އިސްމާއީލް މެންކު ދީނީ ދަރުސް ދެއްވާނީ މާލެއާއި، އައްޑުއާއި ކުޅުދުއްފުށީގައި

މުފުތީ އިސްމާޢީލް މެންކު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ދެއްވުމަށް ބާއްވާ ހަރަކާތްތައް އޮންނާނީ މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މެންކު ރާއްޖެއަށް ވަޑައިގަންނަވަނީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނާއި އިސްލާމްދީނާބެހޭ ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ދީނީ ޢިލްމުވެރިޔާގެ މިދަތުރުފުޅަކީ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރު ފުޅެކެވެ.

މިދަތުރުފުޅުގައި މިމަހު 14 އިން 18 އަށް ތަފާތު ޕްރޮގްރާމްތައް ވަނީ ރާވައިފައެވެ.

އެގޮތުން މިމަހު 14 ވަނަދުވަހުގެރޭ 8:15 ގައި މާލޭ ސިޓީ ކާނިވާ ސްޓޭޖުގައި ދީނީ ދަރުސް ދެއްވާނެއެވެ. އަދި 15 ވަނަ ދުވަހުގެރޭ 8:15 ގައި އައްޑޫ ސިޓީ ހިތަދޫ، ނޫރާނީ ސްކޫލް ހޯލުގައި ދަރުސް ދެއްވުން އޮންނާނެއެވެ. އޭގެ އިތުރުން 16 ވަނަ ދުވަހުގެރޭ 8:15 ގައި ކުޅުދުއްފުށި ސިޓީ، އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަރުސް ދެއްވުން އޮންނާނެއެވެ. އަދި މިމަހު 17 ވަނަ ދުވަހު މާލޭސީޓީގެ އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ވިދާޅުވުން ވެސް އޮންނާނެއެވެ. އަދި 17 ވަނަ ދުވަހުގެރޭ 8:15 ގައި މާލެ ސިޓީ، އިސްލާމީ މަރުކަޒް ޖަލްސާކުރާ މާލަމުގައި ޔޫތު ޑިސްކަޝަން ފޯރަމެއް ވެސް އޮންނާނެ ކަމަށް އިސްލާމިކު މިނިސްޓްރީން ވިދާޅުވިއެވެ. އަދި 18 ވަނަ ދުވަހު ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ބާއްވާ  ވޯކްޝޮޕް  މާލެ ސިޓީ، އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ. މި ވޯކުޝޮޕް ކުރިއަށްދާނީ 8:30 އިން 10:00 އަށް 10:30 އިން 12:00 އަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރުވެސް ބޭރުގެ ޢިލްމުވެރިން ގެންނަވައިގެން މިފަދަ ހަރަކާތްތަކެއް ހިންގަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.