ކްރޮއޭޝިޔާގެ ރައީސުކަމަށް ޒޮރާން މިލާނޯވިޗް

ކްރޮއޭޝިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރޮޒާން މިލާނޯވިޗް

ކްރޮއޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޒޮރާން މިލާނޯވިޗް އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ. އިއްޔެ ކްރޮއޭޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސާ ކޮލިންޑާ ގްރެބާ-ކިޓާރޮވިޗް ބަލިކުރައްވައިގެންނެވެ. މިލާނޯވިޗް ވޯޓުގެ %52.7 ކާމިޔާބުކުރެއްވިއިރު، ގްރެބާ-ކިޓާރޮވިޗަށް ލިބިވަޑައިގަތީ ވޯޓުގެ %47.3 އެވެ.

ވާތު ފިޔައިގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި، މިލާނޯވިޗް ވަނީ ރައީސާ ގްރެބާ-ކިޓާރޯވިޗަށް ތާއީދުކުރާ ކަނާތުފިޔައިގެ ޕާޓީތަކުގެ ބައިބައިވުމުގެ ފައިދާ ނަންގަވާފައެވެ.

ފުރަތަމަ ބުރުގައި މަޝްހޫރު ލަވަކިއުންތެރިޔާ މިރޮސްލަވް ސްކޯރޯއަަށް ވޯޓުލީ މީހުންނަކީ މުޅިންވެސް ކަނާތު ފިޔައިގެ ވަޠަނީ މީހުންނެވެ. އެހެންނަވެސް ރައީސާ ގްރެބާ-ކިޓާރޯވިޗް ވަނީ އެމީހުންގެ ވޯޓު ދެވަނަ ބުރުގައި ހޯއް×ދެވުމުގައި ނާކާމިޔާބުވެ ވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވިފައި މިވަނީ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ރިޔާސަތާ ކްރޮއޭޝިޔާ ހަވާލުވިތާ ހަފުތާއެއްވެސް ނުވަނީހެވެ. އީޔޫގެ ރިޔާސަތު ހަ މަސް ދުވަހަށް ބެލެހެއްޓެވުމުގެ އިތުރަށް، ކްރޮއޭޝިޔާ ރައްޔިތުން އެގައުމު ދޫކޮށް ހިޖުރަކުރުމާއި، ކޮރަޕްޝަނާއި، އިގުތިސާދު މަޑުޖެހިފައި އޮތުމުގެ މައްސަލަ އާ ރައީސު މިލާނޮވިޗު ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެއެވެ.

މިލާނޯވިޗް ވަނީ 2011 އިން ފެށިގެން 2016 އަށް ކްރޮއޭޝިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.