ބިސްމި ކިޔައިގެން ކޮންމެ ރަނގަޅުކަމެއް ފެށުމަކީ އިސްލާމީ ރިވެތި އަދި މާތް އަދަބުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެއްވި އާޔަތުގައި މާތްﷲ އަންގަވަނީ" اقْرَأْ بِاسْمِ رَبِّكَ – މާނައީ : ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން (ނަންފުޅު ގަނެގެން) ކިޔަވާ ވިދާޅުވާށެވެ." ﷲގެ ނަންފުޅު ގަނެގެން، އެ ނަންފުޅުން ބަރަކާތް ޙާޞިލުކޮށްގެން، ކުރާ ކޮންމެ ކަމެއްވެސް ކުރުމަށް ދީން ގޮވައިލައެވެ. ބިސްމި ނުކިޔާ ފަށާ ކޮންމެ ކަމަކީ ބަރަކާތް ހުސްވެފައިވާ ކަމެކެވެ. ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ." كُلُّ كَلَامٍ أَوْ أَمْرٍ ذِي بَالٍ لَا يُفْتَحُ بِذِكْرِ اللَّهِ عَزَّ وَجَلَّ فَهُوَ أَبْتَرُ - ﷲ ގެ ނަންފުޅު ނުގަނެ ދައްކަން ފަށާ ކޮންމެ ވާހަކައަކީ ނުވަތަ މުހިއްމު ކަމަކީ ބަރަކާތް ކެޑިފައިވާ ކަމެކެވެ." ކޮންމެ ޙަރަކާތެއްވެސް ކުރަންވާނީ އަދި ކޮންމެ މިސްރާބެއްވެސް ޖަހަންވާނީ ބިސްމި ކިޔައިގެންނެވެ. ކާން ފަށާއިރު، ވުޟޫކުރަން ފަށާ އިރު، ހެދުންލާއިރު ، އެއްޗެއް ބޯން ފަށާއިރު، އެއްޗެއް ކަތިލާއިރު ބިސްމިކިޔުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ސުންނަތެކެވެ. ކީރިތިރަސޫލާ عليه الصلاة والسلام ، ޢުމަރު ބިން އަބީ ސަލްމާއަށް ވިދާޅުވިއެވެ. " يَا غُلاَمُ سَمِّ اللَّهَ وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ – މާނައީ : ކޮއިފުޅާއެވެ! ބިސްމިކިޔާށެވެ! ކަނާތުން ކާށެވެ! އަދި ކޮއިފުޅާ އެންމެ ގާތުން ކާށެވެ."
ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރެއްވިއެވެ. " فَكُلُواْ مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِن كُنتُمْ بِآيَاتِهِ مُؤْمِنِينَ - މާނައީ : ތިޔަބައިމީހުން، އެކަލާނގެ އާޔަތްތަކަށް އީމާންވާ ބަޔަކު ކަމުގައި ވަނީނަމަ، އެ އެއްޗެއްގެ މައްޗަށް ﷲގެ އިސްމުފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ ﷲގެ އިސްމުފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ!"
ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ " إِنَّ الشَّيْطَانَ لَيَسْتَحِلُّ الطَّعَامَ الَّذِى لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ - މާނައީ : އެ އެއްޗެއްގެ މައްޗަށް ﷲގެ ނަންފުޅުނުގަނެ (އެބަހީ ބިސްމި ނުކިޔާ) ކާ ކޮންމެ އެއްޗެއް ޝައިޠާނާ އޭނާގެ ނަފްސަށް ހުއްދަކޮށް ގަންނާނެއެވެ." މިބަސްފުޅުގެ މާނައަކީ ޝައިޠާނާ އެ އެއްޗަކުން ކާނެއެވެ. މިކަމުގެ ސަބަބުން އޭގެ ބަރަކާތް ކެޑިގެންދާނެއެވެ. ކީރިތިރަސޫލާ عليه الصلاة والسلام އެއްޗެއް ހިއްޕަވާނަމަ ހިއްޕަވަނީ ތިން ފަހަރު މަތިންނެވެ. ފުރަތަމަ ކޯވަރު ނަންގަވަނީ ބިސްމި ވިދާޅުވެފައެވެ. ފަހު ކޯވަރު ނަންގަވައިފައި މާތްﷲއަށް ޙަމްދކުރައްވައެވެ. ( ނުވަތަ الحمد لله ވިދާޅުވެއެވެ.)
