މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރެއިން ވަރަށް ޚާއްޞަ ތާރީޚީ މަޤާމެއް ހޯއްދަވާފައިވާ ޝަޚްޞިއްޔަތެއްކަމުގައިވާ ޢައްލާމާ ޑޮކްޓަރ މުޙައްމަދު އިޤްބާލުގެ ޙަޔާތްޕުޅާ ބެހޭގޮތުން ރާއްޖޭގެ މަޝްހޫރު ލިއުންތެރިއެއްކަމުގައިވާ ޢަބްދުﷲ ފާރޫޤް ޙަސަން ލިއުއްވި ފޮތް ޗާޕުކޮށްގެން ނެރެފިއެވެ.
ފާރޫޤ ް ޙަސަން ވިދާޅުވި ގޮތުގައި މުސްލިމުންގެ ސިޔާސީ މުފައްކިރުންނާ ބެހޭ ފޮތެއް މީގެ ކުރިން ދިވެހިބަހުން ލިޔެ ޗާޕުކޮށް ނެރެފައެއް ނެތެވެ.
"ބައެއް ބޭބޭފުޅުންނާ ގުޅޭ ގޮތުން މަޒުމޫނުތަކެއް، ހަވާލާދީ ލިއުންތަކެއް ލިޔެފައި ހުރެދާނެ. އަޅުގަނޑު ވެސް ފަސް ބޭފުޅަކާ ބެހޭ ގޮތުން މަޒުމޫނުތަކެއް ލިއުނިން." ފާރޫޤު ވިދާޅުވިއެވެ. "ޢައްލާމާ ޑޮކްޓަރ މުޙައްމަދު އިޤްބާލާ ބެހޭ ގޮތުން އަޅުގަނޑު މި ލިއުނު ފޮތަކީ މުސްލިމުންގެ ސިޔާސީ މުފައްކިރަކާ ގުޅޭ ގޮތުން ދިވެހިބަހުން ލިއުނު ފުރަތަމަ ފޮތް."
ފޮތް ލިއުއްވުމަށް ފާރޫޤު ތިން ފޮތަކުން މައުލޫމާތު ހޯއްދަވާފައިވެއެވެ.
ފޮތާ ބެހޭ ގޮތުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ލިއުއްވާފައިވެއެވެ.
"ޝައްކެއްވެސް ނެތެވެ. މިއީ ޑރ އިޤްބާލާ މެދު ޒުވާނުންނާއި ކުޑަކުދީންނާއި ކިޔަވާ ކުދީންނާއި އިޤްތިޞާދީ މާހިރުންނާއި ސިޔާސީ ޒަޢީމުން ނުހަނު ޝައުޤުވެރިވާނޭ ފޮތަކަށް ވާނެއެވެ. މިއީ ކުރިމަގުގެ ޗާޓުތައް ކުރަހާން، ވިސްނުންތައް ފުޅާކުރާން، ގައުމީ ތަސައްވަރާއި ގައުމީ ތަރައްގީގެ ރޭވުން ރާވާން ކުރާ ޚިޔާލާ މަޝްވަރާއަށް ބޭނުންތެރި ފޮތެއްކަމުގައި ވާނެއެވެ. ޢިލްމީ ދިރާސާތައް އެކި ނަޒަރުތަކާއި އެކި ދާއިރާތަކުގައި ކުރުމުގައި މުހިންމު ހަވާލާއަކަށް މި ފޮތް ވާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ."
ޑރ އިޤްބާލާ ގުޅޭ ގޮތުން ފާރޫޤް ލިއުއްވި ފޮތުގައި އިޤްބާލުގެ ޙަޔާތްޕުޅުގެ އެކި ދައުރާއި ސިޔާސީ ޚިޔާލުފުޅުތައް ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައި ވެއެވެ.
ފޮތް ޗާޕްކޮށް ނެރުނީ ދިވެހި ބަހުގެ އެކެޑަމީންނެވެ. އެތަނުން ފޮތް ހިލޭ ބަހަމުން އެބަގެންދެއެވެ.
ފާރޫޤް ޙަސަން ލިއުއްވާފައިވާ މަޝްހޫރު ފޮތްތަކުގެތެރޭގައި ބަދުރުގެ މައިދާނުން ހަނގުރާމައިގެ ޝަހީދުން، ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް، ރަސޫލާގެ ކައިވެނިފުޅުތަކާމެދު ކުރެވޭ އިޢުތިރާޒުގެ ޖަވާބު، އަދި ހަތަރު ޚަލީފާއިންގެ ވާހަކަ ހިމެނެއެވެ. އޭގެ އިތުރަށް އިސްލާމީ ތާރީޚާ ގުޅުން ހުރި މުޙައްމަދު ބިން ޤާސިމާއި އެންމެ ފަހުގެ ޙަމަލާއަކީވެސް ފާރޫޤް ލިއުއްވި މުހިއްމު ދެ ފޮތެވެ.