި ބަގީޗާގަައި ޒަނީން އިންތަން ފެނުމުން ހައިރާންވިއެވެ. އޭނާގެ ޝައްކު އަނެއްކާވެސް އެނބުރި އައެވެ. އޭނާ ބަގީޗާ ތެރެއިން ޒަނީން އިން ދިމާއަށް މިސްރާބު ޖެހިއެވެ. ޒަނީނަށް މަރިޔަމް އަންނަތަން ފެނުނެވެ. އެކަމަކު ހަމަ ފެންނަކަމަށް ވެސް ނަހަދައި އިނީއެވެ. ދެ ތުންފަތް ދޭތެރޭގައި ސިނގިރޭޓެއް ހުއްޓެވެ. އޭނާގެ ވަށައިގެން ބިންމަތި އޮތީ ސިނގިރޭޓު ބަޓުން ފުރިފައެވެ. އޭނާ ފުލުފުލުގައި ސިނގިރޭޓު ބުއީއެވެ. އެއީ އާއްމުކޮށް ކުރާ ކަމެއް ނޫނެވެ. ބިންމަތި ބަލާލާފައި ޒަނީން އެތާ އިންނަތާ ވަރަށް ގިނައިރު ވެއްޖެކަން މަރިޔަމަށް އެނގެއެވެ.
"މި ފިނީގައި ކީއްވެ މިތާ އިށީނދެގެން ތީނީ؟" މަރިޔަމް އެހިއެވެ.
"ދޭ އެތެރެއަށް، އަހަރެން އެބަދަން." ޒަނީން މާގިނަ ވާހަކައެއް ނުދެއްކިއެވެ.
މަރިޔަމް ކަންބޮޑުވެފައި އޭނާއަށް ބަލަހައްޓައިގެން ހުރީއެވެ.
"ބުނެފީމެއްނު އެތެެރެއަށް ވަންނާށޭ!" ޒަނީން ހަޅޭއް ލަވައިގަތެވެ. މަރިޔަމަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އިނދެގެން މިވީ އަހަރެއްހައި ދުވަހުގެ ތެރޭގައި ޒަނީން ރުޅި އައިސްގެން ހަޅޭއްލެވި އަޑެއް އޭނާއެއް ނާހައެވެ. ރުޅި އަތުވެއްޖެނަމަ އިޚްތިޔާރުކުރަނީ ހިމޭންކަމެވެ. އަނގައިން ނުބުނެ ހުންނަނީ އެވެ. ހިމޭނުން ވެސް އެހާ ގިނަ އިރަކު ނުހުންނާނެއެވެ. އެކަމަކު މިހާރު އޭނާއާ ދިމާއަށް އަޑު އުފުލައި ހަޅޭއްލެވީއެވެ. މަރިޔަމް މަޑުންމަޑުން ގޮސް ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވިއެވެ. އޮށޯތުމުގެ ކުރިން ބޭރު ބަލައިލިއިރު ޒަނީން އަދިވެސް މޭޒުމައްޗަށް ދެފައި ނަގައިގެން ސިނގިރޭޓު ބޯން އިނެވެ. ކާވެނި ކުރި ފަހުން ފުރަތަމަ ފަހަރަށް ބީރައްޓެހި އިހުސާސްތަކެއް ކުރެވެން ފެށިއެވެ. ހެނދުނު އޭނާ ހޭލިއިރު ޒަނީން އޭނާ ގާތު ނިދާފައި އޮތެވެ. ޒަނީން ކޮޓަރިއަށް އައީ ކޮން އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެއީ ބަންދު ދުވަހެކެވެ. އޮފީހަށް ނުދާ ދުވަސްދުވަހު ޒަނީން ހޭލަނީ ލަހުންނެވެ. ފިރިމީހާއަށް އައި ކުއްލި ބަދަލާ މެދު ފިކުރު ބޮޑުވެފައި އިނދެ މަރިޔަމް ހެނދުނުގެ ނާސްތާ ކުރިއެވެ. އެކަމަކު ޒަނީން ނިދިން ތެދުވެ މާފަށް އެދުމުން އެ ހުރިހާ ހާސްކަމެއް ފިލިއެވެ. އެރޭގެ ހާދިސާ ހަނދާން ނައްތާލާފައި އޭނާ ޒަނީނަށް މާފުކުރިއެވެ.
ވިދިގެން އައި ދެތިން ހަފްތާ ތެރޭ، ޒަނީން އުޅޭ ގޮތަށް އެއްވެސް ބަދަލެއް އައިތޯ ބަލަން މަރިޔަމް އޭނާއަށް ފާރަލިއެވެ. އެކަމަކު ޝައްކުކުރެވޭ ކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. އައި ހަމައެކަނި ބަދަލަކީ ބަސް މަދުވުމެވެ. މަރިޔަމް ޒަނީންގެ ގާތް ރައްޓެހިިންނަށް ގުޅައި އެވާހަކަ ހިއްސާކުރިއެވެ. އެމީހުންގެ ފަރާތުން ވެސް އެނގުނީ މިހާރު ޒަނީން ވަރަށް ބަސް މަދު ވެއްޖެކަމެވެ.