މިއިން އެގެނީ ބިސްމި ކިޔުމަކީ މުސްލިމުންގެ ގާތުގައި ވަރަށް މުހިއްމު ކަމެއްކަމެވެ. މުސްލިމަކު ބިސްމި ނުކިޔާ ހަމަ އެންމެ ކަމެއްވެސް ނުކުރާނެއެވެ. އޭނާގެ އަނބިމީހާގެ ގާތަށް ވަންނައިރުގައި ވެސް ބިސްމިކިޔުން ސުންނަތް ވެގެންވެއެވެ. ލިބޭ ދަރިން ޝައިޠާނާގެ ކިބައިން ރައްކައުތެރިކޮށްދެއްވާތޯއެވެ. ލިބޭ ދަރިފުޅު ރަނގަޅު ކުއްޖަކު ކަމުގައި ލައްވާތޯއެވެ.
މި މަޒްމޫނުގައި ބަލާލާނީ އެއްޗެހި ކަތިލާއިރު ބިސްމިކިޔުމާ ބެހޭގޮތުންނެވެ. އެކަމުގެ ޙިކްމަތާއި ފައިދާއާ ބެހޭގޮތުންނެވެ. މާތްﷲ ވަހީކުރައްވަނީ" فَكُلُواْ مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِن كُنتُمْ بِآيَاتِهِ مُؤْمِنِينَ- މާނައީ : ތިޔަބައިމީހުން، އެކަލާނގެ އާޔަތްތަކަށް އީމާންވާ ބަޔަކު ކަމުގައި ވަނީނަމަ، އެ އެއްޗެއްގެ މައްޗަށް ﷲގެ އިސްމުފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ ﷲގެ އިސްމުފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ!" އެހެން ބަސްފުޅެއްގައި ވަޙީ ކުރެއްވިއެވެ. " وَلاَ تَأْكُلُواْ مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ - މާނައީ : (ކަތިލާހިނދު) އެއެއްޗެއްގެ މައްޗަށް، ﷲގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެތަކެތިން ކެއުމަކީ އުރެދުމެއްކަން ކަށަވަރެވެ."
ކަތިލާ އިރު ތަކްބީރު (ނުވަތަ الله أكبر) ކިޔުމާ ބެހޭގޮތުން މާތްﷲ އަންގަވަނީ " لَن يَنَالَ اللَّهَ لُحُومُهَا وَلا دِمَاؤُهَا وَلَكِن يَنَالُهُ التَّقْوَى مِنكُمْ كَذَلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَبَشِّرِ الْمُحْسِنِينَ - މާނައީ : އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް ﷲގެ ޙަޟްރަތަކަށް ނުދާނެތެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުންގެ ކިބައން އެކަލާނގެ ޙަޟްރަތަށް ދާނީ ތަޤްވާވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި ތިޔަބައިމީހުންނަށްޓަކައި ޚިދްމަތްތެރިކުރެއްވިއެވެ. އެއީ ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް ﷲއަށް ތަކްބީރުކިޔައި އުޅުމަށްޓަކައެވެ. އަދި އިޙްސާންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ!"
އެއްޗެހި ކަތިލާއިރު ބިސްމިކިޔުމާ ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ހަތަރު ރައުޔެއް ވެއެވެ. އަލްމާވަރްދީ ވިދާޅުވާގޮތުގައި" وَلاَ تَأْكُلُواْ مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ - (ކަތިލާހިނދު) އެއެއްޗެއްގެ މައްޗަށް، ﷲގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެތަކެތިން ކެއުމަކީ އުރެދުމެއްކަން ކަށަވަރެވެ." މި ބަސްފުޅުގެ ތަފްސީރުގައި ހަތަރު ރައުޔެއްވެއެވެ. އެއީ:
⦁ މި ބަސްފުޅުގެ މުރާދަކީ ޢަރަބިން ޖާހިލީ ޒަމާނުގައި ބުދުތަކަށް ކަތިލާ އެއްޗެއްސެވެ. މިއީ ޢަޠާއު ގެ ރައުޔެވެ.
