17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި 21 އެއްގަމު އުޅަނދެއްގެ ކުއްޔަށް 1.4 މިލިއަން ރުފިޔާ ޚަރަދު ކުރުމުގައި ކޮރަޕްޝަންގެ ކުށެއް ހިމެނިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. އޮޑިޓަރ ޖެނަރަލްގެ އޮފީހުން 21 ޖުލައި 2013ގައި ނެރުނު ރިޕޯޓުގައިވާ ގޮތުގައި ސާކް ސަމިޓަށް ހިފި އުޅަނދުތައް ކުއްޔަށް ހިފާފައިވާ ރޭޓްތަކަކީ އާއްމުކޮށް އުޅަނދުތައް ދުވަހު ކުއްޔަށް ނުވަތަ ގަޑިއަށް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށާއި ދަތުރުތަކުގެ ތަފްޞީލް ބަލަހައްޓާފައި ނުވުމުން ބިލްކޮށް ފައިސާ ނަގާފައިވަނީ ހަގީގަތުގައި ސާކް ސަމިޓުގެ ބޭނުންތަކަށް އެ އުޅަނދުތައް ބޭނުންކޮށްފައިވާ ގަޑިތަކަށްކަން ޔަގީންކުރެވިފައި ނުވެއެވެ.
މިމައްސަލައިގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި 21 ވެހިކަލް ކުއްޔަށް ހިފުމަށް އިޢުލާންކޮށް ބިޑް ހުށަހަޅާފައިވާކަން ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުންނާއި މި ކޮމިޝަންގެ ތަޙްޤީޤަށް ބަޔާންދިން ފަރާތްތަކުގެ ބަހުން އެނގޭތީ އާއި، އުޅަނދުތައް ކުއްޔަށް ނަގާފައިވާ ރޭޓްތަކަކީ އާންމުކޮށް އުޅަނދުތައް ކުއްޔަށް ހިފާ ރޭޓްތަކަށްވުރެ ބޮޑު ރޭޓްތަކެއް ކަމަށް މި މައްސަލައިގެ ޝަކުވާގައި ބަޔާންކޮށްފައިވީނަމަވެސް އުޅަނދުތައް ކުއްޔަށް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ވަކި ރޭޓެއް ހަމަޖައްސާފައިނުވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި، ސާކް ސަމިޓް ދުވަސްވަރު ޚިދުމަތް ދިން ފަރާތްތަކުންނާއި ތަކެތި ކުއްޔަށްދިން ފަރާތްތަކުން އެދުވަސްވަރުގެ ޑިމާންޑަށް ބަލާ ޚިދުމަތާއި ތަކެތީގެ އަގު ބޮޑުކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވޭތީއާއި،
އޭސީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކުއްޔަށްހިފި އުޅަނދުތަކަށް ފުރަތަމަ ދޫކުރި ފައިސާ ދޫކުރުމަށް ތައްޔާރުކުރި ޕޭމަންޓް ވައުޗަރ ތަކުގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރި ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ފައިސާ ދޫކޮށްފައިވަނީ ސާކް ސަމިޓް ނިމުނުފަހުންނެވެ. ވެހިކަލްތައް ކުއްޔަށްހިފާފައިވަނީ އެގްރިމެންޓްކޮށް ވަކި މުއްދަތަކަށް ކަމަށްވާތީ ކުއްޔަށްހިފި ވެހިކަލްތަކަށް ފައިސާ ދީފައިވަނީ އެގްރިމެންޓް ކުރި މުއްދަތަށެވެ. އަދި 17 ވަނަ ސާކް ސަމިޓަށް އައްޑޫ ސިޓީއިން ކުއްޔަށްހިފި ވެހިކަލް ތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލް ބަލަހައްޓާފައިނުވާތީ އެ އުޅަނދުތަކުން ކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލް އެނގެންނެތްކަމުން ބިލްކޮށް ފައިސާ ދީފައިވަނީ ވެހިކަލްތަކުން ކޮށްފައިވާ ދަތުރުތަކަށްކަން ޔަގީންނުވާ ކަމަށާއި އަދި އެކަން ޔަގީންނުކޮށް އައްޑޫ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާތީ އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަމަށް ތަހްޤީޤަށް ފާހަގަކުރެވިފައި ވެއެވެ. އެހެން ނަމަވެސް ޖިނާއީ ކުށެއްގެ ދަޢުވާ ސާބިތުވާ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައެއް ނުވެއެވެ.