"މިހާރަކަށް އައިސް ވަރަށް ބަސް މަދުވެއްޖެ. ޚާއްސަކޮށް މި ތިން ހަތަރު ހަފްތާއެއް ތެރޭ. ބޭރަށް ދަނީވެސް ވަރަށް މަދުން." އެ މީހުން ވެސް މަރިޔަމް ގާތު ޝަކުވާ ކުރިއެވެ.
މަރިޔަމް ހާސްވާ ވަރުގެ ކަމެއް އެމީހުންގެ ފަރާތަކުންވެސް ނޭނގުނެވެ. މިޒާޖުގެ ގޮތުންވެސް ޒަނީނަކީ މަޑުމައިތިރި ބަސްމަދު މީހެކެވެ. އެކަމުގެ ސަބަބުން މަރިޔަމްގެ ހަޔާތަށް އެއްވެސް އަސަރެެއް ކުރާނޭ ކަމަކަށް މަރިޔަމަކަށް ނުފެނެއެވެ.
***
"އަހަރެން ބޭނުންވަނީ މަންމަ ވެސް އަހަރެމެންނާއެކު މިގޭގައި އުޅެން." އެއް ރެއަކު ޒަނީން ބުންޏެވެ. އޭނާ އޮތީ އެނދުގައެވެ. މަރިޔަމް އިނީ ޑްރެސިން ޓޭބަލް ކައިރީގައި މޫނުގައި ކްރީމް އުނގުޅާށެވެ.
"ކީކޭ؟" މަރިޔަމް ޒަނީނާ ދިމާއަށް އެނބުރިލިއެވެ.
"އަހަރެން ބޭނުންވަނީ އަހަރެމެންނާއެކު މިގޭގައި މަންމަ ވެސް އުޅެން." ޒަނީން އޭނާގެ ވާހަަކަ ތަކުރާރުކުރިއެވެ.
"ކިހިނެއްވީ؟" ހަގީގަތުގައި ވެސް އޭނާ ހައިރާންވިއެވެ.
"މަންމަ އުޅެނީ އެކަނި މާއެކަނި."
"މަންމަ އުޅުނީ އަބަދުވެސް އެކަނި."
"މަރިޔަމް ކުރިން މަންމައާއެކު އުޅުނީމެއްނުން."
"މަންމަ އެކަނި އުޅޭތާ މިހާރު އަހަރެއް ވެއްޖެ. އެކަން މައްސަލައަކަށް ހަދައިގެން މަންމައެއް ނޫޅޭ،" އެމީހުންނާ އެކު އުޅެން މަންމަ ގެންނަންނަ ޒަނީން އުޅެނީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނެއެވެ.
"އެއީ މަރިޔަމަށް ފަސޭހައަކަށް. މަންމަ އަތުވެއްޖެނަމަ މަރިޔަމަށް ލުއިވާނެ."
"ނޫން. އަހަންނަށް އެކަނި އުޅެވޭނެ."
"މަރިޔަމް ހާދަ ގޮތް ދޫނުކުރެއޭ ދޯ." ޒަނީން އަނެއްކާވެސް ރުޅި އަތުވެއްްޖެއެވެ.
"އަހަރެން ގޮތް ދޫނުކުރަނީކީ ނޫން. އެކަމަކު މިހާރު މަރިޔަމްގެ މަންމަ ދަނބިދަރީގެ ގެއަށް ބަދަލުވެއްޖެއޭ ބުނާ އަޑު އަހާކަށް ބޭނުމެއް ނޫން."
"އެހެން ބުނާނީ ކާކު، ބުނެބަލަ."
"ޒަނީންގެ އާއިލާ މީހުން."
"އަހަރެންގެ އާއިލާ މީހުން ތިކަހަލަ ކޫސަނި ވާހަކައެއް ނުދައްކާނެ. ދެއްކިޔަސް އެކަމަކާ އަހަރެން ކަންބޮޑެއްނުވޭ."
"އެކަމަކު އަހަރެން ކަންބޮޑުވޭ... އެހެން ނޫނަސް މިގޭގައި އުޅޭކަށް މަންމަ ބޭނުމެއްވެސް ނުވާނެ." މަރިޔަމް މޮޅު އުކުޅެއް ބޭނުންކޮށްލީއެވެ. މަންމަގެ ބޮލުގައި އެކަން އެޅުވީއެވެ.
"މަރިޔަމް ކޮންމެހެން މަންމައާ ދޭތެރޭ ވިސްނާނެ ކަމެއް ނެތް. އަހަރެން މަންމައާ ވާހަކަ ދައްކާނަން." މިހާރު ޒަނީން ހުރީ އުފަލުންނެވެ.
"ނޫން، ޒަނީން. މަންމަ މިގޭގައި އުޅުން ރަނގަޅެއް ނުވާނެ."