⦁ އެކަމަކު އިބްނު ޢައްބާސް ވިދާޅުވާގޮތުގައި އެއީ މުޅަތަކެއްޗެވެ.
⦁ އިބްނު ބަޙްރު ވިދާޅުވާ ގޮތުގައި އެއީ މުޝްރިކުން، ޝިކާރަކޮށްގެން ހިފާ އެއްޗެއްސެވެ. އެމީހުން ޝިކާރަކުރާ އިރު ﷲގެ ނަންފުޅެއް ނުގަނެެއެވެ. ބިސްމިއެއް ނުކިޔައެވެ. މިފަދަ ތަކެތިން ކެއުން މުސްލިމުންނަށް ޙަރާންވާނެއެވެ.
⦁ އެއީ ބިސްމި ނުކިޔާ މުސްލިމުން ކަތިލާ އެއްޗެއްސެވެ.
ބިސްމި ނުކިޔާ މުސްލިމުން ކަތިލާ އެއްޗެހީގެ މަސްކެއުމާ ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔު ތަފާތެވެ.
(ހ) ޙަސަނުގެފާނާއި ޝާފިޢީގެފާނު ވިދާޅުވާ ގޮތުގައި ބިސްމި ކިޔަސް ނުކިޔަސް މުސްލިމަކު ކަތިލައި އެއްޗެހި ކެޔުން ހުއްދަވާނެެއެވެ. ބިސްމި ނުކިއީ ގަސްތުގައި ކަމުގައިވިޔަސް ނުވަތަ ހަނދާންނެތިގެން ކަމުގައިވިޔަސް ޙުކްމުގައި ތަފާތެއް ނެތެވެ.
(ށ) އަބޫޙަނީފާ ވިދާޅުވާ ގޮތުގައި ގަސްތުގައި ބިސްމި ނުކިޔާ ކަތިލި އެތީގެ މަސް ޙަލާލެއް ނުވާނެއެވެ. އެކަމަކު ކަތިލި އިރު ހަނދާންނެތިގެން ބިސްމި ނުކިޔުނު ނަމަ އޭގެ މަސް ޙަލާލުވާނެއެވެ.
(ނ) އިބްނު ސީރީނާއި ދާވޫދު ވިދާޅުގޮތުގައި ގަސްތުގައި ވިޔަސް ގަސްތަކާނުލައިވިޔަސް ބިސްމި ނުކިޔާ ކަތިލާއެތީގެ މަސް ކެއުން ޙަރާމްވާނެއެވެ. މާތްﷲ ވަޙީކުރައްވަނީ " يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ وَمَا عَلَّمْتُم مِّنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُ فَكُلُواْ مِمَّا أَمْسَكْنَ عَلَيْكُمْ وَاذْكُرُواْ اسْمَ اللَّهِ عَلَيْهِ وَاتَّقُواْ اللَّهَ إِنَّ اللَّهَ سَرِيعُ الْحِسَابِ - މާނައީ : އެއުރެންނަށް ޙަލާލުކުރެއްވީ ކޮންއެއްޗެއްތޯ، ކަލޭގެފާނާ އެއުރެން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ޙަލާލުކުރެއްވިއެވެ. އަދި ޝިކާރަކުރާ ޖަނަވާރާއި، ދޫނިގެ ތެރެއިން ޝިކާރަކުރުމަށް އެތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދޭ ޙާލު، ތިޔަބައިމީހުން އުނގަންނައިދިން ޖަނަވާރާއި، ދޫނީގެ ޝިކާރަ، ޙަލާލުކުރެއްވިއެވެ. ﷲ ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން އެ ތަކެއްޗަށް، ތިޔަބައިމީހުން އުނގަންނައިދެމުއެވެ. ފަހެ، އެ ތަކެތި ތިޔަބައިމީހުންނަށް ހިފައިގެން ގެނެސްދޭ ތަކެތީގެ ތެރެއިން ތިޔަބައިމީހުން ކާށެވެ! އަދި، އެ ޝިކާރައިގެ މައްޗަށް (އެބަހީ، ޝިކާރަކުރުމަށް އެ ތަކެތި ދޫކޮށް ފޮނުވާ ހިނދު) ﷲގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ﷲއީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ." މި އާޔަތުގައި އެއްޗެހި ޝިކާރަކުރަން ފޮނުވާލާއިރު ބިސްމިކިޔާފައި ފޮނުވާލުމަށް ވެސް އަންގަވައިފައި ވެއެވެ. މި ޒަމާނުގައި ސުރުމުތި ފަދަ ދޫނިތަކަށް ވެސް ޝިކާރަކުރަން ދަސްކޮށްދޭތަން ފެނެއެވެ. އަދި މިޒަމާނުގައި ބަޑިފަދަ ހަތިޔާރު ބޭނުންކޮށްގެން ވެސް ޝިކާރަކުރެވެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި އެ އެއްޗެހި ކަތިލާ އިރު ބިސްމި ކިޔަން އެންގެވުމުގެ އިތުރަށް، ދޫންޏެއް ނުވަތަ މަސްކެޔުން ޙަލާލު ޖަނަވާރެއް ހިފަން ބަޑިޖަހާ އިރު ބިސްމިކިޔުމަށް އަންގަވައިފައިވެއެވެ. ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ " ޝިކާރަކުރުމަށް ތިބާގެ ކުއްތާ ފޮނުވާލާއިރު ބިސްމި ކިޔައިފައި ފޮނުވާލައިގެން ހިފާ ޝިކާރަ ކާށެވެ!"
الله سبحانه وتعالى އެކަލާނގެ އަޅުންނަށް އުޟްޙިޔާއާއި އެހެނިހެން ޖަނަވާރުތައް ކަތިލާއިރު ބިސްމިއާއި ތަކްބީރުކިޔައިފައި (ނުވަތަ بِسْمِ اللهِ وَالله ُأَكْبَرُ ކިޔައިފައި) ކަތިލާ އެއްޗެއް ކަތިލުމަށް އެންގެވުމުގައި ވަރަށްގިނަ ޙިކްމަތްތަކެއް ވެއެވެ. އެކަމުގައި މުޢުޖިޒާތްތަކެއް ވެއެވެ. ސޫރިޔާގެ ޔުނިވަރސިޓީތަކުގެ އުސްތާޛުންނާއި ދިރާސާކުރައްވާ ޓީމަކުން ކުރެއްވި ދިރާސާތަކެއް މިއަދު ކަށަވަރުކޮށްދޭ ގޮތުގައި ބިސްމި ކިޔާފައި ކަތިލާ އެއްޗެއްސާ، ބިސްމި ނުކިޔާ ކަތިލާ އެއްޗެހީގެ މަސް ޞިއްހީގޮތުން ބަލާއިރު ތަފާތެވެ. ސޫރިޔާގެ ތިރީހަކަށް ޕްރޮފެސަރުންގެ ޓީމަކުން މި ކުރެއްވި ދިރާސާ ބުނާ ގޮތުގައި ބިސްމިޔާއި ތަކްބީރު ކިޔައިފައި ކަތިލާ އެއްޗެހީގެ މަހުގައި ޖަރާސީމެއް ނުހުރެއެވެ. މި ތިރީސް ބޭފުޅުންގެ ތެރޭގައި ކްލިނިކަލް ޑަކްޓަރުންނާއި، ޕެތަލޮޖިކަލް އެނޭޓަމީގެ ޢިލްމުވެރިންނާއި، ކާބޯތަކެއްޗާއި ނިޔުޓްރިޝާނާ ބެހޭ ސްޕެޝަލިސްޓުންނާއި، އެތެރެހަށީގެ ބަލިތަކާބެހޭ ޑަކްޓަރުންނާއި، ނަޢަމުސޫފިގެ މަހާއި ޖަނަވާރުގެ ޞިއްޙަތާ ބެހޭ ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުން މި ދިރާސާގައި ތިންއަހަރު ހޭދަކުރެއްވިއެވެ. ބިސްމިއާއި ތަކްބީރު ނުކިޔާ ކަތިލާ އެއްޗެހީގެ މަހާއި، ބިސްމިޔާއި ތަކްބީރުކިޔާފައި ކަތިލާ އެއްޗެހީގެ މަސް ދިރާސާކުރެއްވިއެވެ. ރަސޫލުﷲގެފާނު އުގަންނައި ދެއްވައިފައިވަނީ ޖަނަވާރާއި ދޫނިސޫފާސޫފި ކަތިލާއިރު "بِسْمِ اللهِ وَالله ُأَكْبَرُ" ކިޔައިފައި ކަތިލުމަށެވެ. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އެއްކޮށްކިޔާކަށް ނާންގަވައެވެ. އެހެނީ ކަތިލުމަކީ އެކަމުގައި އޯގާވެރިކަން ހިމެނޭކަމެއްނޫނެވެ. الرَّحْمَنِ الرَّحِيمِ ނުކިޔަނީ މިހެންވެގެންނެވެ. މި ތިރީސް ބޭފުޅުންގެ ދިރާސާއިން ދުނިޔެއަށް މި ހާމަވި ޙަޤީޤަތަކީ ވަރަށް ޙައިރާންކުރަނިވި ކަމެކެވެ. އިސްލާމްދީނުގައި ހިމެނޭ މިފަދަ ތަޢައްބުދީ ކަންތައްތަކުގައި ވެސް ފޮރުވިފައިވާ ޙިކްމަތްތަކެއްވާކަން އަންގާދޭ ކަމެކެވެ. މިކަމުން ކަށަވަރުވަނީ، މާތްﷲ އާއި އެކަލާނގެ ރަސޫލާ عليه الصلاة والسلام މީސްތަކުންނަށް ކަމަކަށް އަމުރުކުރައްވަނީ އެކަމުން މީސްތަކުންނަށް ފައިދާތަކެއް ލިބޭތީއެވެ. ނުވަތަ ގެއްލުންތަކަކުން އެބައިމީހުން ސަލާމަތްކޮށް ދެއްވުމަށްޓަކައެވެ.
މި ޓީމްގެ މީޑިޔާ ވިރެސްވެރިޔާ ޑރ. ޚާލިދު ޙަލާވާ ވިދާޅުވާގޮތުގައި ލެބޯޓަރީ ތަޖްރިބާތައް ކަށަވަރުކޮށްދޭގޮތުގައި ބިސްމިނުކިޔާ އަދި ތަކްބީރު ނުކިޔާ ކަތިލާ އެތީގެ މަސްގަނޑުތެރޭގައި ޖަރާސީމުތައް އައިނު ހަދައިގެން އުޅެއެވެ. އަދި މަސްގަނޑުތެރޭގައި ލޭތައް ގަނޑުވެފައި ހުރެއެވެ. އެކަމަކު ބިސްމިކިޔާ ތަކްބީރު ކިޔައިގެން ކަތިލާ އެތީގެ މަސްގަނޑުތެރޭގައި އެއްވެސް ޖަރާސީމެއް ނޫޅެއެވެ. ޑރ. ޙަލާވާ ކުވައިތު ނޫސްއޭޖެންސީ (ކޫނާ) އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މިއީ ޢިލްމީ ވަރަށްބޮޑު އިންޤިލާބެކެވެ.