"ކީއްވެ؟ އަހަރެން މިއުޅެނީ މަންމަ ގާތު މިގެއަށް އަންނާށޭ ބުނަން." ޒަނީންގެ އަޑުގައި ހުރީ ރުޅީގެ އަސަރެވެ.
"އަހަރެންގެ އުފަލަށް ނުވިސްނަނީ ކީއްވެ؟ ތިކަމާ އަހަންނަކަށް އެއްބަހެއް ނުވެވޭނެ." މަރިޔަމް ހަޅޭއްލަވަން ފެށިއެވެ.
"މަރިޔަމާ ޒުވާބުކުރާކަށް އަހަންނެއް ނޫޅެން. އަހަރެން ބޭނުންވަނީ މަންމަ އައިސް މިގޭގައި އަހަރެމެންނާއެކު އުޅެން."
"އެކަމަކު އަހަރެން ބޭނުމެއް ނޫން މިގެއަށް މަންމަ ގެންނާކަށް. ދުވަސްކޮޅަކު އުޅެލަން އައުމާ މެދަކު އަހަރެންގެ އިއުތިރާޒެއް ނެތް. އެކަމަކު ދާއިމަށް މިގޭގައި އުޅޭން އަންނާކަށް އަހަރެން ހުއްދައެއް ނުދޭނަން."
"ހުއްދައޭ؟" ޒަނީން ރުޅި އައިސް ރަތްވިއެވެ. "މަރިޔަމްގެ ހުއްދަ ހޯދަން އުޅެނީ ކާކު؟ މިއީ އަހަރެންގެ ގެ. އަހަރެން ބޭނުން މީހަކަށް މިގޭގައި ހުރެވޭނެ. މިގެއަށް މީހަކު ގެންނާކަށް މަރިޔަމްގެ ހުއްދައެއް ބޭނުމެއް ނުވޭ!" އާއްމުކޮށް މަޑުމަޑުން ވާހަކަ ދައްކާ މީހަކު ރުޅި އައިސްގެން އޭނާއާ ދިމާއަށް ހަޅޭއްލަވާފާނެ ކަމަކަށް މަރިޔަމަށް ގަބޫލެއް ނުކުރެވެއެވެ. އެވެސް އަދި މަންމަގެ ކަމެއްގައެވެ. އޭނާގެ ރުޅިގަނޑުވެސް ކެކިގަތެވެ. " މަންމައަށްޓަކައި އަނެއްކާ އަހަރެން ދޫކޮށްނުލާނެތަ؟ އަހަންނާ ދޭތެރޭ ނުވަތަ ލިބޭން އުޅޭ ދަރިފުޅާ ދޭތެރޭ ނުވިސްނަނީތަ؟ އަހަރެންގެ އެދުން ޒަނީނަށް އެއްޗަކަށް ނުވަނީތަ؟" މަރިޔަމް ހިތާހިތުން ބުނެލިއެވެ.
"މިއީ ޒަނީންގެ އެކަނި ގެއެއް ނޫން. މިއީ އަހަރެންގެ ވެސް ގެ. މިގޭގައި އުޅެވޭނެ މީހުންނާއި ނޫޅެވޭނެ މީހުން ކަނޑައެޅުމުގެ ހައްގު އަހަންނަަށް ވެސް އޮންނާނެ. މަންމަ އެގޭގައި ދިރިއުޅޭތާ އެކާވީސް އަހަރުވެއްޖެ. މިހާރު ތިއުޅެނީ އެގެއިން މަންމަ ނެރެން. ކޮބާ ބޭނުމަކީ؟ އެއީ ޒަނީންގެ މަންމައެއް ނޫން، އަހަރެންގެ މަންމަ. ޒަނީނަށްވުރެ މަންމައާ ގާތްވާނީ އަހަރެން. މައިދައިތައަށްޓަކައި އަނބިމީހާ އާ ދިމާއަށް ހަޅޭއްލަވަންތަ ތިއުޅެނީ؟" މަރިޔަމްގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.
އެއީ ރައްދު ދޭންޖެހޭ ވާހަކައެއް ކަމަކަަށް ޒަނީނަކަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ މަޑުމަޑުން ކޮޓަރިން ނުކުތެވެ.
***
ވިދިގެން އައި ހަތަރު ފަސް ދުވަހަކު މަރިޔަމާ ޒަނީން އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. މަރިޔަމް ހުންނަނީ ރުޅި އައިސްގެން ކުދި ކިޔާލަކިޔާލައެވެ. އޭނާގެ ރުޅި މައިތިރި ކުރާކަށް ޒަނީން އެއްވެސް މަސައްކަތެއް ނުކުރެއެވެ.
(ނުނިމޭ)
ފިރިމީހާގެ ބަސް ބޮލައިލާ ޖަހައިގެން މަރިޔަމަށް ގެއްލުންވުން ނޫން ކަމެއް ނުވާނެ
V reethi... Dhen oyy bayah inthizaaru kurann ???
mi innanee vaahaka upveythoo balan
vaahaka vvsalhi rangalhah viyyaa zaneen mee aslu dhari knneygedhoo
?mariyam meekaakubaa