މި ދިރާސާކުރެއްވިގޮތާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ސޫރިޔާގެ ދިމަޝްޤު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ފާމަކޯލޮޖީގެ ޑީން ޑރ. ނަބީލުއްޝަރީފު ވިދާޅުވީ، އެޓީމުން ކަންބަޅިއާއި ބަކަރިއާއި ގެރިއާއި ޖަމަލުފަދަ ނަޢަމުސޫފިތަކާއި ތަފާތު ބާވަތްބާވަތުގެ ދޫނިސޫފާސޫފި ބިސްމިކިޔައި ތަކްބީރުކިޔައިގެންނާއި، ބިސްމި ނުކިޔައި ތަކްބީރު ނުކިޔާ ކަތިލައި އެތަކެތީގެ މަސްތައް ނަގައިގެން ލެބޯޓަރީތަކުގައި ތަޙްލީލުކުރެއްވިިއެވެ. އެ ޓީމުން މި މަސައްކަތް ކުރެއްވިގޮތް ހާމަކުރައްވަމުން ޑރ. ޝަރީފު ވިދާޅުވީ މި ފަދަ މަހުގެ ތަފާތު ސުންކުތަކުގެ ޖަރާސީމު ތަޙްލީލުތައް ހަދައިގެން ލިބުނު ނަތީޖާތައް ކަށަވަރުކުރެވުނެވެ. ބައެއް ސުންކުތައް އެއްގަޑިއިރުވަންދެން ޑިޓޯލް ސޮލިއުޝަން (10 %) ގެ ތެރެއަށް ގަންބާފައި ބެހެއްޓުމަށް ފަހު ތައިގްލައިކޯލޭޓް ސޮލިއުޝަންގައި ދިރުފެންކުރެވުނެވެ. އެއަށްފަހު ތެތްކަމެއް ނެތް އުނދުނެއް ތެރޭގައި 37 ދަރަޖައަށް ހޫނުކުރެވުނެވެ. އެއަށްފަހު މީގެ ބައެއް މަސްތައް ލޭގެ ތެރަހަކާއި ނިއުޓްރިޝަސް ތެރަހެއްގެ ތެރޭގައި، (އައި.އެމް.ބީ ޖައްވެއްގެ ތެރޭގައި) 48 ގަޑިއިރުވަންދެން ބެހެއްޓުނެވެ. ބިސްމިއާއި ތަކްބީރު ކިޔައިގެން ކަތިލެވުނު އެއްޗެހީގެ މަސްތައް މަޑު ފިޔާތޮށިކުލައަކަށް ބަދަލުވެގެންދިޔައެވެ. އަދި އެ ދިރުފެނުގައި އެއްވެސް ކަހަލަ ޖަރާސީމެއް އުފެދެމުންދާ ތަން ފެނިފައެއް ނުވެއެވެ. އެކަމަކު ބިސްމިނުކިޔާ ކަތިލެވުނު އެއްޗެހީގެ މަސްތައް ގަދަ ރަތްކުލައަކަށް ބަދަލުވެގެންދިޔައެވެ. މި ކުލަވަނީ ނޫކުލައަކަށް ބަދަލުވާން ފަށައިފައެވެ. މި ބާވަތުގެ މަހުގެ ދިރުފެނުގެ ތެރޭގައި ޖަރާސީމުތައް އުފެދި ގިނަވަން ފަށައިފައިވެއެވެ.
މި މަސައްކަތުގައި އުޅުއްވި ބޭފުޅެއްކަމުގައިވާ ޑރ. ޢަބަދުލްޤާދިރު ދީރާނީ ވިދާޅުވާ ގޮތުގައި މީސްތަކުންނަށް ބިސްމިއާއި ތަކްބީރު ކިޔައިގެން އެއްޗެހި ކަތިލުމުގެ ޙިކްމަތް ނޭނގުމުގެ ސަބަބުން، މިކަމަށް ސަމާލުކަންދިނުން ކުޑަވަމުންދާކަން ފާހަގަކުރެވެއެވެ. އޭނާ ވިދާޅުވިގޮތުގައި އަލްޢައްލާމާ މުޙައްމަދު އަމީނު ޝައިޚުގެ ޤުރްއާނާ ބެހޭ ދަރްސުތަކުގައި ހާމަކުރައްވާފައިވާ ގޮތުގައި ﷲގެ އިސްމުފުޅު ނުގަނެ ކަތިލާ އެއްޗެހީގައި ލޭތައް ނުފައިބާ ހުރުމުގެ ސަބަބުން އޭގެ މަސްތަކުގެ ތެރޭގައި މައިކްރޯބުތައް އުފެދެއެވެ. ޢިލްމުވެރިން މި ދިރާސާ ކުރެއްވީ މި ވާހަކަ އަޑުއަހައިފައެވެ. އައްދީރާނީ ވިދާޅުވި ގޮތުގައި މި ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ތަކްބީރުކިޔުމުގެ ވާހަކަޔާ މެދު ދެއަތަށް ކިރިވަޑައިގެންނެވިއެވެ. ނަމަވެސް ލެބޯޓަރީ ތަޙްލީލުތަކުން ފެނިވަޑައިގެންނެވި ނަތީޖާތަކުން ހިތްވަރު ލިބިވަޑައިގެން ދިރާސަތައް ކުރިއަށް ގެންދެވިއެވެ.
މި ޓީމުގައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމުގައިވާ ޑރ. ޝަރީފު ވިދާޅުވާ ގޮތުގައި ތަކްބީރު ނުކިޔާ ކަތިލި އެއްޗެހީގެ މަސްގަނޑުގެ ދުލިފަށްތަކުގެ ލޭ ހޮޅިތަކުގައި ވަރަށް ގިނަ ޢަދަދަކަށް ރަތުލޭހަތާތައް ހުރިކަން ފެނުނެވެ. އެހެނެއްކަމަކު ތަކްބީރު ކިޔައިގެން ކަތިލެވުނު އެއްޗެހީގެ މަސްގަނޑު ތެރެއިން ރަތުލޭހަތާތައް ފެނިފައިވާލެއް ވަރަށް މަދެވެ. މަހުގެ ޞިއްޙަތާ ބެހޭ ސްޕެޝަލިސްޓެއް ކަމުގައިވާ ޑރ. ފުއާދު ނިޢުމާ ވިދާޅުވާގޮތުގައި ބިސްމިއާއި ތަކްބީރު ކިޔައިގެން ކަތިލެވުނު އެއްޗެހީގެ ހަށިގަނޑުން ލޭތައް ބޭރަށް ނުކުންނަނީ ތެތް އެއްޗެއް ފެލައިލީމާ ފެން ނުކުން ގޮތަށެވެ. އެހެނެއްކަމަކު ބިސްމި ނުކިޔާ ތަކްބީރު ނުކިޔާ ކަތިލެވޭ ޖަނަވާރުގެ ހަށިގަނޑުން މި ގޮތަށް ލޭތައް ބޭރަކަށް ނުނުކުމެއެވެ. ޑރ. ނިޢުމާ ވިދާޅުވާ ގޮތުގައި ބިސްމި ނުކިޔައި އަދި ތަކްބީރު ނުކިޔައި ކަތިލެވޭ އެއްޗެހީގެ މަސްކެއުމުން އެ މަހުގައި ހުންނަ ޖަރާސީމުތައް މަޢިދާގެ ދުލިފަށްތަކުގެތެރެއިން ލައިފައި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއްގެ ތެރެއަށް ވަދެގެންދެއެވެ. މި ޖަރާސީމުތަކުގައި ހުންނަ ވިހައިގެ ސަބަބުން ހިތުގެ މަސްގަނޑުގައި ލޯވަޅު އެޅެއެވެ.
ޖަނަވާރު ޙިމާޔަތްކުރުމާ ބެހޭ ސޫރިޔާގެ މަޝްރޫޢުގެ ޑިރެކްޓަރު ޑރ. ދާރިމު ޠިބާޢީ ވިދާޅުވާ ގޮތުގައި ބައެއް ޤައުމުތަކުގައި ޖަނަވާރުންނަށް އޯގާވެރިވުމުގެ ނަމުގައި އެ އެއްޗެހި ވަޅިން ކަތިލުމުގެ ބަދަލުގައި ކާންވެގެން މަރައިލަނީ ގޭހެއް ދީގެން ހާސްކޮށްލައިގެންނާއި ކަރަންޓް ޝޮކެއް ދީގެންނެވެ. ނުވަތަ ބަޑި ޖަހައިގެންނެވެ. މި ފަދަ ގޮތްގޮތަށް މަރައިލެވޭ ޖަނަވާރުގެ މަސްގަނޑު ވެފައިވަނީ ޖަރާސީމުތައް ހެދިބޮޑުވުމަށް ލިބިފައިވާ ރަނގަޅު ދަނޑަކަށެވެ.
މި ދިރާސީ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމުގައިވާ ޑރ. އިބްރާހީމު މަހަރާ ވިދާޅުވިގޮތުގައި ބައެއް މުސްތަޝްރިޤުން ތުހްމަތު ކުރާ ގޮތުގައި އިސްލާމްދީނުގައި އެއްޗެހި ކަތިލަން އަންގަވައިފައިވާ ގޮތަކީ ވަރަށް ރަޙްމުކުޑަ އޯގާވެރިކަމެއް ނެތް ގޮތެކެވެ.އެކަމަކު ޑރ. މަހަރާ ވިދާޅުވާ ގޮތުގައި ރަނގަޅަށް ކަތިލައިފިނަމަ އޭތީގެ ސިކުނޑިއަށް ވައިވަނުން ހުއްޓި ލޭދިޔުން ހުއްޓުމުގެ ސަބަބުން އޭތި ވަގުތުން މަރުވެއެވެ. މިކަމުގެސަބަބުން އެ ޖަނަވާރު ވަގުތުން ހޭނެތި އިޙްސާސް ކެނޑިގެން ދެއެވެ.
މި ޓީމްގައި ހިމެނިވަޑައިގަންނަވާ އެހެން ޢިލްމުވެރިއެއް ކަމުގައިވާ މުޙައްމަދު މުންޒަލިޖީ ވިދާޅުވާ ގޮތުގައި މަސްކެއުމަށް ޓަކައި އެއްޗެހި ކަތިލުން އެންމެ ރަނގަޅު ގޮތަކީ އިސްލާމީ ގޮތެވެ.މި ގޮތަށް ކަތިލުމުން އެ ޖަނަވާރުގެ ލޭގެ ޕްރެޝަރ މަޑުމަޑުން ދަށަށްގޮސް ނެތިގެންދާނެއެވެ.އެހެނިހެން ގޮތްގޮތަށް ޖަނާވަރު މަރައިލުމުން އޭތީގެ ގުނަވަންތައް ވާވެގެން ދެއެވެ. މި ކަމުގެ ސަބަބުން އޭތީގެ ހަށިގަނޑުން ލޭތައް ބޭރަކަށް ނުނުކުމެއެވެ.މިކަމުގެ ސަބަބުން އޭތީގެ ޕްރެޝަރ މައްޗަށް ގޮސް 10 މިނެޓެއްހާއިރު އޭއްޗަށް ވޭނާއި އުނދަގޫ ބަރުދާސްތުކުރަން ޖެހުމެވެ.އޭތީގެ ހަން ނޮޅާއިރު އޭތީގެ ނާރުތައް ލެއިން ފުފިފައިވާ ތަން ފެނެއެވެ. މިހެންވެ އޭތީގެ މަސްތައް 24 ގަޑިއިރުވަންދެން 4 ދަރަޖައިގެ ފިނިމިނުގައި ބަހައްޓަން ޖެހެއެވެ. އެހެނަސް ﷲގެ އިސްމުފުޅު ގަނެގެން ތަކްބީރު ކިޔައިގެން ކަތިލެވޭ ޖަނަވާރު ހަންނޮޅުމަށްފަހު ތާޒަކޮށް ހުއްޓައި އެމަސް ވިއްކެއެވެ.އޭގެ ނާރުތައް ލެއިން ހުސްވެގެންވާތީ އެ މަސްތައް ތާޒާކަން މަތީގައި އެއް ދުވަސްވަންދެެން ހުރެއެވެ.
ސައެންސާއި ފަންނިއްޔާތުގެެ ޒަމާނުގައި އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ الله سبحانه وتعالى، އެކަލާނގެ ސިފައިންގެ ތެރޭގައި ސައެންސް ހިމެނުއްވި ތަނެވެ. އެކަލާނގެ ބަސްފުޅުތައް ތެދުކޮށް ދެއްކެވުމަށްޓަކައި ސައެންސްގެ ހޯދުންތައްް ބޭނުންކުރެއްވި ގޮތެވެ. މިކަމުގެ ސަބަބުން މުއުމިނުންގެ ހިތްތަކުގައި އިމާންކަމުގެ ނޫރު ވަރުގަދަވެގެންދާނެއެވެ. މުސްލިމުންނަށް އެމީހުން ތިބީ ޙައްޤުގެ މަތީގައިކަން ކަށަވަރުވެގެންދާނެއެވެ. އިސްލާމްދީނުގެ މަތިވެރިކަމާއި ،ކީރިތިރަސޫލާގެ ބަސްފުޅުތަކުގެ ތެދުކަން އިތުރަށް ހާމަވީއެވެ. އިތުރަށް ދަންނަވާނީ ކީކޭތޯއެވެ؟ سبحان الله އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ!